ޖޭއެސްސީން މިއަދު ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހްގީގު ކުރުމަށް ނޯޓިސްދީފައިވާ އިންނަމާދޫ މެޖިސްޓްރޭޓް އަލީ ނަޝީދުގެ ސުލޫކީ މައްސަލަ ތަހްގީގުކޮށް ނިމިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 12 ވަނަ ބައްދަލުވުމުގައި މެޖިސްޓްރޭޓް އަލީ ނަޝީދުގެ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީގެ ގާނޫނުގައި ވަނީ ފަނޑިޔާރަކާމެދު ހުށަހެޅޭ ޝަކުވާއެއްގައި ހުށަހެޅިފައިވާ ހެއްކާއި, ގަރީނާ ނުވަތަ ކޮމިޝަނުން އެ މައްސަލައާއި ގުޅިގެން ހޯދާ ހެއްކާއި ގަރީނާއަށް ބަލާއިރު އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ބުއްދީގެ ހަމަތަކުން ބުރަވެވޭނަމަ އެ ޝަކުވާއެއް އެ ފަނޑިޔާރަކާ ދެކޮޅަށް ސާބިތުވާކަމަށް ކޮމިޝަނުން ނިންމަންވާނެ ކަމަށެވެ.
މެޖިސްޓްރޭޓް އަލީ ނަޝީދާއި ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މުޖުތަމައު ގަބޫލުނުކުރާ އަހްލާގީ މިންގަނޑާއި ހިލާފު ކަންތައްތަކެއް އޭނާ ކުރައްވަމުން ގެންދަވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެވެ.
ޖޭއެސްސީން މި މަހު ތިންވަނަ ދުވަހު ވެސް ވަނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެއީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައާއި, އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެކެވެ.