އެމީހުން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، އއ. މަތިވެރި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން، މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިމީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި، އެ މީހުންތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ހޮޅިކޮޅު ފެނިފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެ އެވެ.
އަދި މަތިވެރީގައި ހިންގި އޮޕަރޭޝަނަކީވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިދިޔަ ބުރާސްފަތި ދުވަހު، ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައި ވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރެއިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައި ވާކަމަށެވެ.
މީގެ އިތުރުން، ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ހޯދާފައިވެއެވެ.
މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ނުބުނެއެެވެ.