މި އިހްތިޖާޖް ކޮށްފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އިހްތިޖާޖުގެ ބައިވެރިވަނީ ދޫނިތައް މަރާލުން ކުއްވެރިކޮށް ލިޔެފައިވާ ބޯޑުތަކަކާއިއެކު ޝުއޫރު ފާޅުކޮށްފައެވެ. މި އިހްތިޖާޖުގައި ބައެއް ބައިވެރިން އެމީހުން ގެންގުޅޭ ދޫނިތައް ވެސް ބައިވެރިކޮށްފައިވެއެވެ.
މިއަދު ހަވީރު ބޭއްވި މި އިހްތިޖާޖުގައި އިހްތިޖާޖުގެ ބައިވެރިން ވަނީ ރަހުމުކުޑަ އެއަމަލު ކުއްވެރިކޮށް އެކަން ކުރި ބަޔަކަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ. މި އިހްތިޖާޖުގައި އެކި އުމުރުފުރާގެ މީހުން ވަނީ ބައިވެރިވެފައެވެ. ހާއްސަކޮށް ޒުވާނުން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ފެޓްގެ ގޮތުގައި ދޫނި ގެންގުޅުމަކީ އާއްމުކަމެެކެވެ. އެފަދަ މީހުން އެ އެއްޗެހި ގެންގުޅެނީ އަމިއްލަ ދަރިން ފަދައިންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަރަންޓީނު ޔުނިޓުގައި ހުރި 120 ދޫންޏެއް މަރާލި މައްސަލަ އިއްޔެ ސޯޝަލް މީޑިއާގައި އާއްމު ވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި ގަވައިދާއި ހިލާފަށް ދޫނި އެތެރެ ކުރި ނަމަވެސް އެ ދޫނިތަށް ނުމަރާ އަނބުރާ ފޮނުވާލެވެން އޮތްކަން ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.
މަރާލި ދޫނިތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ.
މި މައްސަލައާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މި ދޫނިތައް މަރާ ނުލާ ފޮނުވުމަށް މިނިސްޓްރީއަށް ލަފާ ދީފައި ވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ދޫނިތަށް މަރާލީ އެ ގޮތަށް ކަންކުރުމަށް އޭޖީއިން ލަފާ ދިނުމުން ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވަނިކޮށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، އެ މައްސަލަ މިހާރު އެ ވުޒާރާއިން ބަލަން ފަށާފައި ވާކަމަށާއި، މިކަމާއި ގުޅިގެން އިތުރު ވާހަކައެއް ހިއްސާ ކުރެވޭނީ މައްސަލަ ބެލުމަށް ފަހު ކަމަށެވެ.
މި މައްސަލަ ބަލާ ތަފްސީލީ ރިޕޯޓެއް ރައީސް އޮފީހަށް ހުށައެޅުމަށް ރައީސް ސޯލިހު ވެސް ވަނީ ފިޝަރީޒް މިނިސްޓްރީއަށް މިއަދު އަންގާފައެވެ.
އިިސްލާމުދީނުގައި ދިރިހުރި ކޮންމެ އެއްޗަކަށް އިހުސާންތެރިވެ އަޅާލުމަށް އަންގަވާފައިވާއިރު، އޭގެ ސަބަބުން ތިމާއަށް ގެއްލުމެއް ނުވާނެތަކެތި ޖަނަވާރުންގެ ތެރެއިންވެސް މެރުން ވަނީ މަނާވެގެންނެވެ. ހާއްސަކޮށް ދޫނިފަދަ އިންސާނުންނަށް އޭގެއިން ގެއްލުމެއް ނުވާ ދޫނި މެރުން އިސްލާމު ދީނުގައި ވަނީ މަނާކުރައްވާފައެވެ.