ads
ސުޒާނާގެ ތިންވަނަ ދަރިފުޅު ހަސަން އަޒުޔާން (ޔާން)
ޓިއުމަރު ވަނީ ލޯބިލޯބި ޔާންގެ ބޮލުތެރެއަށް ފެތުރިފައި! ހަނގުރާމަ ކުރަނީ ކެންސަރާ!
މަންމަޔަކާއި ބައްޕަޔަކަށް ލިބޭނެ އެންމެ ހިތްދަތި ވަގުތަކީ ދިރިއުޅުމުގެ އުފާ ކަމުގައިވާ ދަރިން ބައްޔެއްގެ ވޭނަށް ހުށައެޅި، މުޅި ދިރިއުޅުން އެކަމަށް ގުރުބާން ކުރަން ޖެހޭ ހިސާބުންނެވެ.

ދުނިޔެއަށް ކުއްޖާ އުފަންވާ ވަގުތު އެއީ ސިއްހަތު ރަނގަޅު ފުރިހަމަ ދަރިއަކަށް ވުމަށް ކޮންމެ ދެމެފިރިއަކު ވެސް އެދޭނެއެވެ. އެދަރިފުޅު ބޮޑު ވަމުން އަންނައިރު ދުވެލާ ދުވެލުމާއި، ކުޅެ ހީސަމާސާ ކޮށް ހަދާ ކޮންމެ ވަގުތަކީ މަންމަޔަކާއި ބައްޕަ އަކަށް އެންމެ ހިތަށް ފިނިކަން ލިބޭނެ ވަގުތެވެ.

އެ އުފާވެރި ވަގުތު ބަނަވާކަށް އެއްވެސް ދެމެފިރިއަކު ނޭދޭނެއެވެ. ނަމަވެސް ހދ. ކުޅުދުއްފުށީ (ޝަބްނަމީގޭ) އަބުދުލް ހަމީދާއި، އެ ރަށު (ތާޖު) އައިޝަތު ސުޒާނާ ކައިވެނީގެ ގޮށް ޖެހީވެސް އެފަދަ ދުވަސްތަކެއް ހޭދަ ކުރުމުގެ ނިޔަތުގައެވެ.

އުފާވެރި ދިރިއުޅުމެއްގައި ލިބިފައިވާ ދަރިންނާ އެކު މުޅި އުމުރަށް އުޅުމަށް ވައުދުވެ ހަޔާތް ވޭތު ކުރުމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް އެ އުއްމީދު ތަކާއި އެ ހުވަފެންތައް ވިއްސި ވިހާލިވީ ކުއްލި ހިތްދަތި ކަމެއް އެ ދިރިއުޅުމަށް ގެނުވާފައެވެ. ހިނދުކޮޅެއްގެ އުފަލަކަށް އެ ދިރިއުޅުން މަޖުބޫރު ކޮށްފައިވެއެވެ. 

އެ ދެމެފިރިންނަށް ލިބުނު ތިންވަނަ ދަރިފުޅު ހަސަން އަޒުޔާން (ޔާން) ގެ މަންމަ ސީއެންއެމް އަށް ކުއްޖާގެ ހާލަތު ބަޔާން ކުރަމުން ބުނީ، ޔާން ވިހޭއްސުރެން ފެށިގެން ޔާންގެ ކިބައިން އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެވުނު ކަމަށެވެ. ބޮޑުވަމުން އައި އިރު، އެއްލޮލުގައި އަވަރު ކަމެއް ފާހަގަ ކުރެވުނު ކަމަށެވެ.

"އިރު އޮއްސިއްޖިއްޔާ ކުއްޖާގެ ކަމަކީ އަބަދު ރުއިން. އެގޮތަށް ރޯތީ އެތައް ޑޮކްޓަރުންނަށް ދެއްކިން އެއްވެސް ފަހަރަކު ހައްލެއް ނުލިބޭ. ފަހުންފަހުން އައިސް 2020 ވަނަ އަހަރު ކުއްޖާ އަށް ނުއެއް ހިނގޭ. ކޮޅަކަށް ނުހުރެވޭ. ނުއެއް އިނދެވޭ ހޮޑުލެވެނީ. އެގޮތަށްވާތީ އެތައްފަހަރަކު ޑޮކްޓަރަށް ދެއްކުނު ފަހުން އެމްއާރުއޭ އެއް ހެދުމަށް ޑޮކްޓަރު ލަފާދެއްވި. ކުއްޅުދުއްފުށީ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އެމްއާރުއޭ އެއް ހެދި. އޭރު ޑޮކްޓަރު ވިދާޅުވީ 10 ސެންޓްމީޓަރުގެ ޓިއުމަރެއް ކުއްޖާގެ ބޮލުގައި އުފެދިފައިވާ ކަމަށް. ލޮލު ތެރެއިން މުޅި ބޮލުގެ އެތެރެ ފުރިފައިވާކަމަށް ޑޮކްޓްރު ވިދާޅުވި،" ސުޒާނާ ބުންޏެވެ.

ބޮލުތެރޭގައި ޓިއުމަރެއް އުފެދިފައިވާތީ އަވަހަށް މާލެއަށް އައިސް އައިޖީއެމްއެޗަށް ދެއްކި ކަމަށާއި، އެއަށްފަހު، އޭޑިކޭ އަށް ދެއްކުމުމުން ބޮލުތެރޭގައި ފެން ހަރުލާފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށާއި، ވަގުތުން ފެންބޭރު ކުރުމަށް އޮޕަރޭޝަނެއް އޭޑީކޭއިން ކުރި ކަމަށެވެ. ނަމަވެސް ޓިއުމަރު ނުގެމުގެ އޮޕަރޭޝަން އޭޑީކޭ އިން ކުރެވެން ނެތް ކަމަށާއި ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ދިއުމަށް ޑޮކްޓރު ވިދާޅުވިއެެވެ.

އެހާ ހިސާބުން އިންޑިއާ އަށް ދިޔަ ކަމަށާއި، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދެއްކުމުން، ޓިއުމަރު ވަނީ 12 ސެންޓްމީރަށް ބޮޑުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށް ސުޒާނާ ބުންޏެވެ. އަދި ޓިއުމަރުގެ ސަބަބުން އެތެރެއިން ބޭރުވާން ޖެހޭ ބައެއްފެން ބޭރު ނުވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި ކަމަށާއި، އޭގެ ސަބަބުން ބޮލު ތެރޭގައި ފެން ހަރުލާފައިވާ ކަމަށް ޑޮކްޓަރު ބުނެއެވެ.

އަދި ޓިއުމަރު ކުޑަވޭތޯ ބައެއް އޮޕަރޭޝަން ތައް ކުރި ކަށާއި، ނަމަވެސް މިހާރު ވަނީ ޓިއުމަރު ކެންސަރަށް ބަދަލުވެފައި ކަމަށް ވެސް ކުއްޖާގެ މަންމަ ސުޒާނާ ބުންޏެވެ. ބޮލު ތެރޭގައި އުފެދިފައިވާ ނާރު ތަކާއި އެކު ޓިއުުމަރު އުފެދި ބޮޑު ވެފައިވާތީ އެއްކޮށް ނަގަންވެސް އުނދަގޫ ވާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"އަމްރިތާ ހޮސްޕިަޓލުގެ ޑޮކްޓަރު ވިދާޅުވީ ޔާން އަށް އޮޕަރޭޝަން ކުރެވޭނީ ޔާން އަށް ފަސް އަހަރު ފުރިގެން ކަމަށް. ނާރު ތަކާއި އެކު އެ ގޮތަށް ފެތުރިފައިވާތީ އެ ޓިއުމަރު ނަގަން ޖެހެނީ ގާނައިގެން" ސުޒާނާ ބުންޏެވެ.

ސުޒާނާ ބުނީ އިންޑިޔާގައި އިތުރަށް ތިބެއްޖެނަމަ ހަރަދުތައް ދާނެތީ މާލެއަށް މިހާރު އައީކަމަށެވެ.އަދި ފައިސާ ލިބޭނެ ގޮތެއްވެސް ނެތް ކަމަށެވެ. މިމަހު 29ގައި ޔާން އަށް ފަސް އަހަރު ފުރޭނެ ކަމަށާއި، މިހާރު ތައްޔާރު ވަމުން ދަނީ ޔާން އަށް ފަސްއަހަރު ފުރުނުހާ އަވަހަކަށް ރާއްޖޭން ބޭރަށް އަނެއްކާވެސް ދިއުމަށް ކަމަށް ވެސް ސުޒާނާ ބުންޏެވެ.

އާސަންދަ ލިބުމުގައިވެސް ދަތި ތަކެއް ހުރި ކަމަށް ބުނެ ސުޒާނާ ބުނީ، ކުއްޖާ ގޮވައިގެން އިންޑިއާގައި ތިބޭއިރު މާލޭގައި، އާސަންދައިގެ ކަންކަމާއި އެހެނިހެން ކަންކަމުގައި އާއިލާގެ މެންބަރެއްގެ އެހީތެރިކަން ލިބޭ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ވަގުތު ހޭދަވާ ކަމަށެވެ.

އަދި ބަލީގެ ގޮތުން އާސަންދަ ލިބޭނެ ކަމަށާއި، ނަމަވެސް އާސަންދަ ހޯދުމަށްވެސް ގަނަ ތެޅެން ޖެހޭކަމަށް ސުޒާނާ ބުންޏެވެ. މިހާރުވެސް އިންޑިއާގެ ހޮސްޕިޓަލަށް ދައްކާ ލިއުން ލިބިފައިވާއިރު، އަދި މާލެ އައިސް އިތުރަށް އާސަންދަ ހޯދުމަށްޓަކައި ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށާއި، އެކަމަށް މާލޭގައި މަޑު ކުރަން ޖެހޭތީ އެތައް ފައިސާއެއް މާލެއަށް ވެސް ހަރަދު ކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ. 

އަދި އިންޑިއާއަށް ގޮސް ހުރުމަށާއި ކެއުމަށް ބޮޑު ހަރަދެއް ހޭދަ ވެގެން ދާނެ ކަމަށާއި، އެއާއިލާ އަކީ އެފަދަ ފުދުންތެރި އާއިލާއެއް ނޫން ކަމަށާއި، އެދެނީ ތި އެންމެންގެ ދީލަތި އެހީ އެއް ކަމަށެވެ.

ގުޅޭނެ ނަމްބަރު: .. 7853916 ، 9953666 (އައިޝަތު ސުޒާނާ)  

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި ( އައިޝަތު ސުޒާނާ ) 7706462415101

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު ( އައިޝަތު ސުޒާނާ )7730000000463

ސުޒާނާ އެދެނީ ފައިސާގެ ގޮތުން އެހީ ދެވެން ނެތް ފަރާތްތަކުން ވެސް އެނާ ދަރި ޔާން އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ.

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

10%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
87%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް