ads
ހައިކޯޓު
މަނީ ލޯންޑްރިންގެ ތުހުމަތުގައި ހިފެހެއްޓި އެކައުންޓުތަކެއް ދޫކޮށްލަން އަމުރުކޮށްފި
މަނީ ލޯންޑާކުރިކަމުގެ ތުުހުމަތުގައި ކުންފުންޏެއްގެ ބޭންކް އެކައުންޓުތަކެއް ހިފަހައްޓާފައިވަނިކޮށް އެ އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މިއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅު ބާޒާރުގައި ބޭރު ފައިސާގެ ވިޔަފާރިކުރުމާއި, މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓްތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ ކުންފުނީގެ ނަމުގައި ބީއެމްއެލްގައިވާ ހަ އެކައުންޓެއްގައިވާ ފައިސާ 16 ފެބްރުއަރީ 2022 އިން ފެށިގެން 15 މެއި 2022 ގެ ނިޔަލަށް ހިފެހެއްޓުމަށް އަދި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ހުސްވި ޖަނަވަރީ 16 ގައި ބީއެމްއެލްގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. އެ ކުންފުނިން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ އަމުރު ގޯސްކަމަށް ދައުލަތުން ވެސް ވަނީ ކޯޓުގައި އެއްބަސްވެފައެވެ.

ހައިކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ބުނީ މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑްގެ ހަ އެކައުންޓެއް ފްރީޒް ކުރުމަށް އެދި ހުށަހެޅިއިރު, އެ އެކައުންޓުތަކުގައި ހުރި ފައިސާ ކުށަކާ ގުޅިފައިވާކަމަށް އަންދާޒާކުރެވޭ އަދަދަކީ ކޮބައިކަމެއް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި އެ އެކައުންޓުތަކުގައި ހުރި އެންމެހައި ފައިސާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްގެ ކުށާ ގުޅިފައިވާ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާއި ގުޅިފައިވާ ފައިސާ ކަމުގައި ގަބޫލުކުރެވޭ ސަބަބު އަމުރަށް އެދުނުއިރު ދެއްކިފައިނުވާ ކަމަށެވެ. އަދި އަމުރު ނެރުމުގައި ފަނޑިޔާރު އެ ނިންމުމަށް ވާސިލުވި ގޮތެއްވިޔަސް އެނގެން ނެތްކަމަށާއި, މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑްގެ ހަ އެކައުންޓެއްގައި ހުރި ފައިސާ މަނީ ލޯންޑަރިންގެ ކުށާ ގުޅެނީ ކިހިނެތްކަން އަދި ކޮންގޮތަކުންކަން ވެސް ބުނެދެވިފައިނުވާ ކަމަށެވެ.

އެ ގޮތުން ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ އިއްތިފާގުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް