ads
ފާތުމަތު ޒުމްނާ...
ފިރިމީހާ ހުރީ ކިޑްނީ ދޭން ތައްޔާރަށް، ނެތީ ފުދުންތެރިކަން!
އެތައްފަހަރަކު އެތައްބަޔެއްގެ ދީލަތި އެހީއާއެކު، ރާއްޖެއިން ބޭރަށް ގޮސް ޒުމްނާ އެ ދަނީ އޭނާގެ ބައްޔަށް ފަރުވާ ހޯދަމުން ނެވެ. ނަމަވެސް އޭނާ ތަހައްމަލު ކުރަން ޖެހިފައިވާ ބައްޔެއް ކަމަށްވާ ކިޑްނީ ބަލިން ޒުމްނާ ވަނީ އަރައިގަނެވޭނެ ގޮތެއް ނޭގި ފައެވެ.

ތ. ތިމަރަފުށްޓައް އުފަން ފާތިމަތު ޒުމްނާ ކައިވެނީގެ ގޮށް ޖަހާލީ އެ ރަށު އަހުމަދު އާމިރު އާ 2002 ވަނަ އަހަރުގަ އެވެ. ހަޔާތުގެ ފޮނި އުންމީދުތަކާ އެކުގައި އެ ދެމަފިރިން އަމިއްލަ ގެއެއް ގައި އުފާ އުފަލުން ދިރިއުޅެމުން ދަނިކޮށެވެ. 

ކައިވެންޏަށް ތިން ވަނަ ކުއްޖާ ލިބުނު ފަހުން އެ ދެމަފިރިންނަށް ލިބިގެން ދިޔައީ ހިތާމަ ވެރި އަދި ގަބޫލު ކުރަން ދަތި ހަބަރެކެވެ. އެ ދެމަފިރިންގެ ހަޔާތް ބަދަލުކޮށްލި ހާދިސާ އަހުމަދު އާމިރު "ސީއެންއެމް" އަށް ކިޔާދެމުން ބުނިގޮތުގައި، އެންމެ ފުރަތަަމަ މީގެ ފަސް އަހަރު ކުރިން ތިން ވަނަ ކުއްޖާ ޒުމްނާއަށް ލިބުނު ފަހުން އުދަނގޫތަކަކާ ކުރިމަތިވާން ފެށިއެވެ.

އެހެންކަމުން ޑޮކްޓަރަށް ދެއްކުމުން ލިބިގެން ދިޔަ ހަބަރަކީ ކިޑްނީގެ ސްޓޭޖް ދަށްވަމުން ދިޔަ ހަބަރެވެ. ޑޮކްޓަރުގެ ލަފަޔާ އެކުގައި ޒުމްނާގެ ހާލަތު އިތުރަށް ގޯސްވެ ނުދިއުމަށް މަސައްކަތް ފެށި ކަމަށް އާމިރު ކިޔާދިނެވެ. ޑޮކްޓަރު ދިން ބޭސްތައް ވެސް ގަވާއިދުން ނަގަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ޒުމްނާގެ ހާލަތު އިތުރަށް ދިޔައީ ގޯސްވަމުން ނެވެ. 

"ލޭ މައްޗަށް ގޮސް އަދި އަންހެނުންގެ ފަޔާއި މޫނު ދުޅަވީ. އޭނާއަށް ވާ އުގަދޫތައް ބޮޑުވުމުގެ ސަބަބުން ފަރުވާ ކުރުމަށް ދަރިން ރަށުގައި ބަހައްޓާފައި މާލެ އައީ. އަދި އައިޖީއެމްއެޗް އަށް ދެއްކުމުން ޑޮކްޓަރު ބުނީ ޒުމްނާގެ ކިޑްނީގެ ކައުންޓް 8.5 އަށް ގޮސްފައި ކަމަށް،" އާމިރު ކިޔައިދެމުން ބުންޏެވެ.

އެހެންކަމުން ދެން ޑޮކްޓަރު ޒުމްނާއަށް ދެ ކަމެއްގެ ތެރެއިން އެއްކަމެއް ކޮށްގެން ކުރިއަށް ދިޔުމަށް އިހުތިޔާރު ދިނެވެ. އެއީ ޑައިލެސިސް ހެދުން ނުވަތަ ޓްރާންސް ފްލާންޓް ހެދުމެވެ. އިތުރަށް ޒުމްނާގެ ހާލަތު އެނގެން ބޭނުންވާތީ އާއި، ޓްރާންސްޕްލާންޓް ކުރުމަކީ ވަރަށް ބޮޑު ކަމަކަށް ވާތީ އެމީހުން ނިންމީ ބޭރަށް ދިއުމަށް ކަމަށް އާމިރު ބުންޏެވެ.

ޒުމްނާ ގޮވައިގެން 2017 ވަނަ އަހަރުގައި އިންޑިއާގެ ބެންގަލޫރަށް ޓެސްޓުތައް ހެދުމަށް ދިޔަކަމަށް އާމިރު ކިޔާދިނެވެ. އެތަނުން ވެސް ދިނީ އެއް ޖަވާބެކެވެ. ހަމަ ޓްރާންސްޕްލާންޓް ނުވަތަ ޑައިލެސިސް ހެދުމުގެ އިހްތިޔާރެވެ.

