ads
ކުށް ސާބިތުވި ދެމީހުން
ޔާމީން މަރު: އުމުރު ދުވަހަށް ޖަލަށް ލީ ދެމީހުންގެ ފަރާތުން ހުކުމް އިސްތިއުނާފް ކޮށްފި
ޔާމީން ރަޝީދުގެ ހަށިގަނޑުގެ 34 ތަނަކަށް ވަޅިން ހަމަލާދީ މާރާލި މައްސަލާގައި ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ދެމީހުންގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
Advertisement

ދިރިއުޅޭ ގޭގެ ލިފްޓް ކައިރީ ޔާމީން ރަޝީދަށް ގިނަ ހަމަލާތަކެއް ދިނުމަށް ފަހު މަރާލި މައްސަލާގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރި އެވެ. 

ދައުވާ އުފުލާފައިވާ މީހުން:

  1. މ. ތާއިފް، އިސްމާއިލް ރަޝީދު
  2. ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު
  3. މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް
  4. ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން 
  5. މ. ކުދެހިގޭ ހަސަން ޝިފާޒް
  6. މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު

ޔާމީން ރަޝީދުގެ ހަށިގަނޑުގެ 34 ތަނަކަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ކުށް ސާބިތުވިކަމަށް ހުކުމް ކުރީ، މީގެ ތެރެއިން ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުން ވަނީ މި ދެމީހުން އުމުރު ދުވަހަށް ޖަލަށް ލުމަށާއި، އެއް އަހަރު ދުވަސް ތެރޭ 1.3 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. މީގެ އިތުރުން ކުށުގެ ކައްފާރާގެ ގޮތުން 60 ދުވަހު ރޯދަ ހިފުމަށް ވެސް މި މީހުންގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

އެދެމީހުންގެ މައްޗަށް ކުރި ހުކުމް އެ ދެމީހުންގެ ފަރާތުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ. 

މިމައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވިނަމަވެސް އެ ހަތަރު މީހުންނަކީ ވެސް ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުންނެވެ. 

ހުކުމަށްފަހު ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ އެ ހަތަރު މީހުންނަކީ ވެސް ޔާމީން ރަޝީދު މަރާލުމުގެ އަމަލު ރޭވުމުގަ އާއި، އެކަން ތަންފީޒުކުރުމުގައި އެކިމިންވަރަށް ބައިވެރިވެފައިވާ ބައެއްކަން މައްސަލައިގެ ހެކިޤަރީނާއިން އެނގޭ ކަމަށެވެ.

ޕީޖީ އޮފީހުން އެފަހަރު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވާފައިވާތީ، އެ ހުކުމް  ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތް ކަމަށެވެ.

އެމައްސަލައިގެ ރިޕޯޓު މިދިޔަ ފެބްރުއަރީ މަސްތެރޭ ލިބުމުން ރިޕޯޓު ދިރާސާ ކުރުމަށްފަހު އިސްތިއުނާފު ކުރުމަށް ނިންމީ އެންމެ ދެމީހުންގެ މައްސަލައެވެ.ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ އެވެ. ދެން ހިމެނޭ ދެ މީހުންގެ މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޔާމީން ރަޝީދުގެ މަރުގެ ތަފްސީލް

2017 ވަނަ އަހަރު އޭޕްރީލް މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:59 ހާއިރު ޔާމީން ރަޝީދު މަރާލީ އޭނާ ގޭގެ ސިޑި ގޮޅީގައެވެ. ބަޔަކު ވަރަށް ރާވައިގެން ޔާމީނަށް ވަރަށް އަނިޔާވެރިކޮށް ހަމަލާ ދިނީ، އޭނާ ވަޒީފާ ނިންމާލާ، އެނބުރިގެއަށް އައި ވަގުތުގައެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި މިމައްސަލާގައި ދެމީހަކު ކުށްވެރިވެގެން ހުކުމް ކުރިއިރު، އެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ސިޑި ގޮޅިއާއި ލިފްޓުގައި ހުރި ކެމެރާގެ ބައެއް ވީޑިއޯތައް ދައްކާފައެެވެ.

ލިފްޓުގައި ހުރި ކެމެރާ އިން ފެންނަނީ ލިފްޓުގެ ދޮރު ހުޅުވޭއިރު، ސިޑި ގޮޅި ތެރޭގައި މީހަކު ބިންމައްޗަށް ވައްޓާލައި ދެ މީހަކު ވެގެން ހަމަލާ ދޭ މަންޒަރެވެ. 

ވީޑިއޯއިން ފެންނަ ގޮތުން ހަމަލާދެނީ ދެ މީހެކެވެ. ނަމަވެސް ވީޑިއޯއިން ފެންނަ މީހުން ސާފެއް ނުވެއެވެ.

ދެން ދެއްކީ އެ ގޭގެ ގްރައުންޑް ފްލޯގެ ސިޑި ގޮޅީގައި ހުރި ކެމެރާ އިން ފެންނަ މަންޒަރުތަކެވެ. ވީޑިއޯއިން ފެންނަނީ ދެ މީހަކު އެ އިމާރާތަށް ވަދެފައި އެ ކެމެރާގައި އަތުން ހިފައި، ކެމެރާ އަނބުރައިލާ ތަނެވެ. ނަމަވެސް އޭނާގެ ވެސް އަތް ނޫން އެހެން ތަނެއް އެކެމެރާއަކަށް ނާރައެވެ. 

އިތުރަށް ދެން ދެއްކި ވީޑިއޯއިން ފެންނަނީ ސިޑި ގޮޅީގެ ބޮކި ނިއްވާލާ މަންޒަރެވެ.

ދައުލަތުން ބުނީ އެ ވީޑިއޯ އިން ފެންނަ މަންޒަރާއި ހެކިބަސް ދިން ބައެއް މީހުންގެ ހެކިބަހާ ދިމާވާ ކަމަށާއި، އެ ގެ އަށް އެ ރޭ ވަނީ ދައުވާ ލިބޭ ހައިޝަމާއި ޒިހާން ކަމަށެވެ. އަދި އެމައްސަލާގައި ދެން ދައުވާކުރާ އިސްމާއިލް ރަޝީދު ހުރީ އެ ގޭގެ ބޭރުގައި ކަމަށް ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ. 

އެ ގޭގެ ތެރެއިން ހަޅޭކުގެ އަޑެއް އިވުނު ފަހުން ދެ މީހުން ގެއިން ނުކުތް ކަމަށް އިތުރު ހެއްކަކު ބުނާ ބުނުމަށް ބާރު ލިބޭ ވީޑިއޯ އެއްވެސް ދައުލަތުން ވަނީ ދައްކަން މަަަސައްކަތްކޮށްފައެވެ. ނަމަވެސް އެ ވީޑިއޯ ދައްކަން  ދިފާއީ ވަކީލުން ދެކޮޅު ހެދިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް