ads
ނަސީރު——
"ގިނަވަގުތު މިސްކިތުގައި ހޭދަކުރި، މަރުވި ރޭގެ ހަވީރު އަނބިމީހާ ކައިރީ މަރުވަނީއޭ ބުނި"
ކުއްލިއަކަށް ހާލުދެރަވެ، އަވަސް ފަރުވާނުދެވި އުޅެނިކޮށް މާލެ ގެނައި މަގުމަތީގައި ކަނޑުމަތީ މަރުވެފައި ވަނީ، ފ. ނިލަންދޫއަށް އުފަން، އެރަށަށް ގިނަ ގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެމުންދިޔަ، ނަރުގިސްވިލާ އިސްމާއީލް ނަސީރު އެވެ.
Advertisement

ސީއެމްބިއުލާންސް އެއް ނުލިބިގެން ފަސްގަޑި އިރަށްްވުރެ ގިނައިރު، ހާޓް އެޓޭކެއްގެ އަލާމަތްތަކާ އެކު ފަހުގެ ވަގުތުކޮޅު ހިތްވަރު ކުރުމަށް ފަހު ސީއެމްބިއުލާންސް ތެރޭ ނަސީރު އެންމެ ފަހުގެ ނޭވާ ދޫކުރިއިރު، އޭނާއަކީ ނިލަންދޫގައި އޮތް ސީއެމްބިއުލާންސްގެ ކްރޫއެކެވެ. 

އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދިޔަ ނަސީރު ކުއްލިއަކަށް މަރުވިއިރު، ދުނިޔޭގައި އަތްބަކާއި، ތިން ދަރިން އެބަތިއްބެވެ. 

ނަސީރުގެ ކުއްލި މަރާއި ބެހޭގޮތުން “ސީއެންއެމް” އާއި ވާހަކަ ދެއްކި އާއިލީ ގުޅުންވެސް އޮންނަ ނަސީރުގެ ވަރަށް ގާތް މީހެއް ކަމަށްވާ އެރަށުގެ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވި ގޮތުން، އިއްޔެ ހަވީރު ވަގުތުގައި ކުއްލިއަކަށް އަންހެނުންނަށް ގޮވާލާފައި “އަހަރެން މިއޮތް މަރުވަނީ”ވަރަށް އަވަހަށް އައިސް ބަލާށޭ ބުންޏެވެ.

އަންހެނުން އައުމުން އެދުނީ ޖޫސްތަށްޓެއް ދިނުމަށެވެ. ޖޫސްތަށި ހިފަައިގެން އަންހެނުން އައި އިރު، ނަސީރު އޮތީ ބިންމަތީގައި ކަމަށާއި، ވަރަށް ބޮޑަށް މުޅި މީހާ ދާހިތްލާ މެޔަށް އުނދަގޫތަކެއް ވެގެން އުޅުނު ކަމަށް އަންހެނުންނާއި ހަވާލާދީ އަލީ ވިދާޅުވި އެވެ.

“ދެން ވަގުތުން ހޮސްޕިޓަލަށް އޭރު ގެންދިޔައީ، ލަފާކުރެވެނީ 4 ކާއި 4:30 ދެމެދުހެން. ހޮސްޕިޓަލަށް ގެނައީމަ ޑޮކްޓަރު އޭރު ވެސް ވިދާޅުވި ކަމަށް ވަނީ ވަގުތުން މާލެ ދާން. އެކަމަކު މޫސުން ވެސް ވަރަށް ގޯސްކޮށް އުޅުމުން، މިކޮޅުގައި އޮތް އެމްބިއުލާންސް ކެޕޭސިޓީ ކުޑަވީމަ ސޭފް ނުވާނެތީ، ދ. ކުޑަހުވަދޫއިން އެމްބިއުލާންސް އަންނަން ދެން މަޑުުކުރަން ޖެހުނީ” އަލީ ވިދާޅުވި އެވެ.

