ads
ހޯނޑެއްދޫ
ހޮރައިޒަން އިން ހޯނޑެއްދޫގެ ތޭރަ ހެކްޓަރު ބިމަށް ދައްކަނީ އަހަރަކު ދެ ލައްކަ ރުފިޔާ!
މަސް ފެކްޓްރީއެއް ހަދަން ހޮރައިޒަން ފިޝަރީޒަށް ގދ.ހޯޑެއްދޫން ދޫކޮށްފައިވާ 13 ހެކްޓަރު ބިމުން ލިބެނީ އަހަރަކަށް 217،000 ރުފިޔާ ކަމަށް ހޯނޑެއްދޫ ކައުންސިލުގެ ރައީސް ހުސައިން ވާރިޝް ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް" އާއި ވާހަކަފުޅު ދައްކަވަމުން ވާރިޝް ވިދާޅުވީ، ހޮރައިޒަން އަށް 13 ހެކްޓަރުގެ ބިން ކުއްޔަށް ދީފައި އޮންނަތާ 17 އަހަރު ވެގެން ދިޔައިރު، އެތަން އަދިވެސް ނުނިމި އޮތިމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އެތަނުން ރަށު ކައުންސިލަށް ކުލި ލިބެން ފެށީ މިދިޔަ އަހަރުން ފެށިގެން ކަމަށާއި، މީގެ ކުރިން އެތަނުން ކުލި ދައްކަމުން ދިޔައީ، މީރާ އަށް ކަމަށް ވާރިޝް ވިދާޅުވި އެވެ. 

މީގެ އިތުރުން ވާރިޝް ވިދާޅުވީ، ހޯނޑެއްދޫއިން ހޮރައިޒަން އަށް ކުއްޔަށް ދީފައިވާ 13 ހެކްޓަރުގެ ބިމު ކުލީގެ ގޮތުގައި ލިބެނީ އަހަރަކަށް 217،000 ރުފިޔާ ކަމަށާއި، މިއީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އަދި މި އެއްބަސްވުން އަލުން މުރާޖާ ކޮށް އިސްލާހު ކުރުމަށް ކައުންސިލުން ފިނޭންސް މިނިސްޓްރީގެ އިތުރުން ފިޝަރީޒް މިނިސްޓްރީގައިވެސް އެދިފައި ވާނެ ކަމަށް ވިދާޅުވި އެވެ. 

"ހޮރައިޒަން އިން ދައްކަނީ އަހަރަކު 217،000 ރުފިޔާ. މި ފައިސާ މި ލިބެން ފެށީ މިދިޔަ އަހަރުން ފެށިގެން. ކުރިން އެ ފައިސާ ދައްކަނީ މީރާ އަށް. ތަނުގެ މަސައްކަތެއް ނުކޮށް އެތަން އޮންނަތާ 17 އަހަރުވެގެން ދިޔައިރު، ތަނުގައި ތިބީ ރަށުގެ 11 މުވައްޒަފުން. އުއްމީދަކީ ތަން ވީ އެންމެ އަވަހަކަށް އޮޕަރޭޝަނަށް ގެނެސް ގިނަ ވަޒީފާތަކެއް އުފެދިގެން ދިއުން. ތަނުގެ ކުލި ބޮޑު ކުރުމަށް ކަމާއި ބެހޭ ތަންތަނަށް އެދިފަވަނީ. އެހެން ނަމަވެސް އަދި ޖަވާބެއް ނުލިބޭ." ވާރިޝް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން މަޑަވެލީ ދާއިރާގެ މެމްބަރަ ހުސައިން ފިރުޝާން ވިދާޅުވީ، ހޮރައިޒަންގެ މައްސަލަ އާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީއަށް މީގެ ކުރިން ޝަކުވާ ހުށަހަޅާފައި ވާނެ ކަމަށާއި، އެކަމާއި ގުޅިގެން މަޖިލީހަށް ފިޝަރީޒް މިނިސްޓަރު ގެނެސް ސުވާލުވެސް ކޮށްފައި ވާނެ ކަމަށެވެ. 

އަދި އެތަނުގެ މައްސަލައާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ހޮރައިޒަން އޮޕަރޭޝަނަށް ގެނައުމަށް މުހުލަތެއްވެސް ދިން ކަމަށާއި، އެހެން ނަމަވެސް މުހުލަތު ހަމަވި އިރުވެސް ތަން އޮޕަރޭޝަނަށް ގެނެވިފައި ނުވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފިރުޝާން ވިދާޅުވީ، އެތަނުގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވާކަމަށާއި، އެހެން ކަމުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެތަން އޮޕަރޭޝަނަށް ގެނެވުން ކަމަށެވެ. އަދި ހޮރައިޒަން އިން އެކަން ނުކުރާނަމަ ސަރުކާރުން އެތަން ހޮރައިޒަން އަތުން ނަގާ އެހެން ބަޔަކާއި ހަވާލު ކޮށްގެން ނަމަވެސް އެތަން އޮޕަރޭޝަނަށް ގެނައުން މުހިއްމު ކަމަށެވެ. 

ހޮރައިޒަން އިން ހޯނޑެއްދޫގައި އެޅުމަށް ތައްޔާރު ކުރަމުންދާ މަސް ފެކްޓްރީ ނުނިމި ގިނަ ދުވަސް ވުމުން އެރަށު ރައްޔިތުން އަންނަނީ، ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އެހެން ނަމަވެސް އެތަނަށް 17 އަހަރު ވެގެން ދިޔައިރުވެސް އެތަން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް