އެމްޑީޕީން ބޭއްވި އިންތިހާބުގައި ޕީޖީގެ ދެ ނައިބުންގެ މަގާމަށް ކުރިމަތިލެއްވީ ތިން ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. އޭނާއަށް 49 ވޯޓު ލިބިވަޑައިގަތެވެ.
ދެން އެމަގާމަށް ކުރިމަތިލެއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ވޯޓު ލިބުނީ އެއްވަރަކަށެވެ. ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 34 ވޯޓެވެ.
މިކަމާއި ގުޅިގެން އެމްޑީޕީއިން ބުނީ، އިންތިހާބުގައި އެއްވަރުވި ދެ ކެންޑިޑޭޓުންގެ މެދުގައި މިމަހުގެ 28 ވަނަ ދުވަހު ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައި ވާކަމަށާއި، ވޯޓުލުން ކުރިއަށް ގެންދާނީ، އެ ދުވަހުގެ މެންދުރު ފަހު 2:00 އިން 4:00 އަށް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެޕާޓީން ބޭއްވި، އިންތިހާބުގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރުކަން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ކާމިޔާބު ކުރައްވާފައެވެ.
މި އިންތިހާބުގައި އަސްލަމާ ވާދަކުރެއްވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މިހާރުގެ ޕީޖީ ލީޑަރު ޢަލީ އާޒިމަށް ލިބުނީ 25 ވޯޓެވެ. ވޯޓުދެއްވި 65 މެންބަރުންގެ ތެރެއިން އަސްލަމްއަށް ލިބުނީ 40 ވޯޓެވެ.
އަމީންއާންމުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއަށް ލިބުނީ 63 ވޯޓެވެ. އަދި އަމީން އާންމުގެ ނައިބަކަށް ވާދަކުރެއްވި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް 35ވޯޓު ލިބުނު އިރު، އޭނާ އާ ވާދަ ކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމު މުޢިއްޒުއަށް ލިބުނީ 29 ވޯޓެވެ.
މީގެ އިތުރުން އެމްޑީޕީ ޕީޖީގެ ޗީފް ވިޕް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއް މުޣުނީ 34 ވޯޓުން އިންތިހާބުވި އިރު އޭނާ އާ ވާދަ ކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް ލިބުނީ 31 ވޯޓެވެ.