އެމްބިއުލާންސް އެރަށާއި ހަމަޔަށް އައީ ރޭގަނޑު 20:40 ހާއިރުއެވެ. އޭގެ ކުރިން ރަށު ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު، އެމްބިއުލާންސް އަންނަންދެން ހޮސްޕިޓަލުގައި އޮތް ނަސީރު ކަައިރިއަށް އަލީ ޒިޔާރަތް ކުރި އިރު ވެސް ހަމަ ރަނގަޅު ކަމަށާއި، އިނީވެސް ހަމަޖެހިލައިގެން ކަމަށް އަލީ ބުންޏެވެ.

“ކުޑަކޮށް މޫނުމަތިން ވަރު ބަލި ކަހަލަ ގޮތެއް ހުރި، އެކަމަކު އަނެއްހެން އޭރު ހަމަ ރަނގަޅަށް އިނީ. ހަމަޖެހިލައިގެން ފެން ތަށްޓެއް ބޯލަން އިނދެ ވާހަކަ ވެސް ދެއްކީ އަޅުގަނޑާ. އަޅުގަނޑު ބުނިން ހިތްވަރު ގަދަކުރާށޭ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެޔޭ. އެހެން ބުނީމަ ވެސް ބުނި، އާދެ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެޔޭ”ނަސީރާއި ބައްދަލުވި އެންމެ ފަހު ވަގުތުކޮޅުގެ ހަނދާން އާކުރަމުން ހިތާމައާއެކު އަލީ ވިދާޅުވި އެވެ.

ގާތްގަނޑަކަށް ރޭ 20:40 ހާއިރު ކުޑަހުވަދޫ ސީ އެމްބިއުލާންސް ރަށާއި ގާތްކުރުމުން، އެމްބިއުލާންސްއަށް އެރީ ވެސް ނަސީރު އަމިއްލަޔަށެވެ. އޭރު ވެސް ހުރީ ރަނގަޅަށެވެ. ރަށުން ނައްޓާލައިގެން މާލެ ދަތުރު ކުރަމުންދިޔަ އެ އެމްބިއުލާންސް ފ. ފީއަލީއަށް މަޑުކުރަން ޖެހުން ވެެސް އެއީ އަވަސް ފަރުވާ ނަސީރުއަށް ލިބުމަށް ލަސްވި ސަބަބެކެވެ. 

ފީއަލީއަށް ލޯންޗު މަޑުކުރަން ޖެހުނީ ވެސް ހާޓް އެޓޭކް ޖެހުނު އިތުރު މީހަކު އެމަޖެންސީގައި މާލެ ގެންނަން ނަގަން ޖެހުމުންނެވެ. 

އެރަށަށް ވަންނަނިކޮށް ނަސީރުގެ ދެވަނަ އެޓޭކް ޖެހުނު ކަމަށް ވެއެވެ. އެއަށް ފަހު އެންމެ ފަހުގެ ނޭވާ ދޫކުރީ، ވ. އަތޮޅު ހިސާބުން ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލު ރައީސްކަމަށް އަލީ ކުރިމަތިލި އިރު ވެސް އެންމެ ގާތުގަައި އެހީތެރިވާން ހުރި، ރަށުގެ ގިނަ ހަރަކާތްތަކުގައި ނުހަނު ހަރަކާތްތެރި ނަސީރު މަރުވުމާއި، ގުޅިގެން އާދަޔާ ހިލާފު ހިތާމަވެރި އަސަރުތަކެއް ކޮށްފައިވާ ކައުންސިލުގެ ރައީސް އަލީ ވިދާޅުވީ “ވަކިވެގެން ގޮސްފިކަން އަދިވެސް ގަބޫލު ނުކުރެވޭ” ކަމަށެވެ.

your imageމިދިޔަ ރަމްޟާން މަހު ބޭއްވި ޤުރުއާން މުބާރަތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ނަސީރު(ކ) 

އަލީ ނަސީރު ސިފަކުރެއްވީ ދީނީ ކަންކަމަށް ލޯބި ކުރި، އަހުލާގު ރަނގަޅު ރަށުގެ މީހުން ނުހަނު ލޯބިވާ ހަރަކާތްްތެރި ޒުވާނެއްގެ ގޮތުގައެވެ. 

