ޗާހީ އޭރިއަލް ނަމަކަށް ކިޔާ އެ މީހާ މި ސްޓްރޯބެރީ ހައްދާފައިވަނީ މިދިޔަ އަހަރު ސެންޓްރަލް އިޒްރޭލުގައި ހުންނަ އޭނާގެ ދަނޑު ބިމުގަ އެވެ. އަދި އޭނާ ވަނީ ޖަޕާނުން ކުރިން ހޯދައިފައިވާ ރެކޯޑް މުގުރާލުމަށް ފަހު ގިނަސް ވޯލްޑް ރެކޯޑްސް އިން މިހާތަނަށް ހެދި އެންމެ ބޮޑު ސްޓްރޯބެރީގެ ރެކޯޑް މި ސްޓްރޯބެރީއަށް ލިބެންދެން އޭތި ގަނޑުކޮށްފައި ބަހައްޓާފައެވެ.
"އަހަރުމެން އިންތިޒާރު ކުރީ ނަތީޖާއަށް. އަހަރުމެން ފްރީޒަރުގައި ސްޓްރޯބެރީ ބެހެއްޓިން އަހަރެއް ވަންދެން. އެހެންވެ ކުރިން ހުރިހާ ރީތި ކަމެއް އޭގައި މިހާރު ނެތް" އޭރިއަލް ބުންޏެވެ.
ސްޓްރޯބެރީ އަކީ އިލާން ނަމަކަށް ކިޔާ ލޯކަލް ވެރިޓީ އެކެވެ. މި ސްޓްރޯބެރީ އަކީ ބޮޑު ސައިޒަކަށް ބޮޑުވާ އެއްޗަކަށް ވާއިރު، އޭރިއަލް ބުނި ގޮތުގައި ރެކޯޑް ޔަގީން ކުރާ މި މޭވާ މީގެ އަހަރެއްހާ ދުވަސް ކުރިން ހުރި ސައިޒުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް މިހާރު ކުޑަވެފައިވެ އެވެ.
މީގެ ކުރިން މި ރެކޯޑް ހޯދައިފައިވަނީ 2015 ވަނަ އަހަރު ޖަޕާނުގެ ފުކުއޯކާގައި ހެއްދި 250 ގްރާމުގެ ސްޓްރޯބެރީއެކެވެ.
އޭރިއަލް ބުނިގޮތުގައި އޭނާއަށް އެ ހަބަރު ލިބުމާއެކު އުފަލުން ފުމެ، ލަވަ ކިޔާ ވެސް ހެދި އެވެ. އަދި ގިނަސް ވޯލްޑް ރެކޯޑްސްގައި ހިމެނުނީތީ ވަރަށް އުފާވާ ކަމަށް އޭނާ ބުނެފައިވެ އެވެ.