އަލްހާންގެ މައްޗަށް މަނީ ލޯންޑަރީގެ ދައުވާ އުފުލާފައިވަނީ ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން ނެވެ.
އަލްހާންނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ މި މައްސަލައާއި ގުޅީގެން އަންނަ އަންގާރަ (17 މޭ 2022) ވަނަ ދުވަހުގެރޭ 20:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ކިންގް ފޮރެކްސް ޓްރޭޑިން ކުންފުންޏަކީ އަލްހާންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އެތައްބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލަ އެކެވެ. އަލްހާން ވަނީ މީގެ ކުރިންވެސް މި މައްސަލަ އަށް އިންކާރުކޮށްފަ އެވެ.
މި ކަމާއި ގުޅިގެން އަލްހާން ބުނެފައިވަނީ ނުސީދާކޮށް ބަޔާންނެރެ، ދޮގު އިލްޒާމު އަޅުވާ، ވިޔަފާރި ހުއްޓުވާލުމަށްފަހު، މަކަރާ ހީލަތުން މީހުންގެ ފައިސާ ނަގައިގެން މަނީ ލޯންޑަ ކުރާ ކަމަށާއި، ކުންފުނީގެ އެހެން ހިއްސާދަަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންމެދުވެރިކޮށްގެ މިކުރާ މަސައްކަތަކީ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ.
އަލްހާން ވަނީ މިކަމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ޖަރީމާއެއްކަމަށްވެސް ބުނެފަ އެވެ.