ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ފަނޑިޔާރުން ހުވާކުރެއްވުމަށް ޖޭއެސްސީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝުޖޫން ވިދާޅުވީ ފަނޑިޔާރުކަމަކީ އެކަނިވެރި ބުރަ ބޮޑު މަސައްކަތެއް ކަމަށާއި, އެއީ އަމިއްލަ ކުރިއެރުމާއި މަންފާއަށް ކުރެވޭވަރުގެކަމެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭނީ ވަރަށް ފަރުވާތެރިކަމާ އެކުގައި ކަމަށާއި, ފަނޑިޔާރުކަމަކީ އެ ކަން ކުރެވޭ ގޮތުން މީހުންގެ އިހްތިރާމާއި އިތުބާރު ލިބޭ ފަދައިން ހިތްހަމަ ނުޖެހުމާއި ބަދުބަސް ވެސް ރައްދުވާކަމެއް ކަމަށެވެ.
ހަމައެހެންމެ މަސައްކަތް ކުރައްވަންވާނީ ތިމާއަކީ ހިދުމަތްތެރިއެއްކަމުގައި ދެކިގެން ކަމަށާއި, ވަކި މީހަކަށް ވީތީ ވަކި ގޮތެއް ނުހަދައި ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް ވެސް ޝުޖޫން ވިދާޅުވި އެވެ.
ޝުޖޫން ވިދާޅުވީ މައްސަލަތަކުގައި ގޮތް ނިންމަން ވާނީ މައްސަލައިގެތެރެއިން ހުށަހެޅޭ ލިޔެކިޔުމާއި ހެއްކާއި ގަރީނާ އާ ހަވާލާދީ ގާނޫނީ ސަބަބުތަކުގެ މައްޗަށް ބަަލައިގެން ކަމަށެވެ. އަދި އަމިއްލަ ނަފުސަށް ގަބޫލުކުރެވޭ ގޮތްތަކެއްގެ މައްޗަށް ނުވަތަ ކޯޓު ރޫމުން ބޭރުން ލިބޭ މައުލޫމާތާއި ވާހަކަތަކަށް ބިނާކޮށްނޫންކަމަށް ވެސް ޝުޖޫން ވިދާޅުވި އެވެ.
ހަމައެހެންމެ އެދެވޭ ގޮތެއްގައި ފަނޑިޔާރުކަން ކުރުމަށް މީހާގެ ވިސްނުމާއި އަމަލުތައް ވަކި ގޮތަކަށް ބައްޓަން ކުރަންޖެހޭކަމަށް ވެސް ޝުޖޫން ވިދާޅުވިއެވެ. އަދި ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެންނަ ގޮތާއި, ވަކީލެއްގެ ހައިސިއްޔަތުން ކަންކަން ފެންނަ ގޮތާއި ގިނަ ފަހަރު ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށާއި އެ ގޮތުން އެކަމަށް ސަމާލުވާން ޖެހޭކަން ވެސް ޝުޖޫން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ފަނޑިޔާރުކަމާއި ހަވާލުވާއިރު ގިނަ ފަހަރަށް އެ ކަންކަމަށް ތައްޔާރުނުވެވޭކަން ޝުޖޫން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ގާޒީކަމުގެ ހުވާ ކުރެއްވީ ފޭދޫ/ފިތުރޯނުގެ, އަލްއުސްތާޒާ ޒުލައިހާ ޝީޒާއާއި, ގއ.މާމެންދޫ/ފެހިގެ އަލްއުސްތާޒު އަޙްމަދު ނިމާލެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.