އާމިރު ކިޔާދިން ގޮތުން އެދަތުރުގެ ހަރަދު އޭރު އެމީހުން ކުރީ އަތުގައި ރައްކާ ކޮށް ފައިވާ ލާރިންނެވެ. އަދި އަނބުރާ ރާއްޖެ އައުމަށް ފަހު އައިޖީއެމްއެޗްގެ އެފްރޯ ޔުނިޓަށް ދައްކާ ޒުމްނާއަށް އަވަހަށް ފަރުވާ ކުރުމުގެ މަސައްކަތް ފެށި އެވެ.

ޓްރާންސްޕްލާންޓް ހެދުމަށް ތައްޔާރުވަމުން ދަނިކޮށް ދިރިއުޅެމުންދިޔަ ގެ އަދާ އަޅިއަށް ވި!

ޓްރާންސްޕްލާންޓް ހެދުމަށް ތައްޔާރީތައް ވަމުން ދަނިކޮށް ދެން ވެސް ކުރިމަތިވީ އިތުރު އިމްތިހާނެެކެވެ. ދިރިއުޅުމަށް ކުރިމަތިވީ ހީވެސް ނުކުރާ ވަރުގެ ބޮޑު ނުރައްކަލެކެވެ. ކަރަންޓް ޝޯޓެއް ދިމާވެ ދިރިއުޅުމަށް ހަދާފައިވާ ގެ އަދާ ހުލިވެގެން ދިޔައީއެވެ. މާތްﷲގެ ރަހުމަތުން އެވަގުތަކީ އެއްވެސް މީހަކު ގޭގައި ނޫޅޭ ވަގުތެއް ކަމުން އެ ބޮޑު ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާއެއް ނުލިބި ސަލާމަތްވިއެވެ.

ނަމަވެސް އޭގެ ސަބަބުން މުޅި އުމުރު ދިރިއުޅުމަށް ކުރި ހުރިހާ މަސައްކަތެއް އަދާ އަޅިއަށްވިއެވެ. ޒުމްނާގެ ޓްރާންސްޕްލާންޓު ހެދުމުގެ ކަންކަންވެސް ލަސްވެގެން ދިޔަ އީއެވެ. ޒުމްނާގެ ބޭސްފަރުވާއަށް ހަރަދު ކުރަން ޖެހޭވަރުގެ މާލީ ތަނަވަސްކަން މިވަގުތު އެ އާއިލާގެ ނެތުނީ އެހެންވެއެވެ.

ޓްރާންސްޕްލާންޓު ލަސްކޮށްލުމަށް ފަހު ޒުމްނާގެ ހާލަތު އެހެން ގޮތަކަށް ރަނގަޅު ކުރެވޭތޯ އޭނާގެ ފިރިމީހާ މަސައްކަތް ފެށީ އެހާ ހިސާބުންނެވެ. ފުރަތަމަ ބޯ މަތީގައި ހިޔާވަހިކަމެއް ނެތެމުން، އާމިރަށް ޖެހުނީ ހިޔާވަހިކަމެއް ހޯދާށެވެ. އެ ހާދިސާއަށްފަހު ހަތަރު ލައްކަ ރުފިޔާގެ ލޯނެއް ނަގައި ގެއެޅުމަށް މަސައްކަތް ފެށިއެވެ. ނަމަވެސް ގޭގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް އަންހެނުން ވަރަށް ބޮޑަށް ބަލިވެ އަނެއްކާވެސް ހޮސްޕިޓަލުގައި އެދުމަތިކޮށް ޑައިލަސިސް ފަށަން ޖެހުނެެވެ.

ދެން ބަދަލުވާން ޖެހުނީ މާލެއެެވެ. ފުރަތަމަ ޓްރާންސްޕްލާންޓް ހެދުމަށް ކެޑްނީއެއް ހަދިޔާ ކުރީ ކޮއްކޮއެވެ. އެ ކިޑްނީ ލައްވަން އިންޑިއާއަށް ދިޔައީވެސް ފަންޑުރައިޒްއިން ލިބުނު ލާރިންނެވެ.  ނަމަވެސް އެ އަގުބޮޑު އޮޕަރޭޝަން ކުރިތާ މާގިނަ އިރުތަކެއް ނުވެ ޒުމްނާގެ ހަށިގަނޑަށް ލެއްވި ކިޑްނީ ރިޖެކްޓު ވަމުންދާ ހަބަރު ޑޮކްޓަރު ދިނެވެ. 

