ހުކުރު ދުވަހުގެ 11 ޖަހާ ކަންހާއިރު ހިނގި މި ހާދިސާގައި ކިއުބާގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދުގައި ވަނީ ދުމާއި އަޅީގެ ސަބަބުން މީހުންނަށް ސިހުން ގެނުވާފައެވެ. މި ހާދިސާގައި ފުރަތަމަ މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރާފައިވާ އިރު މެންދުރުގެ ވަގުތެއްގައި ކިއުބާގެ ލީޑަރު މިގުއެލް ޑިއާޒް ކާނެލް ވަނީ ނުވަ މީހަކު މަރުވިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ހަވީރުގެ ވަގުތެއްގައި މަރުވި މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށް ވެސް ކިއުބާގެ ރައީސް އޮފީހުން ބުނެފައިވެއެވެ.
މަރުވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި ކުޑަ ކުއްޖެއް ވެސް ހިމެނެއެވެ. އެމީހުންގެ އައިޑެންޓިޓީއާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު 50 ބޮޑެތި މީހުންނާއި 14 ކުޑަކުދިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ޕްރިލިމިނަރީ ތަހުގީގުތަކުން އިޝާރާތް ކުރަނީ ގޭސް ލީކުވުމަކާއި ކަމަށް މެންދުރު އެ ސަރަހައްދަށް އެއްވި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑިއާޒް ކާނެލް ވިދާޅުވެފައިވެއެވެ. އެއީ ބޮމުގެ ހަމަލާއެއް ނޫން ކަމަށާއި އެއީ ކުއްލިއަކަށް ހިނގައި ދިޔަ ވަރަށް ހިތާމަވެރި އެކްސިޑެންޓެއް ކަމަށް އޭނާ ބުނެފައިވެއެވެ.
ޑިއާޒް ކާނެލް އާއި ބޮޑުވަޒީރު މެނުއެލް މާރޭރޯ ވަނީ މި ހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާ ދޭ ބައެއް ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާފައެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަސް ކުދިންނަށް އަނިޔާވެފައިވާ އިރު އޭގެ ތެރެއިން ތިން ކުދިންނަކީ އަވަށްޓެރި ސްކޫލަކަށް ލިބުނު ގެއްލުމުގައި އަނިޔާ ލިބިފައިވާ ކުދިން ކަމަށެވެ. އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި އޭނާ ސެންޓްރަލް ހަވާނާގެ ކުޑަކުދިންގެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ.
ކިއުބާގެ ސްޓޭޓް މީޑިއާއިން ބުނެފައިވަނީ، އެ ހޮޓަލަކީ މަރާމާތު ކުރަމުންދާ ހޮޓަލަކަށް ވާތީ ހޮޓަލުގައި އެއްވެސް ގެސްޓުންނެއް ނެތް ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ދެ އަހަރު ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ހޮޓެލް އަލުން ހުޅުވަން ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެއްޗެއް ގޮވައިގެން ހިނގައި ދިޔަ މި ހާދިސާއަށްފަހު، 1880 ވަނަ އަހަރު އެންމެ ފުރަތަމަ ބިނާކުރެވުނު މި ބިނާ، ސަލާމަތް ކުރެވިދާނެކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުވެފައި އެއް ނުވެއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ކިއުބާއަށް ދަތުރުކުރި ތަރިންގެ އެންމެ މަގުބޫލު މަންޒިލަކަށް ވެސް ސަރަޓޯގާ ވެގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު ހަވާނާގައި 58 ވަނަ އުފަންދުވަސް ފާހަގަކުރި މެޑޯނާގެ އިތުރުން 2013 ވަނަ އަހަރު އެތަނުގައި ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރި ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭ ޒެޑް ވެސް ހިމެނެއެވެ.