ވިލިމާލޭ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުރި އެމްޑީޕީގެ މެމްބަރު އައިމިނަތު އީމާން ނިޔާވުމުންނެވެ. އެކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތި ލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ކުރިން އެ ގޮނޑި ލިބިފައި އޮތް އެމްޑީޕީއަށް ފޯމް ހުށަހެޅުނީ މުއްދަތު ހަމަވި ފަހުންނެވެ. އެހެންވެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލި އެމްޑީޕީގެ ގޮނޑިވެސް ވަނީ ގެއްލިފައެވެ.
ވަގުތު ފާއިތުވީ ފަހުން ފޯމު ހުށަހެޅުނު ސަބަބާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު "ސީއެންއެމް"އަށް ވިދާޅުވީ، އެދުވަހު ފޯމު ހުށަނޭޅުނީ އެވަގުތު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށް ވިޔަސް، އެކަން އެހެންވީ މައިގަނޑު ސަބަބަކީ ކުރިމަތީ އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރީގައި އެ ޕާޓީ ޖެހިފައި އޮތް މިންވަރުން ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާ ޕާސަން އިންތިހާބުގެ ފޯރީގައި އެމްޑީޕީގެ އަތުގައި ކުރިން އޮތް ގޮނޑިއެއްގެ ބާރުވެރިކަން ގެއްލިގެން ދިއުމުގައި "އެ ބަހަނާ" އަކީ ބަލައިގަނެވޭނެ ބަހާނާއެއް ނޫންކަން ގަބޫލުކުރައްވާ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޕާޓީތެރޭ ހިތްހަމަ ނުޖެހުންތައް އެބައޮތްކަންވެސް ނިޔާޒް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް އެ ޕާޓީގެ ފަރާތުން ދެ އަންހެން ކަނބަލަކު ކުރިމަތި ލެއްވިއެވެ. ނަމަވެސް ބައެއް ސަބަބުތަކާއިއެކު އެތަނުން އެއް ކަނބަލެއްގެ ނަން އަމިއްލައަށް ގެންދެވިއެވެ. އެއަށްފަހު އެ މަގާމަށް އެ ޕާޓީން ފޯމު ހުށަހެޅުވުމަށް ނަން ޖަހާފައި އޮތީ ހައްވާ އިބްރާހިމް ކިޔާ އަންހެން ކަނބަލެއްގެ ނަމެވެ.
އެކަންތައްގަނޑުގެ ތެރޭގައި ކެންޑިޑޭޓް ކަނޑައެޅުމުގައި ލަސްތަކެއް ދިމާވިކަމާއި، ނަން ހުށަހެޅުނީ އެންމެ ފަހު ވަގުތުކަންވެސް ނިޔާޒް ގަބޫލުކުރެއްވިއެވެ. ނިޔާޒް ވިދާޅުވީ، އެކަން ތަކުރާރު ނުވާނެ ގޮތަަކަށް މަސައްކަތްތައް ބައްޓަންކުރަން މަސައްކަތް ކުރަމުންދާ ކަމަަށެވެ.
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮތް އެމްޑީޕީގެ ޗެއާ ޕާސަން އިންތިހާބަށް އެމްޑީޕީގެ ވަރުގަދަ ދެބޭފުޅަކު ކުރިމަތިލައްވައެވެ. އެއީ އެމްޑީޕީގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިން އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ފަޅިން އިމްތިޔާޒް ފަހުމީއެވެ. އެހެންކަމުން މި އިންތިހާބުވެފައިވަނީ އެ ޕާޓީގެ އެތެރޭގެ އެންމެ ފޯރިގަދަ އިންތިހާބަށެވެ.