އެކަމާއި ގުޅިގެން މިއަދު އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ތަރައްޤީގެ ގިނަ މަޝްރޫއުތަކުގެ ތެރެއިން، މަގުކޮނުން ހިމެނޭ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު ވަޅުލެވިފައިވާ އާސާރީ ބިނާތަކަށާއި ތަކެއްޗަށް ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން އެފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ބިން ކޮންނަމުންދާއިރު ފެންނަ ވަޅުލެވިފައި ހުންނަ އާސާރީ ބިނާތަކަށް ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ތަކެތި ފެނިންޖެނަމަ، ވަގުތުން އެކަން ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް އަންގަވައި އެމަރުކަޒުން ލަފާދެއްވާގޮތަށް އެތަކެއްޗާއިމެދު އަމަލު ކުރުމަށް ވަނީ އަންގާފައެވެ.
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި އެ އޭޖެންސީއިން ތިމާވެށީގެ ކްލިއަރެންސް
ލިބިގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރެއްވުމުގައި ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އަދި އެހެނިހެން ޤާނޫނާއި ޤަވައިދުތަކާއި ހިލާފު ނުވާނެހެން މަސައްކަތްތައް ކުރެއްވުމަށް އެންމެހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުމަށްވެސް އީޕީއޭ އިން ވަނީ އެދިފައެވެ.