މިރުޒާ މަރާލީ 2011 ވަނަ އަހަރުގައި ވިލިމާލޭ ކުޑަކުދިންގެ ޕާކު ކައިރީގައި އޭނާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައިގެންނެވެ. މިރުޒާ މަރާލިކަން ސާބިތުވެ ނަޒީފް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް އޮތީ ތާއީދުކޮށްފައެވެ. ސްޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ އިސްތިއުނާފުގެ ފަހު މަރުހަލާއެވެ.
މި މައްސަލައިގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ މައްސަލަ ދިރާސާ ކުރުމުގައި ފަނޑިޔާރުންނަށް ފާހަގަ ކުރެއްވުނު ބައެއް ކަންކަން ސާފުކުރުމަށެވެ. އެ ގޮތުން މިރުޒާގެ ބައްޕަ އިބްރާހިމް ހަސަންގެ ސިޓީއެއްކަމަށް ބުނެ ނަޒީފްގެ ފަރާތުން ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ފަނޑިޔާރުން ވަނީ މައުލޫމާތު ސާފުކުރައްވާފައެވެ. ހަމައެހެންމެ ފަނޑިޔާރުން މިއަދު ވަނީ މިރުޒާގެ އެއްބަނޑު އެއްބަފާ ތިން މީހަކު ހާޒިރުކޮށް އެ މީހުންގެ ބަސް ވެސް ހޯއްދަވާފައެވެ.
ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިރުޒާގެ ބައްޕަ ބުނީ ނަޒީފުގެ ކިބައިން ގިސޯސް ހިފުމުގެ ހައްގު ދޫކޮށްލައި އޭނާއަށް މާފުދިންކަން އަންގައި ސިޓީއެއް ފޮނުވި ކަމަށެވެ. ނަޒީފަށް މާފު ދިނިންތޯ ފަނޑިޔާރުން ކުރި ސުވާލަށް ޖަވާބުދެމުން މިރުޒާގެ ބައްޕަ ބުނީ ނަޒީފްގެ ފަރާތުން އޭނާއާއި ބައްދަލުކޮށް އެ ގޮތަށް އެދުމުން މާފުދިނީ ކަމަށެވެ.
ބައްޕަ މާފުދޭން ނިންމާފައިވާތީ ވާރިސުން ވެސް އޭނާއަށް މާފުދޭން ނިންމާފައިވާކަމަށް ބުނުމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ނަޒީފު މާފަށް އެދުނީ ކޮން ކަމަކަށްތޯ ސާފުކޮށްދިނުމަށް އެދިފައެވެ. ހުސްނުއްސުއޫދު އެހެން ވިދާޅުވީ ޝަރީއަތުގެ އެންމެ ފަހު މަރުހަލާގައި އޮތްއިރު ވެސް މިރުޒާ މަރުވީ އޭނާ ކުރި އަމަލަކުން ނޫންކަމަށް ބުނެ ނަޒީފު އިންކާރު ކުރަމުންދާތީއެވެ.
ޖަވާބުގައި މިރުޒާގެ ބައްޕަ ބުނީ އެކަހަލަ އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި, ނަމަވެސް ނަޒީފް މިހާރު އުޅެމުންދަނީ ވަރަށް ރަނގަޅަށް ކަމަށާއި, އޭނާ ވެސް ބޭނުންވަނީ ގިޔާމަތް ދުވަހު އެކަމުން މިންޖުވުމަށްކަމަށް ބުނި ކަމަށެވެ.
އެ ގޮތުން ހުސްނުއްސުއޫދު ވަނީ ނުކުރާކަމަކަށް މާފު އެދެވިދާނެތޯ ސުވާލުކުރައްވާފައެވެ.
އެހިސާބުން ހުސްނުއްސުއޫދު ވަނީ ނަޒީފް އެ މައްސަލައިގައި މާފަށް އެދުނިންތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ނަޒީފް ބުނީ އޭނާގެ އާއިިލާގެ ފަރާތުން އެ ގޮތަށް އެދިފައިވާ ކަމަށެވެ.
ނަޒީފު މާފަށް އެދެން ބޭނުންތޯ އަދި ނަޒީފުގެ ފަރާތުން އެދިފަވާނެތޯ ހުސްނުއްސުއޫދު ސުވާލު ކުރެއްވުމުން ނަޒީފު ބުނީ އެ ސުވާލަށް ޖަވާބުދޭން ބޭނުންވަނީ ވަކީލާ ވާހަކަދެއްކުމަށްފަހު ކަމަށެވެ.
ނަޒީފްގެ ވަކީލު އިސްމާއީލް މުހައްމަދު ވިދާޅުވީ ނަޒީފް ކުރި އަމަލެއްގެ ސަބަބުން މިރުޒާާ މަރުވިކަމަކަށް ނަޒީފު ގަބޫލެއް ނުކުރާ ކަމަށާއި, ނަޒީފު އެ ކުށް ނުކުރި ނަމަވެސް އެހާ ގިނަ ދުވަހު ޖަލުގައި ހުންނަން ޖެހުމުންނާއި, އޭނާގެ މަސްލަހަތު ހިމެނޭ ކަމަކަށްވުމުން ނަޒީފުގެ އާއިލާއާއި, ހެޔޮއެދޭ ފަރާތްތަކުން ދެ ފަރާތުގެ އާއިލާގެ މެދުގައި ވާހަކަ ދެއްކިދާނެ ކަމަށެވެ. އަދި ނަޒީފް ކުށެއް ނުކުރިޔަސް އިިންސާނެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމާމެދު ނަޒީފް ވެސް ހިތާމަ ކުރާ ކަމަށެވެ.
މާފުދިނުމަށް އެއްވެސް ބިރެއް ދެއްކިތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން މިރުޒާގެ ބައްޕަ ބުނީ އެކަހަލަ ކަމެއް ނުހިނގާ ކަމަށާއި, ނަޒީފަށް މާފުދިނީ ދީނީ އިލްމުވެެރިއެއްގެ ލަފާ ހޯދުމަށްފަހު ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި މަރުގެ އަދަބު ކަނޑައެޅޭނީ ހުރިހާ ވާރިސުން އެކަމަށް އެއްބަސްވާކަމަށް ވާނަމައެވެ. މަރުގެ އަދަބު ނުދެވުނަސް ގާނޫނީ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލެވޭނެއެވެ. ސްޕްރީމް ކޯޓުން މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމް ކުރުމެވެ.