ނޯރާ އޭ ބުނެފިނަމަ އެއީ ކާކު ކަން ނޭނގޭ މީހަކު ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާގެ ނެށުމުގެ ފަރި ހަރަކާތް ތަކުގެ ޖާދޫ ގައި އެތައް ބަޔަކު ވަނީ ޖެހިފަ އެވެ. ނަމަވެސް ނޯރާއަށް ކާމިޔާބު މީހަކަށް ވެވުނީ އެތައް ދުވަހެއް އެކަމުގައި ހޭދަކުރުމަށް ފަހުގަ އެވެ.
އެގޮތުން ކެނެޑާއަށް އުފަން ނޯރާ އިންޑިއާއަށް އައީ ފިލްމް ކުޅުމުގެ ފޮނި ހުވަފެނުގައި ކަމަށާއި ފިލްމަކުން ފުރުސަތު ލިބުމަކީ ފަސޭހަ ކަމެއް ކަމަށް އޭނާ ކުރިން ހީކުރި ކަމަށް ވެސް ނޯރާ ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ. އެގޮތުން ފިލްމަކުން ފުރުސަތު ނުލިބި އަތުގައި ބޭނުން ކުރާނެ ލާރިއެއް ނެތް ހިސާބަށް ދިޔުމުން ފިހާރައެއްގައި ސޭލްސް ގާލެއްގެ ގޮތުގައި ނޯރާ ވަނީ މަސައްކަތް ކޮށްފައެވެ.
އަމިއްލަ މަސައްކަތުން ނަށަން ދަސްކުރި ހުނަރުވެރިޔާ އިތުރަށް ބުނިގޮތުގައި އެތައް ފިލްމެއް އޭނާ ލައްވަން ކުޅުވައި ރިލީޒް ނުކޮށް ވެސް އެބަ ހުރި ކަމަށާއި ނޯރާ އަކީ ހަޑި މީހެއް ކަމަށް ބުނެ މި ދާއިރާއިން ކުރިއަށް ނުދެވޭނެ ކަމަށް ވެސް އެތައް ބަޔަކު ބުނެފައިވާ ކަމަށެވެ.
ކޮންމެ ފަހަރަކު ވެސް އުއްމީދު ކަނޑާނުލައި ހުވަފެން ހަގީގަތަކަށް ހެދުމުގެ ބޭނުމުގައި ނޯރާ އެތައް އަހަރެއް ހޭދަ ކުރިކަމަށާއި އެގޮތުން ކޮންމެ ކަމެއް ވެސް ތިމާ ހާސިލް ކުރަން ބޭނުން ނަމަ އަމިއްލަ ނަފްސަށް އިތުބާރުކޮށް އެކަމުގައި ކުރިއަށް ދާން މަސެއްކަތް ކުރުމަށް ނޯރާ ވަނީ ނަސޭޙަތްތެރިވެފަ އެވެ.