މިއަދު ނިޒާމް ފަދައިން އެފަދަ ކޮންމެ މީހަކު ވެސް އެދެނީ އުންމީދީ ދުޅަހެޔޮ ދިރިއުޅުމަކަށެވެ. ގާފަރު އިންޖީނުގޭގެ 10،000 ރުފިޔާ ލިބޭ ވަޒީފާއެއް އަދާކުރަމުން ދިޔަ ނިޒާމް އެހެން މީހުން ފަދައިން ދުނިޔޭގަ އުޅެން ބޭނުން ވެއެވެ. އުފާވެރި ދިރިއުޅުމަކަށް ނުކުންނަން ކުރި ދަތުރުގެ މަންޒިލް، ބަލި އެނދުގައި އޮންނަން އޭނާ އަށް މަޖުބޫރު ކުރުވީ ދުނިޔޭގައި އުފަލުގައި އުޅެން އޭނާ އެންމެ ބޭނުންވި ދުވަހުގަ އެވެ.
ނިޒާމްގެ ވާހަކަ ތައް "ސީއެންއެމް" އާއި ހިއްސާ ކުރަމުން އޭނާގެ މަންމަ ސޮފިއްޔާ އަބޫބަކުރު ބުނީ ނިޒާމް އަކީ އޭނާގެ ދޮށީ ދަރި ކަމަށާއި، އެ ކުއްޖާ ދުނިޔެއަށް އައި އިރުވެސް އެއީ ވާހަކަ ނުދެއްކޭ ކުއްޖެއް ކަމަށެވެ. އަދި ދައްކާ ވާހަކަ އަޑު ނީވޭ ކުއްޖެއް ކަމަށް ވެސް ސޮފިއްޔާ ބުންޏެވެ.
އެގޮތަށް ވާހަކަ ނުދެއްކި އަޑު ނީވޭތީ ދަރިފުޅަށް ދިރިއުޅުމުގައި އެކި ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހުނު ކަމުގަ ވިޔަސް ނިޒާމް އަކީ އޭރު ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށް އޭނާގެ މަންމަ ބުންޏެވެ.
ނިޒާމް ވެސް ފުރާވަރަށް އަރައި އޭނާވެސް ހިތްއެދޭ ފަދަ ބައިވެރި އަކު ހޯދިއެވެ. އުމުރުން 23 އަހަރުގައި ކައިވެނީގެ އުފާވެރިކަން އޭނާވެސް ލިބިގަތެ އެވެ. އޭނާ ފަދަ ވާހަކަ ނުދެއްކޭ އަޑު ނީވޭ ކުއްޖަކާ ނިޒާމް ކައިވެނިކޮށް އުފާވެރި ދުވަސްތައް ގުނަމުން ދިޔައެވެ. އެހެން މީހުންނެކޭ އެފަދައިން ނެވެ. އެ އުފާވެރި ދިއުޅުމަށް ލޯބިލޯބި ތުއްތު ދެކުދިން ލިބުނެވެ.
ނަމަވެސް އެ އުފާވެރި ހަޔާތަށް ބަނަ ދުވަސް ތަކެއް އައިސް ދާނެ ކަމަކަށް ފަހަރެއްގައި ވެސް އެއްވެސް މީހަކު ހިއެއް ނުކުރެއެވެ. ތަގުދީރުގެ ނިޔާ އަކީ އެކަމެއް ވާން މެދުވެރިވީމަ ލަހެއް ފަހެއް އޮތް އެއްޗެއް ނޫނެވެ. އެ ދިރިއުޅުމަށް އަދި އެ އާއިލާ އަށް ހިތްދަތި އަދި ބަޔާން ކުރަން ދަތި އިހުސާސް ތަކެއް ކުރުވީ ހަގީގަތަށް ބުނާ ނަމަ އެފަދަ ކަމެއް ވެދާނެ ކަމަށް ދުވަހަކު ވެސް ހިތަށް އަރާފައިވާ ގޮތަކަށް ނޫން ކަމަށް ސޮފިއްޔާ ބުންޏެވެ.
ނިޒާމް މާލެ އައިސް އައިޖީީއެމްޗް އިން ޑޮކްޓަރަށް ވަނީ ދައްކާފައެވެ. ޑޮކްޓަރާ ހަވާލާދީ ސޮފިއްޔާ ބުނީ ކިޑްނީގެ ޕްރޮޓީން ލީކްވަނީ ކަމަށެވެ. އެހާ ހިސާބުން ގާތްތިމާގެ މީހުންނާއި އެނޫންވެސް މީސްމީހުން ދެއްވި ދީލަތި އެހީގައި ހަ ފަހަރު އިންޑިއާއަށް ދެވިއްޖެ ކަމަށާއި، އެހެން ނަމަވެސް އިތުރު މާބޮޑު ފަރުވާ އެއް ނުލިބި ބަލީގެ ހާލަތު ބޮޑުވެ މިހާރު ކިޑްނީ މަސައްކަތް ކުރަނީ ހަ އިންސައްތައިގައި ކަމަށް ސޮފިއްޔާ ބުންޏެވެ.
