ads
ރަޝިއާއިން މީގެ ކުރިން ރަހީނު ކުރި ޔޫކްރެއިންގެ ކުޑަކުއްޖެއް
ރަޝިއާއިން ޔޫކްރެއިންގެ އެތައް ކުޑަކުދިންނެއް ރަހީނު ކޮށްފި
ރަޝިއާއިން ޔޫކްރެއިންގެ އެތައް ހާސް ކުޑަކުދިންނެއް ރަހީނުކޮށްގެން ގެންގޮސްފައި ވާކަމަށް، ޔޫކްރެއިން ސަރުކާރުން ހާމަ ކޮށްފިއެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރަޝިއާގެ ސިފައިންނާއި ޔޫކްރެއިންގެ ސިފައިންނާއި ދެމެދު ބަދަލުކުރެވެމުން އަންނަ ހަމަލާތަކުން ސަލާމަތް ކުރުމަށްކަމަށް ބުނެ ރަޝިއާއިން ޔޫކްރެއިންގެ އެތައް ހާސް ކުޑަކުދިންނެއް ވާނުވާ ނޭނގޭ ތަނަކަށް ގެންގޮސްފައި ވާކަމަށެވެ. 

އެގައުމުގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިހާތަނަށް ރަސްމީ ކޮށް ލިިބިފައިވާ އަދަދުތަކަށް ބަލާއިރު، ރަޝިއާއިން ޔޫކްރެއިންގެ 2،389 ކުޑަކުދިން ރަހީނުކޮށްފައި ވާކަމަށް ދައްކާނަމަވެސް އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށެވެ. 

އަދި މިއީ ރަޝިއާއިން ފާޅުގައި ހިންގަމުން އަންނަ އިންސާނީ ބޮޑު ޖަރީމާއެއް ކަމަށާއި، ދުނިޔޭގެ ގައުމުތަކަށް މި މަންޒަރު ނުފެންނާތީ އެކަމާއި ޔޫކްރެއިންއިން ކަންބޮޑުވާކަމަށް ވަނީ ބުނެފައެވެ. އެކުދިންގެ ހާލަތު އެއްވެސް ވަރަކަށް ރަޝިއާއިން ހާމަ ނުކުރާ ކަމަށާއި، އެކުދިން ގެންދިޔަ ތަނެއްވެސް ރަޝިއާއިން ހާމަ ކޮށްފައި ނުވާކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހަމަލާތަކުން ސަލާމަތް ކުރުމަށް ކަމަށްބުނެ ރަޝިއާއިން ޔޫކްރެއިންގެ ކުޑަކުދިން އެއްވެސް ތާކަށް ގެންދަން ނުޖެހޭނެ ކަމަށާއި، ޔޫކްރެއިންގެ ރައްޔިތުންނަށް ސަލާމަތްކަން ފޯރުކޮށްދޭން މަސައްކަތް ކުރާނީ ޔޫކްރެއިން އިން ކަމަށެވެ. 

ދުނިޔޭގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ މި ބަޔާން ނެރުނުތާ ކުޑަ އިރުކޮޅެއް ތެރޭ ޔޫކްރެއިންގައި ހުންނަ އެމެރިކާގެ އެމްބަސީއިން ނެރުނު ބަޔާނެއްގައި ބުނީ، ރަޝިއާއިން ރަހީނުކޮށްގެން ގެންދިޔަ ކުޑަކުދިން އަނބުރާ އާއިލާތަކާއި ހަވާލު ނުކޮށްފިނަމަ މަސްރަހު އިތުރަށް ގޯސްވާނެ ކަމަށާއި، ސުލްހަ ގާއިިމް ކުރުމަށް އެކަމާއި ގުޅިގެން ހުރަސްތަކާއި ކުރިމަތި ވާޏެ ކަމަށެވެ. 

އަދި މިހާރުން މިހާރަށް ރަޝިއާއިން ރަހީނު ކުރި ކުޑަކުދިން ދޫކޮށްލުމަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ. 

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިން އަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން ޔޫކްރެއިން މުޅިން ސުންނާފަތި ވެފައި ވާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ހަނގުރާމަ ހުއްޓާލިނަމަވެސް ޔޫކްރެއިން އެނބުރި އައުމަށް ދުވަސްތަކެއް ނަގާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް