ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި މިމަހުގެ ދިހަ ވަނަ ދުވަހުގެ ރޭ ނެގި ވޯޓުގައި އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވާއިރު، މަޖިލީހުގެ 172 މެމްބަރަކު ވަނީ އިމްރާން ހާން ބޮޑުވަޒީރު ކަމުން ވަކިކުރުމަށް ވޯޓު ދީފައެވެ.
މި ވޯޓައި ގުޅިގެން އެގައުމުގެ ގިނަ ބަޔަކު އިމްރާން ހާން އަށް ތާއީދުކޮށް އަޑުފުލުމުން އަންނަ އިރު، ބައެއް ފަރާތްތަކުން އަންނަނީ މި ވޯޓަކީ މެމްބަރުން ރިޝްވަތު ނަގައިގެން ދީފައިވާ ވޯޓެއް ކަމަށް ބުނެފައެވެ. އަދި މިއީ ގައުމުގެ މަސްލަހަތު ގެއްލުވާލަން ބަޔަކު މީހުން ރާވައިގެން ކުރި ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މިހާރު ސޯޝަލް މީޑިއާގައި ދަރުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުން، ދެކޮޅަށް ނެގި ވޯޓުގައި އިމްރާން ހާން ބޮޑުވަޒީރު ކަމުން ބޭރު ކުރަން ވޯޓު ދިން މެމްބަރަކު އޭނާގެ އަވަށަށް ދިއުމުން، ރައްޔިތުންގެ ބަޔަކު ނިކުމެ އޭނާ ގައިގާ ތަޅާ ވަރަށް ބޮޑަށް އަނިޔާ ކުރާ މަންޒަރު ފެނެއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުން ރައްޔިތުންތަކެއް އޭނާގެ ގައިގައި ތަޅަމުން ދާއިރު، އޭނާ އަކީ ގައްދާރެއް ކަމަށާއި، އޭނާ އެ އަވަށުގެ މެމްބަރު ކަމަށް ދެން ދުވަހަކުވެސް އިންތިހާބު ނުކުރާނެ ކަމަށް ބުނާ އަޑު ވީޑިއޯއިން އިވިގެން ދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މެމްބަރު ވަނީ އިމްރާން ހާން މަގާމުން ދުރުކުރުމަށް 1.2 މިލިއަން ޕައުންޑުގެ ރިޝްވަތު ނަގާފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ ރައްޔިތުންނެއް ވަނީ އޭނާއަކީ ގައުމުގެ ދުޝްމިނެއް ކަމަށްވެސް ބުނެފައެވެ.
އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޕާކިސްތާނުގެ ކުރީގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެވެ. މި ވޯޓު ނެގުމަށް ފުރަތަމަ ހަމަޖެހިފައި އޮތް ދުވަހު އެ މައްސަލަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ. އެއާއެކު އިމްރާން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށްފަހު އަވަސް އިންތިހާބަކަށް ގޮވާލާފަ އެވެ.
އިމްރާންގެ އެ ނިންމުން އެގައުމުގެ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި ބުނީ ސަރުކާރުގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށާއި އެއީ އަމަލުކުރަންޖެހޭ ނިންމުމެއް ނޫން ކަމަށެވެ. އަދި ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަ އެދުވަހު ނެގުމަށް އަމުރުކޮށްފަ އެވެ.
މި ވޯޓާ ދިމާކޮށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ބޮޑު ޕާޓީއެއް ކަމަށްވާ މުއްތަހިދާ ގައުމީ މޫވްމަންޓް ޕާކިސްތާން (އެމްކިއުއެމް-ޕީ) އާއި އިމްރާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ.
ޕާކިސްތާނުގެ 75 އަހަރުވީ ތާރީހުގައި މިހާތަނަށް އެގައުމުގެ އެއްވެސް ބޮޑުވަޒީރަކަށް މަގާމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ.