ads
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)--
އެންމެ އިންސާފުވެރީ ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި 4500 ރުފިޔާ ނެގުން: ބޮންޑެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކަށް ބަދަލުވާން ރައްޔިތުން ކުރި ހަރަދު ހަމަވަންދެން މަހު ކުލީގެ ގޮތުގައި މަހަކު 4500 ރުފިޔާ ނެގުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންދު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
Advertisement

ބޮންޑެ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހިޔާ ފުލެޓުތަކަށް ކުލި ނެގުން އެޗްޑީސީއިން ވަނީ ފަށާފައެވެ. 

ކުލި ނެގުމުގެ މައްސަލާގައި ބައެއް ފަރާތްތަކުން ސަރުކާރަށް ނުރުހުމުގެ ބަސްތައް ފޮނުވަމުން އަންނަ ދަނޑިވަޅެއްގައި، މެމްބަރު ބޮންޑެ ވިދާޅުވީ، ހިޔާ ފުލެޓުގެ ނަމުގައި ހަތަރު ފާރު ލިބުނު ފަރާތްތަކުން އެތަނަށް ބަދަލުވާން ކުރި ހަރަދު ހަމަވަންދެން މަހު ކުލީގެ ގޮތުގައި 4500 ރުފިޔާ ނެގުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ފެންނަ ކަމަށެވެ. 

ބޮންޑެ މިފަދައިން ވިދާޅުވެފައި ވާއިރު، ހިޔާ ފުލެޓުގެ ކުލި ނެގުން ފަސްކޮށްދިނުމަށް އެދި އެ ފުލެޓު ތަކުގައި ދިރިއުޅެމުން އަންނަ 500 މީހުން ވަނީ އެޗްޑީސީއަށް ޕެޓިޝަނެއް ފޮނުވާފައެވެ. އެކަމާއި ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ލިބިފައި ވާކަމަށެވެ. އަދި އެކަމަށް ކައިރި މުސްތަގުބަލެއް ތެރޭ ޖަވާބު ދޭނެ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ. 

ސަރުކާރު ބަދަލުވެ އެތައް ދުވަހެއް ފަހުން އެ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފެށިއިރު، ސަރުކާރުން ވަނީ ކުރީ ސަރުކާރުން ކަނޑައެޅި އަގުގައި ފުލެޓުތައް ކުއްޔަށް ދޫކޮށްފިނަމަ ސަރުކާރަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށްބުނެ، ކުލި، 7500 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން މެއިންޓެއިނަންސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހެއެވެ.  

ސަރުކާރުން އެންމެ ފުރަތަމަ އެ ފުލެޓުތަކުން ކުލި ނަގަން ފެށުމަށް ނިންމީ، ޖެނަވައަރީ މަހުން ފެށިގެނެވެ. އެހެން ނަމަވެސް ފުލެޓު ތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެތަނުގައި އަދި ވެސް ނުނިމި ހުރި އެތައް މަސައްކަތެއް އެބަހުރި ކަމަށާއި، ކުލި ނެގުން ފަސްކޮށް ނުދީފިނަމަ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ ސުލްހަވެރި އިހްތިޖާޖެއް ކޮށްފައެވެ. 

ރައްޔިތުންގެ އެއަޑު އައްސަވާ، މިދިޔަ އަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އެ ފުލެޓު ތަކުން ކުލި ނެގުން އިތުރު ތިން މަސް ދުވަހަށް ފަސްކުރުމަށް ނިންމަވާ އެކަން އިއުލާން ކުރައްވާފައެވެ. އެގޮތަށް ނިންމެވުމުން އެ ފުލެޓު ތަކުން ކުލި ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުން ފެށިގެނެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް