ads
ރައީސް ކުރިކެޓް ކުޅުއްވަނީ---
ރައީސް ނަޝީދުގެ ކްރިކެޓު މެޗެއް މާޅޮހުގައި
ބ. މާޅޮސްގައި ކުނިގޮނޑަކުން ހިތްފަސޭހަ މައިދާނަކަށް ބަދަލު ކޮށްފައިވާ މާޅޮސް ޕާކު ސަރަހައްދުގައި ރަންޔިތުންގެ މަޖްލިހުގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ކުރީގެ ބައިނަލް އަގްވާމީ ކްރިކެޓް ކުޅުންތެރިޔާ ހަރްބަޖަމް ސިންގްއާއި އަދި ބައެއް މިނިސްޓަރުން ރަހްމަތްތެރިކަމުގެ ކްރިކެޓް މެޗެއް އިއްޔެ މެންދުރު ކުޅެފިއެވެ.

މިމެޗުގެ މަގުސަދަކީ މާޅޮހުގައި ގޮނޑު ސަރަހައްދު ހިތްފަސޭހަ ތަނަކަށް ބަދަލުކޮށްފައިވާތަން ދައްކާލުމެވެ.

މި ކްރިކެޓް މެޗް ކުޅެފައި މިވަނީ ވަރަށް ފަހަކާ ޖެހެންދެން ކުނިއެއްކޮށް އަދި ކުނި އަންދަން ބޭނުންކުރެވުނު ބިމެއްގައެވެ. މިބިން ރިކްރިއޭޝާނަލް ސަރަހައްދަކަށް ބަދަލު ކުރީ 'ނަމޫނާ ބާ' ޕްރޮގްރާމްގެ ދަށުންނެވެ. 

ނަމޫނާ ބާ އަކީ ބާ އަތޮޅުގެ ބައެއް ރަށްތަކާއި ސޮނޭވާފުއްޓާއި، ބައިނަލް އަގްވާމީ ޖަމިއްޔާ ކޮމޮން ސީސް ގުޅިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަގްސަދަކީ ނަމޫނާ ބާ ޕްރޮގްރާމްގައި ހިމެނޭ މާޅޮސް، ކިހާދޫ އަދި ދަރަވަންދޫގައި އުކާލެވޭ ކުނި މަދުކޮށް، އަދި ޚާއްސަކޮށް އެއްފަހަރު ބޭނުންކޮށްފަ އެއްލާލާ ޕްލާސްޓިކު މަދުކުރުމާއެއްކޮށް، މިތިން ރަށުގެ ރައްޔިތުން ތިމާވެއްޓަށް ކުރާ ލޯބި އާލާކުރުމެވެ.

ކްރިކެޓް މެޗު ކުޅުއްވުމުގެ ކުރިން ރައީސް ނަޝީދު، މާޅޮސް ރަށު ކައުންސިލްގެ ރައީސް، އަބްދުﷲ ޝުޖާއު، އަދި ސޮނޭވާގެ ސީ.އީ.އޯ، ސޯނޫ ޝިވްދަސާނީ ވަނީ މާޅޮހުގެ "އީކޯ-ސެންޓްރޯ" އިފްތިތާހު ކޮށްދީފައެވެ. 

ކުނިން އުފެއްދުންތެރިކަން އުފެއްދުމުގެ މިސެންޓަރަކީ، ސޮނޭވާފުށީގެ އީކޯ ސެންޓްރޯއާއި އެއްގޮތަކަށް ކުނި ޕްރޮސެސްކުރުން ކުރިޔަށް ގެންދާ ތަނެކެވެ. މިތަނުގައި ރަށުގެ ކުނިބުނި އެއެއްޗެއްގެ ބާވަތުން ވަކިކުރެވެއެވެ. މިގޮތުން ޕްލާސްޓިކް، ބިއްލޫރި، ދަނގަނޑު އަދި ލަކުޑި ވަކިކޮށް އެއެއްޗެތި ކުދިކޮށް، ޗިސްކޮށް އަދި ރިސައިކްލް ކުރެވޭ ކުނިބުނި ރިސައިކްލިންގ އަށް ފޮނުވެއެވެ.

މި އީކޯސެންޓްރޯ ހެދުމުން މާޅޮހުގައި ހާމައަށް ކުނިއެންދުން މުޅިން ހުއްޓާލެވިއްޖެއެވެ. މީރާއްޖޭގައި ހާމައަށް ކުނިއެންދުން ހުއްޓާލި ފުރަތަމަ މީހުން ދިރިއުޅޭ ރަށެވެ.

ރައީސް ނަޝީދު ނަމޫނާ ބާ ގެ ތަފާތު މަސައްކަތް ދައްކައިދޭ ފޮޓޯ އެކްޒިބިޝަނެއްވެސް ބައްލަވާލެއްވިއެވެ. 

މިފޮޓޯތަކުން ރަށު ސްކޫލްގެ ޒީރޯ ވޭސްޓް ރިސައިކްލިން ޗެލެންޖް، އަދި ކުދިންނަށް ރާޅާއަޅަން ދަސްކޮށްދޭތަނާއި، ރަށުގެ ފެން ޕްލާންޓްގެ މަސައްކަތްތައް ދައްކާދެއެވެ. 

މާޅޮހުގެ 80 އިންސައްތަ ގޭބީސީތަކުގައި މިހާރު ބޭނުންކުރެވޭ ފެނަކީ މާޅޮހުގެ ފެންޕްލާންޓުން އުފައްދާ ފެނެވެ. މިފެން ބަންދުކުރެވިފައިހުންނަނީ އަލުންބޭނުން ކުރެވޭ (ރީޔޫސް ކުރެވޭ) ބިއްލޫރި ފުޅީގައެވެ. ރީޔޫސް ކުރެވޭ ބިއްލޫރިފުޅީގައި ފެންބަންދުކުރުމުން ރަށުގައި ސިންގަލް-ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރެވިއްޖެއެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިރިއުޅުމެއް ބިނާކުރުމައްޓަކައި މިރަށްތަކަށް އެތެރުކުރާ ތަކެތި ގިނަވެ އެތަކަތި މިވަނީ ކުންޏައް ބަދަލުވެފައި ކަމަށެވެ. އަދި މިކުނި ފަރުތަކާއި، ގޮނޑުދޮއްތަކާއި، ރަށްތައް ފުރާލައިފި ކަމަށާއި މިކުންޏަކީ މިހާރު ދިމާވެފައިވާ މުސީބާތެއް ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

ކުނީގެ މައްސަލައަކީ، ހާއްސަކޮށް ޕްލާސްޓިކް ކުނީގެ މައްސަލައަކީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބޮޑު ބޮލުގަ ރިހުމެކެވެ. ޕްލާސްޓިކް ކުނިން ރަށްތަކުގެ މަގުތަކާއި، ޖަންގަލިތަކާއި ގޮނޑުދޮށްތައް ފުރިއްޖެއެވެ. 

އޭގެއިތުރުން ހާމައަށް ކުނިއެންދުމުގެ ސަބަބުން މީހުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ގެސްޓްހައުސް ޓުއަރިޒަމަށް ނޭދެވޭ އަސަރުކުރެއެވެ.

ނަމޫނާ ބާ ގެ އިސްނެގުމުގެ ދަށުން މާޅޮސް ނަމޫނާއަކަށް ބަލާ ޖެހިގެން އޮތް ދަރަވަންދޫ އަދި ކިހާދޫގައި މިއަހަރުގެ ފަހުކޮޅު އީކޯ- ސެންޓްރޯ ގާއިމްކުރެވޭނެ އެވެ. 

އ.ދ ޖެނެރަލް އެސްމްބްލީގާ ސެޕްޓެމްބަރު މަހު ރައީސް ސޯލިހު ދެއްވި ޚިތާބުގައި ދިވެހިރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރަމުންގޮސް 2023 ގައި ހުއްޓާލާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިންގަލް ޔޫސް ޕްލާސްޓިކު ފުޅި އަދި ކޮތަޅު ހިމެނެއެވެ. މިއީ ސިންގްލް-ޔޫސް ޕްލާސްޓިކާއި ދެކޮޅަށް މިހާތަނަށް ގައުމަކުން ކަނޑައެޅުނު އެންމެ ހަރުކަށި ލަނޑުދަނޑިއެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް