ads
ކުޑަހުވަދޫ އެއާޕޯޓް
ކުޑަހުވަދޫ އެއާޕޯޓުން މުސާރަދިން އުސޫލެއް ނޭނގޭ!
ދ. ކުޑަހުވަދޫ އެއާޕޯޓް ހިންގަމުންދާ ދާލު ހޯލްޑިންގްސް އިން ޖެނުއަރީ މަހު މުވައްޒަފުންނަށް މުސާރަ ދިނީ ކޮން ހަމަޔަކުން ނުވަތަ އުސޫލަކުން ނޭނގޭކަމަށް އެއާޕޯޓް މުވައްޒަފުން ބުނެފިއެވެ.
Advertisement

ސީއެންއެމަށް މައުލޫމާތު ދެމުން އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފެއް ބުނީ ޖެނުއަރީ މަހުގެ ޕޭ ސްލިޕެއް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނުދޭ ކަމަށެވެ. އަދި އެއްވެސް އެއްޗެއްގައި ސޮއި ނުކުރުވާކަމަށާއި އެހެން ކަމުން މުސާރަ ދިނީ ކޮން ހަމަޔަކުން ކަން ވެސް އެނގެން ނެތް ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއް މަސައްކަތެއް ކުރާ ދެމީހެއްގެ މުސާރާގައި ބޮޑެތި ފަރަގުތައް ވެސް އެބަހުއްޓެވެ. އޭގެ އިތުރުން އެއާޕޯޓް އޮޕަރޭޝަންސްއާ ހަވާލުވެފައިވާ ދާލު ހޯލްޑިންގސުން ދިވެހިންނާ ބިދޭސީންނާ ދޭތެރޭ ވަރަށް ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭކަަމަށް ބުންޏެވެ.

"ދިވެހިންނާއި ބޭރުން މީހުންގެ މެދުގައި ހަމަ ވަރަށް ތަފާތުކުރުން އެބަ ގެންގުޅޭ. އެއް މަސައްކަތެއް، އެއްތަނެއްގައި ކުރާއިރުވެސް ބޭރު މީހާއަށް ބޮޑު އެއްޗެއް ދިވެހި މީހާއަށް ކުޑަ އެއްޗެއް މި ލިބެނީ."

އޭނާ ބުނީ މުސާރާގެ ޝަކުވާ މުވައްޒަފުން ކުރާތާ މިހާރު ފަސް އަހަރުވީ ކަމަށެވެ. ނަމަވެސް އަދިވެސް އެއްވެސް ބަދަލެއް ނާންނަކަމަށާއި މެނޭޖްމެންޓުން އެއްވެސް ޖަވާބެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

މުސާރާގެ މައްސަލާގައި ކުޑަހުވަދޫ އެއާޕޯޓުގައި މިއަދު ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. މިއަދު ހެނދުނު ފެށި އިހުތިޖާޖުގައި އެއާޕޯޓް އޮޕަރޭޝަންސްގެ 25 ވުރެ ގިނަ މުވައްޒަފުން ބައިވެރިކަމަށް އެއާޕޯޓު މުވައްޒަފެއް ވަނީ ބުނެފަ އެވެ. އަދި ބައިވެރިވާން އުޅުނު ބައެއް މުވައްޒަފުންނަށް ޑިޕާޓްމަންޓްތަކުން އިންޒާރުދިން ކަމުގެ ތުހުމަތު ވެސް އޭނާ ވަނީ ކޮށްފަ އެވެ.

މުސާރަ މައްސަލައާ ގުޅޭގޮތުން މުވައްޒަފުން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ދާލު އެއާޕޯޓުން ދާލު އެއާޕޯޓުގެ މެނޭޖަރަށް ގުޅާލުމުން އޭނާ ވޖދާޅުވީ އެފަދަ ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި އެފަދަ ހަބަރުތައް ފެންނާތީ ވަރަށް ހައިރާންވާކަމަށެވެ.

ނަމަވެސް ސީއެންއެމާ ވާހަކަ ދެއްކި މުވައްޒަފު ބުނީ އިހްތިޖާޖު ކުރަމުން ދަނިކޮށް އެއާޕޯޓް މެނޭޖަރު ރަށުން ބޭރުގައި ހުރެފައި އެނބުރި އައި ކަމަށެވެ. އަދި އޭނާ އައުމުން މީހަކު ފޮނުވާ، އިހުތިޖާޖުގައި ބައިވެރިވި އެންމެން އެއާޕޯޓުން ނިކުންނަން އެންގި ކަމަށް ބުންޏެވެ.

އޭނާ ބުނީ އެއާޕޯޓް ހިންގާ ކުންފުނީގެ މައި ކުންފުނި ރިއޯލޯގެ އޯނަރު އެއާޕޯޓަށް އަންނަ ކޮންމެ މެނޭޖަރެއްގެ "ބޯ ކާލާ" ކަމަށެވެ. އަދި ރަށު ކައުންސިލް ވެސް އޮންނަނީ ރިއޯލޯ ދަށުވެފައި ކަމަށް އޭނާ ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބައެއް މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލުމުން އެއާޕޯޓް އޮޕަރޭޝަންސްތައް ކުރިއަށް ގެންގޮސްފައިވަނީ މަންތާ އެއާގެ މުވައްޒަފުން ބޭނުންކޮށްގެނެވެ. މަންތާ އެއާ އަކީވެސް ރިއޯލޯ ގްރޫޕްގެ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް