ads
އެންސީއައިޓީ ގެ އިސް މުވައްޒަފުންނާއި މިނިސްޓަރު މަލީހު ޖަމާލު ބައްދަލުކުރައްވަނީ——
ގަވާއިދާ ހިލާފަށް ހަރަދު ކުރި ވާހަކަ ބުނުމުން މަލީހު "ރަތަށް"!
ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ ކޮޓަރިކޮޅު ހެދުމަށް ގަވާއިދާ ހިލާފަށް ހަރަދު ކުރި ވާހަކަ އޮޑިޓް ރިޕޯޓުގައި ބުނުމާއެކު މަލީހު "ރަތަށް" އަރައި އޮޑިޓް އޮފީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކޮމިއުނިކޭޝަންސް މިނިސްޓްރީން 2019 ވަނަ އަހަރު ކޮށްފައިވާ މަސައްކަތާ ގުޅިގެން އޮޑިޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ، ކުރީގެ މިނިސްޓަރު މަލީހުގެ ކޮޓަރިކޮޅު ހެދުމަށާއި، އެ ކޮޓަރި ކޮޅާއި އެއްގޮތަށް އެ އިމާރާތުގެ ބްލޮކް ބީ ރިލޮކޭޓް ކުރުމަށް، 795،000 ރުފިޔާ ހަރަދުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. 

މިގޮތުން އެ ރިޕޯޓަށް ފާޑު ވިދާޅުވެ، މަލީހު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައި ވަނީ އޮޑިޓް އޮފީހުން ނެރެފައިވާ އޯޑިޓް ރިޕޯޓަކީ ނޫސްވެރިންނަށް އޮޅުން އަރާގޮތަށް ތައްޔާރުކޮށްފައިވާ ފެންވަރު ދަށް، އެމްޑީޕީ ކޮލިޓީގެ ރިޕޯޓެއް ކަމަށެވެ.

ބާ ގުދަނަކަށް ޓެކް މިނިސްޓްރީ ރައީސް ސޯލިހު ވެއްދީމަ، އެހެން އޮފީސްތައް ކުއްޔަށް މަހަކު ޚަރަދު ކުރާ މިންވަރުން ބްލޮކް ބީ ޒަމާނީ ކުރުމުގެ އިތުރުން ބަޖެޓަށް ލުއި ވާނެކަމަށް ވިދާޅުވެ މަލީހު ވަނީ ގަވާއިދާ ހިލާފަށް ކުރި ހަރަދުގެ މައްސަލަ ދިފާއު ކުރައްވާފަ އެވެ. 

މީގެއިތުރުން މަލީހު ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވީ، އޮޑިޓު އޮފީހުން ކޮމިއުނިކޭޝަން މިނިސްޓްރީގެ މުވައްޒަފުން ހަރަދު ކުޑަކޮށް، ދައުލަތުގެ ބަޖެޓަށް ލުއިވާ ގޮތަށް ކުރެއްވި އިހްލާސްތެރި މަސައްކަތަށް އެވޯޑް ދޭން ޖެހޭ ކަމަށާއި، އަދި ބަޔަކު އޮޅުވާލަން މަސައްކަތް ކުރިޔަސް ޓެކް މިނިސްޓްރީ ޒަމާނީ ކުރީ އެކަން ކުރެވެން އޮތް އެންމެ ރަނގަޅަށް ކަމަށެވެ. 

ނަމަވެސް، ސިޔާސީ ގޮތުން ފާޑުކީ ބައެއް މީހުން އޭރު ބުނަމުން ދިޔައީ، ކުރީގެ މިނިސްޓަރު މަލީހު ބޭނުންވީ އެ ކޮޓަރި ވައިޓްހައުސްގެ އޯވަލް އޮފީހާ ވައްތަރު ކުރުމަށް އަގުބޮޑެތި ތަކެތި ބޭނުން ކޮށްގެން ހަދަން ކަމަށާއި، އަދި އެ ކޮޓަރީގެ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި އޭރު ވަނީ ދައުރު ކޮށްފައެވެ.  

އޯޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެތަންތަން ހެދުމަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވާއިރު، އެ މަސައްކަތުގެ ބައެއް ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް