ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުރަގަހުގައި އޮންނަ ހުސްބިން އޮތީ އެއްވެސް ބަޔަކަށް ދީފައިތޯ ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލޭ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވީ ވަގުތީގޮތުން މި ބިން ފުލުހުންގެ ބޭނުމަކަށް މިހާރު ދީފައިވާ ކަމަށެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުރަގަހުގައި އޮންނަ ހުސްބިން މިވަގުތު ބޭނުންކުރަމުންދަނީ ފުލުހުންގެ ހަޓެއް ހަދައިގެން ފުލުހުންގެ ބޭނުމަކަށް ކަން ސީއެންއެމްއަށް އެނގިފައިވެ އެވެ.
ނަރީޝް ވިދާޅުވީ މާލެތެރޭގެ ވެށި އަމާންކޮށް ބެލެހެއްޓުމަށް ފުލުހުން ކުރަމުންގެދަނީ ބުރަ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމުގައި މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށްދޭންޖެހޭ އެންމެހައި އެހީތެރިކަމެއް ދެއްވަމުން ގެންދާކަމުގަ އެވެ. އެގޮތުން ފުލުހުންނަށް މިފަދަ އިތުރު ބިމެއް ރަސްމީކޮށް ލިބެންދެން ވަގުތީގޮތުން މި ބިން ފުލުހުންގެ ބޭނުމަކަށް ދީފައިވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ މި ބިމަކީ މާލޭ ހިޔާ އެކެއްގެ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކުގެ ބޭނުމަށް އޮންނަ ހުސް ބިމެއް ކަމަށެވެ. އަދި މި ބިން އިތުރު ބަޔަކު ބޭނުންކުރަމުންދާތީ އެކަން ރަސްމީ ސިފައިއެއްގައި ބެލުމަށް މީގެ ކުރިން އެއްވެސްފަރާތަކުން ސިޓީ ކައުންސިލަށް ހުށައަޅާފައި ނެތް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލަކީ މާލޭގެ މަގުތަކާޢި ހުސްބިންތަކުގެ ކަންކަން ބެލެހެއްޓުމަށް ލާމަރުކަޒީ ގާނޫން ބާރުދީފައިވާ އިދާރާއެކެވެ.