ads
މަޖިލީހުގެ ރައީސް ނަޝީދު
ނަޝީދު، ހުސެއިންއަށް ކުރެއްވި ތުހުމަތުތައް މަޖިލީހުން ބަލަން ނިންމައިފި
މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާ ފޮރުވަން މަސައްކަތްކުރުމުގައި ސަރުކާރަށް ވާގިވެރިވާކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމުން ހުށަހަޅާފައިވާ މައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އަދި އެހެންވެސް ރައީސް ސޯލިހަށް ތާއިދުކުރައްވާ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގޫރުޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ފުރަތަމަ ވިދާޅުވީ، ސަރުކާރުގެ ތެރެއިން އެދުވަހުގެ ހަމަލާގެ ތަހުގީގު ފޮރުވަން މަސައްކަތް ކުރާ ކަމަށާއި އެ ކަމަށް މެމްބަރު ހުސައިން އެއްބާރުލުން ދެއްވާ ކަމަށެވެ. އަދި މެމްބަރު ހުސެއިން ހުންނަވަނީ އެކަން ފޮރުވާ އެމަސައްކަތުގައި ބައިވެރިވެގެން ކަމަށް ވިދާޅުވިއެވެ.

your imageހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން)

އެ ތުހުމަތުތައް އެގޮތަށް ކުރެއްވުމުން މެމްބަރު ހުސެއިން ވިދާޅުވީ އޭނާއަކީ "އެފަދަ ކަމެއް ކުރެވޭނެ މީހެއް ނޫން" ކަމަށެވެ. އެއަށްފަހު ރައީސް ނަޝީދުވެސް ވިދާޅުވީ، އެކަނި އެވަރު ކަމެއް ނުކުރެވޭނެކަން ގަބޫލުކުރައްވާ ކަމަށާއި، އެ ތަހުގީގު ފޮރުވަން މަސައްކަތް ކުރަނީ ހުސެއިން އެކަނި ނޫންކަމަށެވެ.

މިފަދައިން ރައީސް ނަޝީދު ވާހަކަދައްކަވަން ފެއްޓެވުމުން ހުސެއިން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވަކި މީހަކަށް ތާއީދު ކުރީތީ އެފަދަ "ދޮގު އިލްޒާމުތަކެއް" އޭނާ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށެވެ. 

ނަމަވެސް ދެންވެސް ނަޝީދު ވިދާޅުވީ، މެމްބަރު ހުސެއިން އެކަމުގައި ބައިވެރިވާ ކަމަށާއި އޭނާގެ އަތުގައި އެމަނިކުފާނުގެ ލޭ ހުންނާނެ ކަމަށެވެ. ރައީސް ނަޝީދުގެ މެސުޖުގައި ވިދާޅުވެފައިވަނީ އެވާހަކަތައް ދައްކަވަނީ ކަންކަން އެގިވަޑައިގެން ހުންނަވާ ކަމަށެވެ.

"ހުސެއިން އަމިއްލަ އަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ. ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދުގެ މެސެޖުގައިވެއެވެ.

މަޖިލީހުގެ ރައީސްއެއްގެ ގޮތުގައި ހުންނަވާ އެފަދަ ބޮޑެތި ތުހުމަތުތަކެއް މަޖިލީހުގެ މެމްބަރަކަށް ކުރައްވާ ނަޝީދު ދައްކަވާފައިވާ ވާހަކަފުޅު ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ މެމްބަރު ހުސެއިން އެވެ. 

އެމައްސަލަ ދިރާސާ ކުރުމަށް މިއަދު އެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މައްސަލަ  ކޮމެޓީން ބެލުމަށާއި، އެމައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. ހުށަހެޅުން ވަނީ ކޮމެޓީގެ އިއްތިފާގުން ފާސްވެފައެވެ. 

ނަޝީދުގެ ވާހަކަފުޅު ބަލައިދިނުމަށް އެދި މަޖިލީހަށް މެމްބަރު ހުސެއިން ފޮނުވި މައްސަލާގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސް ނަޝީދު އަށް އަމާޒުކޮށް ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ދިން ހަމަލާގައި އެ މެމްބަރުގެ ބައިވެރިވުމެއް ވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައިގެން ދައްކަވާފައިވާ ވާހަކަފުޅަކީ، އެހެން މަޖިލިސް މެމްބަރަކަށް ކުރައްވާފައިވާ އެއްވެސް އަސާސެއްނެތް "ބޮޑު ތުހުމަތުތަކެއް" ކަމަށެވެ.

"އެވާހަކަފުޅުތަކަކީ އަޅުގަނޑުގެ ހައްގުތަކާއި، އިމްތިޔާޒަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް އެމަނިކުފާނު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު މި ބީދައިން ދައްކަވާ ވާހަކަތަކީ އޭގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑުގެ ފުރާނައަށްވެސް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލު އޮތް ހައްސާސް މައްސަލައަކަށް ވީހިދު މަޖިލީހުގެ ގަވާއިދުގެ ދަށުން މިމައްސަލަ ބައްލަވައިދިނުމަށް އެދެމެވެ." މަޖިލީހަށް ހުސެއިން ހުށަހަޅާފައިވާ މައްސަލާގައި ވެއެވެ.

އެ ސިޓީގައި ހުސެއިން ވިދާޅުވެފައިވަނީ، އެވާހަކަފުޅުތައް ރައީސް ނަޝީދު ދައްކަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ކަމަށް އަމިއްލަފުޅަށް ގަަބޫލުކުރައްވާ މެމްބަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުން ކަމަށާއި، އަދި ހުދު ރައީސް ސޯލިހު އިސްވެ ހުންނަވައިގެން އެމަސައްކަތައް ހުރަސް އެޅި ކަމަށާއި، އެމަސައްކަތުގައި ކޮމެޓީތައް ހަރާބުކުރި އެއްބޭފުޅަކީ ހުސެއިން ކަަމަށް ވިދާޅުވެ، ރައީސް ސޯލިހް އަށާއި، ހުސެއިންނަށް ނިސްބަތްވާ ގޮތަށް މަލާމާތުގެ ރާގަށް ބަހުގެ ހަމަލާތައް އެ ގުރޫޕުގައި ނަޝީދު ދެއްވާފައިވާ ކަމަށެވެ. 

އަދި އެތަނަކީ ގިނަ މެމްބަރުންތަކެއް ތިއްބެވި ތަނަކަށްވުމާއި، އެވާހަކަތައް މީޑިއާތަކަށް ތިލަވެފައިވުމުން، އެއީ ހަގީގަތެއް ނެތް ވާހަކަތަކަކަށް ވީނަމަވެސް، ރައީސް ނަޝީދު ދައްކަވާ ކޮންމެ ވާހަކައެއް ގަބޫލުކުރައްވާ މީހުން ތިބޭނެތީ އާއިވެސްއެކު އެއީ ހުސެއިންގެ އާއިލާއާއި ފުރާނައަށް ނުރައްކާ އޮތް ކަމެއް ކަމަށް ވާތީ، އެމައްސަލަ އަކީ "ސީރިއަސް މައްސަލައެއްގެ ގޮތުގަައި ބެލެންޖެހޭ ކަމެއް" ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް