ads
ޗެއާޕާސަންކަމަށް ވާދަކުރައްވާ އިންތި މީގެކުރިން އެމްޑީޕީން ބޭއްވި އެއްވުމެއްގައި. ފޮޓޯ: ސަން
''އެމްޑީޕީ ހިންގުމުގައި ރައީސް ނަޝީދު ގެންގުޅުއްވާ ތަސައްވުރެއް ދެވަނަ މީހަކަށް ނާންނާނެ''
އެމްޑީޕީ ހިންގެވުމުގައި ރައީސް މުހައްމަދު ނަޝީދުގެ ކިބައިގައި އެހެރަ ހިތްވަރާއި, އެހެރަ އަޒުމާއި, އެހެރަ ވިސްނުންފުޅާއި, ތަސައްވަރަކީ ދެވަނަ މީހަކަށް އަންނާނެ ކަހަލަ ކަންކަމެއް ނޫންކަމަށް ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
Advertisement

ބ.ކުޑަރިކިލުގައި މިއަދު ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީން ރައީސް މުހައްމަދު ނަޝީދު ބޭރުކުރަން ބަޔަކު މީހުން އެ އުޅޭ އުޅުމަކީ އެކަކު ވެސް ބަލައިގަންނާނެކަމެއް ނޫން ކަމަށާއި, އެއީ ޕާޓީގެ އެއްވެސް މެންބަރަކު އެދޭނެކަމެއް ވެސް ނޫން ކަމަށެވެ. އަދި މި ޕާޓީއަށް ދެން ވެސް އޮތް އުންމީދަކީ ރައީސް ނަޝީދުކަމަށް އިންތި ވިދާޅުވިއެވެ.

''މި ޕާޓީއަށް ދެން ވެސް އޮތް އުންމީދަކީ މި ޕާޓީ ހިންގެވުމުގައި އެހެރަ ހިތްވަރާއި އެހެރަ އަޒުމާއި އެހެރަ ވިސްނުންފުޅާ ތަސައްވަރު އެއީީ ދެވަނަ މީހަކަށް އަންނާނެ ކަހަލަ ހިތްވަރެއް ތަސައްވުރެއް ނޫން. އާދަޔާއި ހިލާފު ބޭފުޅެއް.'' އިންތި ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ނަޝީދު ބާކީކޮށްގެން ޕާޓީއަށް ވެސް މި ގައުމަށް ވެސް ލިބޭނެ މޮޅެއް ނޯންނާނެކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވަނީ އެ ވިސްނުމުގައި މަސައްކަތް ކުރާ ބަޔަކު އެކަން އެ ގޮތަށް ނުކުރުމަށް ވެސް ގޮވާލައްވާފައެވެ. އަދި  ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ހުރިހާ އެންމެން ވެސް މަސައްކަތް ކުރުމަށް އިންތި ގޮވާލެއްވިއެވެ.

އިންތި ވިދާޅުވީ އޭނާގެ އަމާޒަކީ ޕާޓީ އެކަތިގަނޑަކަށް ހެދުން ކަމަށާއި, އޭނާއަށް އެކަން ކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭނާއާމެދު މާ ބޮޑަށް ނަފުރަތުކުރާ ބަޔަކު ޕާޓީތެރޭގާ ނުތިބުންކަމަށް އިންތި ވިދާޅުވިއެވެ.

''އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މި ޕާޓީ އެކަތިގަނޑަކަށް ހެދޭނެ. ޕާޓީން ގެއްލެމުންދާ އުންމީދު އަލުން ގެނެވޭނެ'' އިންތި ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް