ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ މި އަހަރުގެ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެކެއް އޭޕްރީލްވާ ހުކުރު ދުވަހުގެ ހަވީރު 17:30 އިން ފެށިގެން މެޖިސްޓްރޭޓް ކޯޓުތަކާއި, ރަށު ކައުންސިލުތަކުގެ އިދާރާތަކާއި, އަތޮޅު ކައުންސިލުގެ އިދާރާތަކާއި އެ ޑިޕާޓްމަންޓު ހުޅުވިފައި ހުންނާނެ ކަމަށެވެ.
ޑީޖޭއޭއިން ބުނީ ހަނދުފެނިގެން އެ ކަމުގެ މައުލޫމާތުދޭއިރު ހަނދު ފެނުނު ވަގުތާއި, ހަނދު ހުރި އުސްމިނާއި, ހަނދު ދަތުރުކުރާ މިސްރާބު ފަދަ މުހިންމު މައުލޫމާތު ހުށަހަޅަންޖެހޭނެ ކަމަށެވެ.
ހަނދު ފެނުނުކަމުގެ ހެކިބަސްދޭން ޖެހިއްޖެނަމަ މާލޭގައި އެކަން ކުރުން ހަމަޖެހިފައިވަނީ މާލޭގެ ކޯޓެެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަތޮޅުތަކުގެ ރަށްރަށުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކުރިމަތީގައެވެ. ހަމައެހެންމެ މެޖިސްޓްރޭޓް ނެތްނަމަ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅެއްގެ ކުރިމަތީގައެވެ.
އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފައިވާ މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކަށް ވާނީ އޭޕްރީލްމަހުގެ ދެވަނަ ދުވަހެވެ.