ވަޒީފާއިން ނޯޕޭ ލީވެއް ނަގައިގެން މާލެ އައި ގޮތަށް ނިޒާމް މިވަގުތު ދިރިއުޅެމުން ދަނީ މާލޭގަ އެވެ. އޭނާ ކޮންމެ ހަފްތާ އަކު ތިންފަރަރު، ޑަޔަލިސިސް ހަދަން ޖެހެއެވެ. ނިޒާމްގެ ފުރާނަ ސަލާމަތް ކުރުމަށް މާލޭގައި ދިރިއުޅުމަށް އެ އާއިލާ އަށް މަޖުބޫރެވެ. ނިޒާމްގެ ބައްޕަ އަކީ އުމުރުން ދުވަސް ވެފައި ހުރި ބަލި މީހެކެވެ.
ނިޒާމްގެ އަތްބަކާ ދެދަރިން އެބަތިއްބެވެ. އެ ކުދިންނަށް ހަރަދުކޮށް އެ ކުދިން ކިޔެވުމަށް އެހެން މީހުންފަދައިން ނިޒާމްވެސް އުއްމިދުތަކާއި ހުވަފެން ތަކެއް ދެކޭނެއެވެ. ނަމަވެސް މިއަދު އެ އުއްމީދުތައް ކަފުންކޮށް އެ އާއިލާ އަށް މަޖުބޫރުވީ ނިޒާމްގެ ފުރާނަ ސަލާމަތް ކުރުމަށް މާލެ ބަދަލު ވުމަށެވެ.
ނިޒާމަށް ޑަޔަލިސިސް ހަދަން ޖެހޭތީ އެ އާއިލާ މިވަގުތު މާލެ ބަދަލުވެ، ބޮޑު ކުލީގައި ދިރިއުޅެމުން ދާއިރު އާއިލާގެ މާލީ ހާލަތް ވަރަށް ދަށެވެ. ނިޒާމަށް އޭނާގެ ވަޒީފާ ދޫކޮށްގެން ވާކަށް ނެތެވެ. ނޯޕޭ ލީވްގެ މުއްދަތު ހަމަވެ ސްޓެލްކޯ އަށް ދެފަހަރު ސިޓީ ހުށައެޅުމުން އެފަރާތުން އޭނަ ޑަޔަލިސިސް ހަދަން ޖެހޭ ހަފްތާގެ ތިން ދުވަސް ފިޔަވާ ބާކީ ދެ ދުވަހު، ވަޒީފާ އަށް ނުކުންނަން އަންގާފައިވާ ކަމަށް ނިޒާމްގެ މަންމަ ސޮފިއްޔާ ބުންޏެވެ.
ވަރުދެރަވެ ބަލިހާލު ގައި ވެސް އޭނާ އެ މަޖުބޫރު ދިރި އުޅުމުން އާމްދަނީއެެއް ހޯދުމަށް ހިތްވަރާ އެކު ވަޒީފާ އަށް ދެއެވެ. ބުރަ މަސައްކަތެއް ސްޓެލްކޯ އިން އޭނާ ލައްވާ ނުކުރުވިޔަސް ކޮމްޕިއުޓަރު ކާރީގައި އިނުންވެސް އޭނާ އަށް ވާނީ ހަގީގަތުގައި ބުރަ މަސައްކަތަކަށް ކަމަށާއި، މަހުގެ ފުލް މުސާރަ ނުލިބުނު ކަމުގައި ވިޔަސް ދިރި އުޅުމަށް، ދިރި ހުރުމަށް ފައިސާ ބޭނުން ވާތީ އެކަން ކުރަން މަޖުބޫރު ވެފައި ވާކަމަށް ނިޒާމްގެ މަންމަ ސޮފިއްޔާ ބުންޏެވެ.
ދަރިންނަށްޓަކައި ދިރި އުޅުމަށާއި ދިރި، ހުރުމަށް ދެ ކިޑްނީ ފެއިލްވެފައިވާ ނިޒާމް އެދި އެދި ހުރީ ދީލަތި އޯގާތެރި ފަރާތެއްގެ ކިޑްނީ އަކަށެވެ. އޭ ޕޮޒިޓިވް ލޭ ގުރޫޕްގެ ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތަކަށް އޭނާ ހުރީ އެދި އެދި އެވެ.
ގުޅޭނެ ނަމްބަރު: ނިޒާމްގެ މަންމަ.. 7509377( ސޮފިއްޔާ އަބޫބަކުރު)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( ސޮފިއްޔާާ އަބޫބަކުރު) 7770000046343
ނިޒާމްގެ އާއިލާއިން އެދެނީ ފައިސާގެ ގޮތުނާއި އަދި ކިޑްނީ އެއް ދެވެން ނެތް ނަމަވެސް ނިޒާމް އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ.
ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.