ވެމްކޯއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އަންނަ މޭ މަހުން ފެށިގެން ހިޔާ ފުލެޓުތަކުން ކުނި އުކާލުމުގެ ހިދުމަތަށް މަހަކު 150 ރުފިޔާ ނެގުމަށް ނިންމާފައި ވާކަމަށެވެ. އަދި މިއީ މާލެ އާއި ހުޅުމާލޭ ފޭސް އެކެއްގެ ގޭބިސީތަކަށް ފޯރުކޮށްދޭ 'ބިލްޑިން ޕްލަސް' ހިދުމަތުން މިހާރު ވެސް ނަގާ އަގާ އެއްވަރުގެ އަގެއް ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ، ފުލެޓުތަކުން އުކާލާ ބަރު އަދި ބޮޑެތި ކުނިތައް އުކާލުމަށް އެކުންފުނިން ދެމުން އަންނަ "ކޯލް އެންޑް ޕިކަޕް" ސާވިސްގެ ހިދުމަތް ބޭނުން ކުރުމަށް އެދޭ ކަމަށެވެ.
ވެމްކޯއިން އެންމެ ފުރަތަމަ ނިންމާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހިޔާ ފުލެޓުތަކުން ކުނި އުކާލުމަށް ފީ ނެގުމަށެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ފީނަގަން ނިންމިއެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ލުއިތަކެއް ދިނުމަށް ނިންމާ ވެމްކޯއިން އެ ނިންމުން ބަދަލުކޮށް ވެމްކޯއިން ވަނީ ކުނި އުކާލުމަށް ނަގާ ފީ ނެގުން ވަކިގޮތެއް އަންގަންދެން ނުނަގާ ތިބުމަށް ނިންމާފައެވެ.
ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލު ފޮނުވާނީ ރަޖިސްޓަރީ ކޮށްފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.