ބީއެމްއެލް އިސްލާމިކް އިން ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އާ ޕޭމަންޓް ސޮލިއުންޝަންއެއްގެ ގޮތުގައި މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.

Advertisement
ބީއެމްއެލްއިން ބުނީ އަލަށް ތައާރަފް ކުރެވުނު ކާޑުން ފަސޭހަކަމާއެކު ބިޒްނަސް އެކައުންޓް ބޭނުންކުރުމާއި، ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަވެގެންދާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދިމެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ، ކުރިއަރަމުންދާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނެ ބޭންކިން ހައްލުތައް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އާ ޕޭމަންޓް ނިޒާމެއް ތައާރަފް ކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
"އަލަށް ތައާރަފްކުރެވުނު މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެހީވެ އަދި ގިނަ ވިޔަފާރިތަކުން ބޭނުންވާފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރެވުނު ހިދުމަތެއް" ޓިމް ވިދާޅުވިއެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މި ކާޑު ބޭނުންކުރެވޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެހެނިހެން ކާޑުތަކެކޭ އެއްފަދައިން އަލަށް ތައާރަފް ކުރެވުނު މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑުގައިވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗަސްތައް އެކުލެވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސަވިސް ބޭންކިން ސެންޓަރާއި، 138 އޭޓީއެމް، އަދި 200އަށް ވުރެގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލްއިން ދަނީ ފޯރުކޮށް ދެމުންނެވެ.