ޓީޗަރުން ކުރަމުންދާ ބުރަ އަދި މިންނެއް މަސައްކަތުގެ އަގު އެ ފަރާތްތަކަށް ދެވޭ އުޖޫރައަކުން ދެއްކިދާނެ ކަމަށް ހީކުރުމަކީ ފަހަރުގައި ކުރެވޭ ކުށްހީ އެކެވެ. އެހެން ނަމަވެސް ޓީޗަރުންނަކީ ވެސް ހަމަ އެހެން މުވައްޒަފުން ނުވަތަ ފަރުދުން ފަދައިން ހަރުދުތަކެއް ކުރަންޖެހޭ ބައެއް ކަން ހުރިހާ ފަރާތްތަކުންވެސް ދަންނަން ޖެހޭނެއެވެ.
މިއަދު ހެނދުނު ރާއްޖޭގެ ގަޑިން 09:20 ގައި ރާއްޖޭގެ ޓީޗަރުންނަށް އަޑުއިވިގެން ދިޔަ ރިޔާސީ ބަޔާނުން މޫނު މަތީގެ ކުލަވަރު ވަނީ އުޖާލާވެފައެވެ. ދެކެމުން އައި އެތައް އަހަރެއްވީ ހުވަފެންތަކެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުލަ ޖައްސުވައި ދީފައެވެ. ޓީޗަރުން ކޮށްދެއްވާ އަގުހުރި މިންނެތް މަސައްކަތަށް ރައީސް ސޯލިހު ވަނީ ކުޑަނަމަވެސް ދަރަނި އަދާ ކުރައްވާފައެވެ.
ހެނދުނު 09:20 ގައި ރައީސް ސޯލިހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ އެތައް ޓީޗަރެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލި ވާހަކައެކެވެ. ޓީޗަރުންގެ އާއިލާތައް އެކަމާއި ގުޅިގެން ހިފެހެއްޓުމެއް ނެތް ޝުކުރު ރައީސް ސޯލިހަށް އަދިވެސް ދަނީ އަރުއްވަމުންނެވެ.
ރައީސް ސޯލިހުގެ މި ވައުދު ފުޅާ އެކު ފެނިގެން ދިޔައީ ޓީޗަރުން އެ ބޭފުޅުންގެ އިހުސާސްތައް ސޯޝަލް މީޑިއާ އަދި މިނޫން ވެސް ތަންތަނުގައި ފާޅު ކުރަން ފެށިތަނެވެ. އެގޮތުން ސޯޝަލް މީޑިއާގައި އުފަލުގެ ޝުއޫރު ފާޅު ކުރި އެއް ޓީޗަރަކު ބުނީ، މިއީ އެފަރާތްތަކާ މެދު އަދުގެ ރައީސް ގެންގުޅުއްވާ އޯގާތެރި ކަމުގެ ރިވެތި މިސާލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހިތަށް ހަމަޖެހުން ގެނުވާ، މީގެ އެތައް އަހަރުތަކެއް ކުރިން ދެކުނު ހުވަފެން ހަގީގަތަށް ވެގެން ހިނގައްޖެ ކަމަށެވެ.
މީގެ އިތުރުން ސީއެންއެމް އަށް ވާހަކަ ދެއްކި ޓީޗަރަކު ބުނީ، މިއީ ދުވަހަކު ވެސް ގައުމުގެ ވެރިއެއް ކޮށްދޭނެ ކަމަށް ހީކުރި ކަމެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން މުޅި އާއިލާއަށް އުފާވެރިކަން ގެނުވައިފި ކަމަށެވެ.
މީގެ އިތުރުންވެސް ސީއެންއެމް އާ ވާހަކަ ދެއްކި ގިނަ ޓީޗަރުން ވަނީ އެފަރާތްތަކުގެ އަގު ވަޒަން ކުރެއްވި ހަމައެކަނި ރައީސް އަކީ ރައީސް ސޯލިހު ކަމަށް ވިދާޅުވެފައެވ. އަދި މުސާރައަށް އައި މި ހެޔޮ ބަދަލާއި އެކު ދަރިވަރުންނަށް އުނގައްނައިދިނުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައި ވާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮންމެއަކަސް މިއަދު ރައީސް އިއްވެވީ އުއްމީދީ ރިޔާސީ ބަޔާނެކެވެ. ނިމިދިޔަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން ސަރުކާރުން ފޯރުކޮށްދެއްވި ކަމަށްވެސް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.
ހަމަ ގައިމުވެސް މިއަދު ރައީސް ސޯލިހު އެ ކޮށްދެއްވީ އެތައް އާއިލާތަކެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނުވި ގައުމީ ކަމެކެވެ. މިކަމުގެ ސަބަބުން ދިވެހި ލޮބުވެތި ދަރިންނަށް ދިވެހި މުދައްރިސުންގެ ފަރާތުން އިތުރަށް ފުރިހަމަވެގެންވާ އުނގައްނައި ދިނުމެއް ލިބިގެންދާނެއެވެ.