އާމިރުގެ ކިޔައިދިން ގޮތުގައި އެ ހަބަރާއިއެކު ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެން ހީވިއެވެ. ޑޮކްޓަރު ކައިރީގައި ކޮންމެވެސް ގޮތެއް ހަދާދިނުމަށް އާމިރު އާދޭސްކުރި އެވެ. އާމިރު ބުނީ ޑޮކްޓަރުންގެ މަސައްކަތުން ކިޑްނީ މަސައްކަތް ކުރަން ފެށި ނަމަވެސް އަނބުރާ ރާއްޖެ އައިފަހުން ވެސް ޒުމްނާގެ ހާލު ރަނގަޅު ނުވާކަމަށެވެ. ދަރިންނާ އެކުގައި ހަމަޖެހިގެން ދިރިއުޅެވޭނެ ކަމުގެ ފޮނި އުންމީދުގައި ރަށަށް ގޮސް ހަތަރު މަސް ނުވަނީސް ޒުމްނާގެ ހާލަތު އަނެއްކާވެސް ގޯސްވި އެވެ.

އާމިރު ބުނީ އޭގެ ފަހުން އަނެއްކާވެސް ޒުމްނާ މާލެ ގެނެސް ޑައިލަސިސް ހަދަމުން ދިޔަ ކަމަށާއި އެކަމުގެ ސަބަބުން ހަދަން ފަށި ގެވެސް ނުނިމި، ނެގި ލޯނުވެސް ވަނީ ނުދެއްކިފައި ކަމަށެވެ.

މާލޭގައި ހުރެގެން ޑައިލަސިސް ހަދަންޖެހޭތީ، އެދެމަފިރިން މިހާރު އުޅެމުން ދަނީ ވިލިމާލޭގައެވެ. އެހެންކަމުން މާލީ ދަތިތަކާ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ކިޔާދިނެވެ. ދަރަނި ބޮޑުވެފައި ވުމުން އެކަމުގެ ވާހަކަ ސަރުކާރަށް ވެސް ދަންނަވާފައިވާނޭ ކަމަށް ވެސް އެނާ ބުންޏެވެ.

އާމިރު ބުނީ އޭނާގެ އަންހެނުން ޒުމްނާގެ ކިޑްނީ އަނެއްކާވެސް ޓްރާންސްޕްލާންޓް ހެދުމަށް މިހާރު ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށެވެ. މި ފަހަރު ކިޑްނީ ދެނީ އާމިރު ކަމަށް އޭނާ ބުންޏެވެ.

އާމިރަކީ ރިސޯޓުތަކަށް ދަރުތުކުރާ ދޯންޏެއްގެ މާލިމީއެކެވެ. އެކި ފާރާތްތަކުގެ ދީލަތި އެހީ އާ އެކު މިހާރު ތިންފަހަރު އިންޑިއާއަށް އެދެމަފިރިން ގޮސްފިއެވެ. ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އުޅެނީ ޖަރާސީމު އުފެދިފައިވާތީ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް އާމިރު ބުނެއެވެ. 

ޒުމްނާ ބުނިގޮތުން އެންމެ ފަހުން އިންޑިއާއަށް ދިޔަތާ މާގިނަދުވަހެއް ނުވެ، ކޮވިޑްގެ ހާލަތު ބޮޑުވެ، ހޮސްޕިޓަލް ބަންދު ކުރަން ޖެހުމުން ހޮސްޕިޓަލުގެ ލިއުމަކާ އެކު، ދެމަސް ދުވަހު އިންޑިއާގައި ތިބުމަށްފަހު، ރާއްޖެ އަައީ އެވެ.

"ޖަރާސީމު ނައްތާލުމަށް ޑޮކްޓަރު ދީފައިވާ ބޭސް ބޭނުން ކުރަމުން މިދަނީ. ރަމްލާން މަސް ނިންމާލާފަ އިންޑިއާ އަށް ދާން މިހާރު ތައްޔާރު ވަމުން މިދަނީ. ފިރިމީހާގެ ކިޑްނީ ލިބިފައި ވަނީ. މިހާރު ބޭނުންވަނީ ތިއެންމެންގެ ދީލަތި އެހީއެއް. ޒުމްނާ ބުންޏެވެ.

އާސަންދަ ވެސް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް އިންޑިއާގައި ހުރުމަށާއި ކެއުމާއި އެހެނިހެން ކަންތައްތަކަށް ބޮޑު ހަރަދެއް ހޭދަވެގެންދާނެ ކަމަށް އެ ދެމެފިރިން ބުނެއެވެ. ޒްމްނާގެ ފިރިމީހާ ހުރީ އޭނާގެ ކިޑްނީ އަންހެނުންނަށް ދޭ ތައްޔާރަށެވެ. އެ ދެނީ އެ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އާއްމުންގެ ދީލަތި މާލީ އެހީ އަކެވެ. އެހީ ދެވެން ނެތް ނަމަވެސް ފަރާ ހެޔޮދުއާ ކޮށްދިނުމަށް ޒުމްނާ އެދެއެވެ.

ގުޅޭނެ ނަމްބަރު:  ފާތިމަތު ޒުމްނާ -7584041

 ގުޅޭނެ ނަމްބަރު: އަހުމަދު އާމިރު ( ޒުމްނާގެ ފިރިމީހާ) - 7832210

އެކައުންޓު ނަންބަރު:7730000159018

ޑޮލަރު އެކައުންޓު ނަންބަރު:770000365102

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް