ތެލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން ޓެކްސީ ސެންޓަރު ތަކާއި، ޓެކްސީ ޑްރައިވަރުން ވަނީ ދަތުރުތަކަށް ނަގާ އަގު ބޮޑު ކުރުމަށް ސަރުކާރަށް ހުށައަޅާފައެވެ.
ބޮޑުކުރަން ހުށަހަޅާފައިވާ އަގުތައް
އެކަމާއި ގުޅިގެން ޑްރައިވަރުން ވަނީ މި އަގުތަކަށް ސަރުކާރުން އެއްބަސް ނުވެއްޖެނަމަ މިއަދުން ފެށިގެން ދަތުރުތައް ނުކުރާނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީއާއި ގުޅިގެން ޓްރާންޕޯޓް މިނިސްޓަރު ނަހުލާ އިއްޔެގެ ވަގުތެއްގައި ވަނީ ޓެކްސީ ސެންޓަރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ދެމުން ޓެކްސީ ސެންޓަރެއްގެ ވެރިޔަކު ބުނީ، އިއްޔެ ކުރިއަށް ދިޔަ މަޝްވަރާތަކުގައި މިނިސްޓްރީން އެއްފަހަރުވެސް އަގު ބޮޑު ކުރުމަށް އެއްބަސް ނުވާކަމަށެވެ. އެހެން ނަމަވެސް ހުށައެޅި ބައެއް ކަންކަން ބައްލަވާނެ ކަމަށް، ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
ޑްރައިވަރުން ބޭނުންވި އަގުތަކަށް ސަރުކާރުން އެއްބަސް ނުވުމުން ގިނަ ޑްރައިވަރުން ވަނީ ދަތުރުތައް ހުއްޓާލުމަށް ފަހު އިހުތިޖާޖު ކުރަން ފަށާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ޓެކްސީ ތަކުން އަންނަނީ ހުޅުމާލޭގައި އިހުތިޖާޖު ކުރަމުންނެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ފެށިތާ ކުޑަ އިރުކޮޅެއް ތެރޭ، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރަންޖެހޭ ކަންކަން ސްޓޭކް ހޯލްޑަރުންނާއި އެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.