ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ރައީސް ސޯލިހު ދެއްވި އެއްވެސް ބަޔާނެއްގައި ކީރިތި ގުރްއާނަށް ހަޖޫޖަހައި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނުގައި ހުކުމް ކަނޑައެޅިފައިވާ ކަންކަމަށް ގޮންޖަހައި އެމްޑީއެންއާއި އުތެމައިން ނެރުނު ރިޕޯޓު ކުށްވެރި ކުރައްވާފައެއް ނުވާ ކަމަށެވެ. އަދި އެ ރިޕޯޓުތައް ނެރުނު މީހުން ތިބީ އަދިވެސް ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ކަމަށާއި, ސަރުކާރުން އެ ފަރާތްތަކަށް ހިމާޔަތްދެމުންދާ ކަމަށެވެ.
ހަމައެހެންމެ މިސްކިތްތަކުގެ ހުުރުމަތް ކެނޑުމާއި, މިސްކިތްތަކުގައި ފާހިޝް އަމަލުތައް ކުރާއިރު އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އިސްލާމުދީނުގެ ހިމާޔަތުގައި މިހާރު ވެސް އަދި ކުރިމަގުގައި ވެސް މަސައްކަތެއް ނުކުރާނެކަން ރިޔާސީ ބަޔާނުން ހާމަވާ ކަމަށެވެ. އަދި ހަމައެހެންމެ ސަރުކާރުން ދަނީ އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ ކަންކަމަށް ހިތްވަރުދެމުންކަމަށް ވެސް ސަލީމް ތުހުމަތު ކުރެއްވިއެވެ.
ސަލީމް ވަނީ ދަރިވަރުންގެ ފޮތްތަކުން ކީރިތި ގުރުއާނުގެ އާޔަތްތައް އުނިކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ އިސްލާމީ ހަލޯރަތު ބަލިކަށިކޮށް, އިސްލާމީ ވަހުދަތު ނަގާލައި, ދިވެހިންގެ އިސްލާމީ އަގީދާ ބަލިކަށި ކުރުމަށް ބޭރުގެ ނުފޫޒާއެކު ރޭވިގެން ކުރަމުންދާ ކަންކަންކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ.
ކަންމިހެން ހުރިއިރު ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރަން މުޅި ދިވެހި އުންމަތް ތެދުވަންޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ ކަންކަމަށް ހިތްވަރުދެމުންކަމަށް ތުހުމަތު ކުރެއްވިއިރު މި އަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ދިވެހި ގައުމިއްޔަތު ބިނާވެ ދިރިދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދުމެ ސަރުކާރު މިއޮތީ ސަމާލުވެ ހޭލާކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ''މާތްވެގެންވާ އިސްލާމްދީނާއި'', ދިވެހިރާއްޖޭގެ މިނިވަންކަމާއި, ސިޔާދަތާއި, އިސްތިގުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދޭނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހު ވަނީ ހައްޖާއި އުމްރާއާއި, ވަގުފުގެ ކަންކަމާއި, އަދި ޒަކާތާބެހޭ ގާނޫނުތައް އެކުލަވައިލައި, މި އަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފަރުމާގެ އާ މިސްކިތްތައް ބިނާކުރުން ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.