ads
ރ. އުނގޫފާރު
މުށި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ
ތަށި މުށި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިއަދުގެ 11:50 ހާއިރު އެވެ. ރ. އިންނަމާދޫއިން ތަށި މުށި ބަރުކޮށްގެން ދޯނި ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ދޯނި ދިޔަވެ އެއްކޮށް އަޑިޔަށް ދިޔަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާއާއި ގުޅިގެން  އިންނަމާދޫއިން ސީއެންއެމް އާ ވާހަކަ ދެެއްކި އެ ރަށު މީހަކު ބުނީ، އެ ދޯންޏަކީ 45-50 ފޫޓާ ދެމެދުގެ ދިގު މިނުގެ ދޯންޏެއް ކަމަށާއި، ދޯންޏަށް މުށި ބަރު ކޮށް ނިމުނު އިރު ވެސް ކޮންމެވެސް ވަރަކަށް ދޯނި ދިވަޔެފައި ވާކަމަށެވެ. އަދި އެކަމާ ގުޅިގެން ދޯނީގައި ތިބި ދެ މީހުންނާ ސުވާލު ކުރުމުން އެއީ ކޮންމެވެސް ވަރަކަށް ދިޔަވާ ދޯންޏެއް ކަމަށް ބުނި ކަމަށާއި، އެއީ އެހާ ބޮޑު ކަމެއް ނޫން ކަމަށް އެމީހުން ބުނި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ދޯންޏަށް މުށި ބަރުކޮށް ނިމުނު އިރުވެސް ކޮންމެސް ވަރަކަށް ދޯނި ދިޔަވާން ފެށި. އެ މީހުން ކައިރީ އެވާހަކަ އެހީމަ ބުނި އެއީ އެހާބޮޑު ކަމެއް ނޫނެ. މިހެން ކުރިންވެސް ވެއޭ. މުށި ބަރުކޮށްގެން ނައްޓާލުމުން ރަށުގެ އަނެއް ފަރާތައް ގޮސް ބެލިއިރު ދޯނި އޮތީ ހުއްޓިފަ. ދެން ދޯނި މީހާއަށް ގުޅީމަ ބުނި ދިޔަވެގެން ގޮސް އިންޖީނަށް ގެއްލުންވެދާނެތީ އިންޖީނު ނިވާލީއޭ. ދެން އަޅުގަނޑު ވަގުތުން ގުޅިން އުނގޫފާރު ކައުންސިލަށް ގުޅާފަ ބުނިން މިހެން މިހެން ވެގެނޭ އުޅެނީ." ސީއެންއެމް އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން، ރ. އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، މި ހާދިސާގައި ދިޔަވީ އެރަށު ދޯންޏެއް ކަމަށާއި، ދޯނި ދިޔަވެ އަޑިޔަށް ދިއުމުން ދޯނީގައި ތިބި ދެ މީހުން ފަތާފައި އުނގޫފާރަށް އަރާފައި ވާކަމަށެވެ. އަދި އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރ. އުނގޫފާރުން އިންނަމާދޫއަށް ތަށި މުށި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ދޯންޏެއް ދިޔަވެ ރަސްމާދޫ ކައިރިން އަޑިއަށް ގޮސްފައި ވާކަމަށެވެ. 

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، މިއަދު މެންދުރު 12:15 ހާއިރު ކަމަށާއި މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

މި ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް