ދުވަސްތަކެއް ވަންދެން ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާ ފަސް މެންބަރުން އައްޔަން ކުރެއްވިތާ މާ ގިނައިރުތަކެއް ނުވަނީސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވިކަން ހާމަކޮށްފައެވެ.
އޭސީސީއަށް އާ މެންބަރުން އައްޔަންކުރެއްވުމަށްފަހު އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވާނެކަމަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވުމާއެކު, އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ 2012 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަހްގީގުކުރެވި, އިންސާފު ގާއިމު ކުރެވިފައިނުވާތީ އެ މައްސަލަތައް ތަހްގީގުކުރުމުގެ މަގުސަދުގައި ރައީސް އުފެއްދެވި ކޮމިޓީއެކެވެ. އެ ކޮމިޓީއަށް ރައީސް އައްޔަން ކުރެއްވީ އަހްމަދު އަސްއަދާއި, އާސް އަބްދުﷲ އާއި, ނަދީމް އިބްރާހިމާއި, އާމިނަތު ހަސަން އާއި, ފާތިމަތު ސަރީރާ އަލީ ޝަރީފެވެ.
އެ ކޮމިޓީ އުފެއްދެވިތާ ތިން އަހަރުވީއިރު ވެސް, މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.