ލ.އަތޮޅު އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ އަލީ ސަރީފް ބެއްލެވި މިމައްސަލާގެ ހުކުމްގައި ބުނެފައި ވަނީ ސަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
އޭރު އާއްމްވެފައިވާ ވީޑިޔޯގައި ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއްގައި އަހުމަދު ސަމީމް އައިސް ދަގަނޑުބުރި އަކުން މަސްއޫދަށް ހަމަލާދީ ވަރަށް ބާރަށް ސައިކަލްގައި ދުއްވާ ފިލަ އެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ ފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދެ ފަހަރަށް ދޫކޮށްލުމުން ހައިކޯޓުން ނެވެ. މި މީހާއަކީ ލ.އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.
ސަމީމްގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއިނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުންނެވެ.
ދައުލަތުން އެމީހާގެ މައްޗައް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ފޮނަދޫ އަމީނީމަގުން އެ ރޭ މަސްއޫދު އަނބިކަބަލުން ގޮވައިގެން ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ސަމީމް އައިސް މަސްއޫދު ދުއްވަން ހުރި ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.