ހާއްސަކޮށް ނިމިގެންދިޔަ ރޯދަ މަހު ނަސީރުގެ ކިބައިން ފެނިގެން ދިޔައީ އާދަޔާ ހިލާފު ކަންތައްތަކެއްކަން އަލީ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު ވަރަށް ގިނައިން ދެކެން، މިދިޔަ ރޯދަ މަހުގެ ތެރޭގައި މިސްކިތުގައި ވަރަށް ގިނައިރު ހޭދަކުރި، އާއްމުކޮށް ހަވީރުގަޑީގައި ފިނިކޮށްލަން ނުވަތަ ހިނގާލަން އަތިރިމައްޗަށް މީހުން ދާއިރުވެސް ނަސީރު އިންނާނެ، މިސްކިތުގައި އަސަރުގެ ފަހުން ވެސް ވަރަށް ގިނައިރު ޤުރުއާން ކިޔެވުމުގައި. މިތަން އަޅުގަނޑަށް ވަރަށް ގިނައިން މިފަހުން ފެނި ފާހަގަކުރެވުނު.” އަލީ ވިދާޅުވި އެވެ.

ރަމްޞާން މަސްތެރޭ ކައުންސިލުން އިސްނަގައިގެން ބޭއްވި ހަރަކާތަށްވެސް ނަސީރުގެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ.

އެ މުބާރާތުގެ ނިންމާލިއިރު، ޝަރަފުވެރި މެހެމާނަކީ ނަސީރު އެވެ. އެ މުބާރާތުގައި ހަވާލުކުރެވިގެންދިޔަ ހުރިހާ ހަނދާނީ ފިލައަކީ ނަސީރު ހަދިޔާ ކޮށްފައިވާ ތަކެއްޗެވެ. 

your imageޤުރުއާން މުބާރާތުގައި ނަސީރުގެ ހިދުމަތް ފާހަގަކުރުމަށް ކައުންސިލުން ވަނީ ހާއްސަ ލިއުމެއްވެސް އަރުވާފަ——ފޮޓޯ:އަލީ އަހްމަދު/ސީއެންއެމް 

އެއިރުންސުރެ ރަނގަޅު ދަތުރަކަށް ނަސީރު ތަންމަތި ބަންނަމުންދިޔަކަން ވިސްނާލެވެނީ މިހާރު ކަމަށް އަލީ ވިދާޅުވި އެވެ. އަދި ނަސީރުގެ ފަހު ވަގުތުކޮޅު ވެސް، މާބޮޑު އުނދަގުލެއް ނެތި ފަސޭހަ ނިމުމަކުން ނިމިގެން ދިޔައީތީ އަލީ ގަބޫލުކުރަނީ، އެއީ ރަނގަޅު ނިމުމެއް ކަމަށެވެ.

ނަސީރުގެ ކުއްލި ވަކިވެ ދިއުމުން ރަށުގެ އެންމެންނަށް ވެސް ނުހަނު ފުން އަސަރެއް ކޮށް، ރަށުގެ އެންމެން ތިބީ ބޮޑު ހިތާމައެއްގައި ކަމަށް އަލީ  ފާހަގަ ކުރެއްވިއެވެ. އަދި މި ހިތާމަވެރި ވަގުތުގައި ވެސް ނަސީރުގެ އަނބިމީހާ އާއި އާއިލާ ދައްކަމުންދާ އާދަޔާ ހިލާފު ހިތްވަރު އަލީ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ނަސީރުގެ ފުރާނައަށް ހެޔޮ ރަހުމަތްލައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެއްވުމަށް ދުއާކުރާ ކަމަށް ކައުންސިލުގެ ރައީސް ފާހަގަކުރެއްވި އެވެ. 

މުޅި ރަށް މިވަގުތު ތައްޔާރުވަމުންދަނީ ނަސީރުގެ ޖަނާޒާއަށެވެ. އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ އަސުރު ނަމާދަށް ފަހު އެވެ.

26%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް