ads
އިންޑިޔާ ސިފައިންގެ މީހެއް ކަމަށް ތުހުމަތުކުރާ މީހާ
އިންޑިއާ ސިފައިން މިއަދުގެ ހަރަކާތުގައި ފުލުހުންނަށް ކޮމާންޑު ދިންކަމުގެ ތުހުމަތު!
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޭވާހޮޅި ހަރަކާތް ހުއްޓުވަން އިންޑިއާ ސިފައިން ދިވެހި ފުލުހުންނަށް ކޮމާންޑު ދިން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.
Advertisement

އިހުތިޖާޖު ކުރިޔަށްދިޔަ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ހަރަކާތް ކުރިޔަށްދިޔަ ސަރަހައްދުގައި އިންޑިއާ ސިފައިން ޓީޝާޓު ލައިގެން ތިބި ކަމަށާއި، އަދި އެ ސަރަހައްދުގައި ފުލުހުންގެ އަމަލުތައް ހުރީ އެ ސިފައިންގެ ކޮމާންޑާ އެއްގޮތަށް ކަމަށެވެ. 

މިއާއެކު، އަބްދުއްރަހީމް ވިދާޅުވީ މިއަދު ދިވެހި ފުލުހުންނާއި، ދިވެހި ސިފައިންނަށް އަމުރުކުރަނީ އިންޑިއާ ސިފައިންގެ އިތުރުން އިންޑިއާ ސަރުކާރުން ކަމަށެވެ. 

"ރައްޔިތުން ބޭނުންވޭ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ނިމުމަކަށް ގެންނަން. މި ހަރަކާތަކީ ރައްޔިތުން ބޭނުންވެގެން ހިންގާ ހަރަކާތެއް. ގޭގަ ބަލަހައްޓައިގެނެއް ނުތިބޭނަން. އެންމެ ފަހުވަގުތާ ޖެހެންދެން މިކަމުގައި ދެމި ތިބޭނަން" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ އިންޑިއާ ސިފައިންގެ މީހަކު ފުލުހުންނަށް އަމުރުކުރަމުންދިޔަ ކަމަށް ތުހުމަތުކޮށް، އެކަންތައް ބަލައި ދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއަށް ގޮވާލާފައެވެ. 

މީގެއިތުރުން، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުންވެސް ވަނީ އިންޑިއާ މީހެއް ކަމަށް ތުހުމަތުކޮށް، އޭނާ ފުލުހުންނަށް އަމުރުކުރަމުންދިޔަ ވީޑިއޯއެއް ދައުރުކޮށްފައެވެ. ނަމަވެސް އެ ވީޑިއޯގައި އެއީ ކޮން ގައުމެއްގެ ކާކު ކަމެއް ސާފެއް ނުވެއެވެ. 

މިއާއެކު، ބައެއް ނޫސްވެރިންވެސް ވަނީ ގޮތް ނޭގޭ މީހެއް އިހުތިޖާޖު ކުރި ސަރަހައްދުގެ އިތުރުން އެ ސަރަހައްދުގައި އޮތް ފުލުހުންގެ ވެހިކަލުގައި އިނދެ ފުލުހުންނަށް އިރުޝާދު ދެމުންދިޔަ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މީހާއާ ބެހޭ މައުލޫމާތު ސާފުކުރަން މަސައްކަތް ކުރުމުން އެ ކަމަށް މިހާތަނަށް ފުލުހުން ޖަވާބު ނުދޭ ކަމަށްވެސް އެ ނޫސްވެރިން ވަނީ ބުނެފައެވެ.
 

މިއަދު އިދިކޮޅުން ބޭއްވި ހަރަކާތް ނުބޭއްވުމަށް ދުރާލާ ފުލުހުން އަންގާ އިންޒާރު ދީފައިވާއިރު، ހަރަކާތް ފެށުމުގެ ކުރިން ފުލުހުން ވަނީ އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަންދުކޮށް ހުރަސްއަޅާފައެވެ.

22%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް