ads
މަޑިވަރު އެއާޕޯޓް ހުޅުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފިސް
މިއަދު ހުޅުވި މަޑިވަރު އެއާޕޯޓް ވާނީ އިންޓަނޭޝަނަލް އެއާޕޯޓަކަށް: ރައީސް
މިއަދު ރައީސް ވަޑައިގެން މަޑިވަރުގައި އެއާޕޯޓް ހުޅުއްވާ ދެއްވައިފިއެވެ.
Advertisement

ޅ. މަޑިވަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓް ރަސްމީގޮތުން މިއަދު ހުޅުވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއާޕޯޓެއް ގާއިމުކުރެވިއްޖެ ކަމުގައި ރައީސް ވަނީ ވިދާޅު ވެފައެވެ.

އަދި ރައީސްގެ ވާހަކަފުޅުގައި މަޑިވަރުގައި އެއާޕޯޓެއް އެޅުމަކީ މީގެ 16 ވަރަކަށް އަހަރުކުރިން ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރައްވާ ފައިވެއެވެ.

މަޑިވަރު އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ހިދުމަތް ދެވެން ހުންނަ އިރު، ޓާމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއް ވެސް ހިމެނެއެވެ.

މިގޮތުން މަޑިވަރު އެއާޕޯޓް ތަރައްގީކުރި ފަރާތުން އެ އެއާޕޯޓް އިތުރަށް ބޮޑުކޮށް އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފެށުމުގެ ތައްޔާރީ ތައްވެސް ވަމުން އަންނަކަން ރައީސް ވަނީ ހާމަކުރެއްވިއެވެ.

މިއަދު އެއާޕޯޓް ހުޅުވިގެން ދިއުމަކީ ފާދިއްޕޮޅުގެ ރައްޔިތުންނާއި އެ ސަރަހައްދުގައި ރިޒޯޓްތައް ހިންގާ ފަރާތްތަކަށް ވެސް ލިބިގެންދިޔަ އުފަލެއް ކަމުގައި ވިދާޅުވެ، އެ އެއާޕޯޓާއެކު އެ އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ހޯމް ސްޓޭގެ ވިޔަފާރިއާ އާއި އަދި އެހެން ވިޔާފާރި ތަކަށް ވެސް ކުރިއެރުން ލިބިގެން ދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެއާޕޯޓް ހުޅުވިގެން ދިޔައީ އެންމެ ފުރިހަމަ ވަސީލަތް ތަކާއެކުގައިކަން ފާހަގަކުރައްވައި އެއާޕޯޓް ހިންގުމަށް ހަވާލުވެފައިވާ އައިލެންޑް އެވިއޭޝަނުން ރައްޔިތުންނާއި ރިޒޯޓްތަކުން ބޭނުންވާ ފެންވަރުގެ ހިދުމަތްތަކެއް ދެއްވުން އެދިވަޑައި ގަންނަވާ ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެކަން ފާހަގަކުރައްވައި މި އަހަރުގެ ތެރޭގައި އިތުރު ދެ އެއާޕޯޓެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަން  ވަނީ ފާހަގަކުރައްވާފައެވެ. 

އަދި މަޑިވަރު އެއަރޕޯޓް ރަސްމީގޮތުން ހުޅުވުމުގެ ގޮތުން މިއަދު އެ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އެވިއޭޝަނުގެ ފަރާތުން ރައީސްއަށް ރަމްޒީ ބޯޑިން ފާހެއް ވެސް ވަނީ ވެދުމަށް އަރުވާފައެވެ. އަދި ކުރެއްދޫ ހޯލްޑިން ލިމިޓެޑް ގެފަރާތުން ހަނދާނީ ފިލައެއް ރައީސް އަށް ވަނީ އަރުވާފައެވެ.

އައިލެންޑް އެވިއޭޝާންގެ ފަރާތުން ބޯޑިން ފާސް ރައީސްއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ކުރެއްދޫ ހޯލްޑިން ގެ ފަރާތުން ރައީސްއާ ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މޫސާއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ ފަރާތުން އައިލެންޑް އެވިއޭޝަނަށް އެރޯޑްރޯމް ސެޓިފިކޭޝަން ހަވާލު ކޮށްދެއްވުން ވެސް އޮތެވެ.

މަޑިވަރު އެއަރޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގެ ފަރާތުން ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް