ads
މެމްބަރު ހުސެން ޝަހީމް (ކ) އަދި މެމްބަރު ޔައުގޫބް އަބްދުﷲ--
ބޯޯހިޔާވަހިކަމުގެ މައްސަލައާއެކު އަނެއްކާވެސް މާލެ-ރާއްޖެތެރެ ބަހުސް ފަށައިފި
ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ތެރެއިން އަނެއްކާވެސް "މާލެ-ރާއްޖެތެރެ" ބަހުސް ފަށައިފި އެވެ.
Advertisement

މި ބަހުސް އަނެއްކާވެސް ސޯޝަލް މީޑިއާގައި ފަށާފައި ވަނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. 

މިޕްރޮގްރާމުގައި ހުސައިން ޝަހީމް ސިފަކުރެއްވީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ފަލަސްތީނު ރައްޔިތުންގެ އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަލައެއްގެ ގޮތުގަ އެވެ. 

"އަށްޑިހަ، ނުވަދިހަ އަހަރުވީ އަޅުގަނޑުމެންގެ [މާލޭ ރައްޔިތުންނަށް] ފްލެޓްގަނޑެއް ބިންކޮޅެއް ނުލިބިދާތާ. މުޅި މާލެ ހިއްކާ، ކޮންމެ ސަރުކާރަކުން ހައްގުވެރިންނަށޭ އޭގެ އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށޭ، ކިޔާފައި ބަހައްޓާފާ ހިއްކާލަ ބިންކޮޅު ހިތުހުރި ގޮތަކަށް ބަހާލަފައި. މީއީ މާލޭ މީހުންގެ ރަށެއް،" އޭނާ ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވީ މާލޭ ރައްޔިތުންގެ ދިފާއުގައި ވާހަކަދައްކަނީ ރާއްޖެތެރެ ރައްޔިތުންނާ ތަފާތު ކުރަން ނޫން ކަމަށާއި، ނަމަވެސް މާލޭ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

މިޕްރޮގްރާމް ނިމުމާއެކު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުގެ ނުލަފާ މީހުންނާއި ރާއްޖެތެރޭ މީހުންނާ އެއް ހަމައަކުން މިނެކިރުމުން ލަދުވެތިވާ ކަމަށެވެ. 

"އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމައަކުން މި ރާއްޖޭގެ "ރާއްޖެތެރޭ މީހުން" މިނެކިރާތީ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ، ދެރަވޭ. އަޅުގަނޑުވެސް ގަބޫލުކުރަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ވާން ޖެހޭނެ ކަމަށް. އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. 

އެއާއެކު މާލެ-ރާއްޖެތެރެ ބަހުސް އަނެއްކާވެސް ވަނީ ސޯޝަލް މީޑިއާގައި ފަށާފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ޝަހީމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ފަލަސްތީނުގެ މުސްލިމުން އުޅޭ ގޮތާއި މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައާ އަޅާ ނުކިޔޭނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަދި ގެދޮރު އިމާރާތްކޮށްދޭ ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ ސައުދުﷲ ހިލްމީ ވިދާޅުވީ ވެރިކަން ކުރާ ރަށް "ކޮންމެ ފަސް އަހަރަކުން ނުވަތަ 20 އަހަރުން" ބަދަލުވާ ގޮތް ހެދުމުން މާލެއަށް މީހުން ނާންނާނެ ކަމަށެވެ. 

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މަރުކަޒު ކުރުމުގެ ޒަމާންވީ ސިޔާސަތާއެކު މާލެ ތޮއްޖެހި، މާލެ އާއި އެކި ރަށްރަށުގެ މީހުން ވެސް މާލޭގައި ދިރިއުޅެނީ ވަރަށް ހާލުގަ އެވެ. 

ލާމަރުކަޒު ކުރުމުގެ ސިޔާސަތެއްގެ ދަށުން މަސައްކަތް ކުރި ނަމަވެސް، އަދިވެސް މި މައްސަލައަށް ހައްލެއް ފެންނާކަށް ނެތެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ ތެރެއިން ތަފާތު ގިނަ އިޖުތިމާއީ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް