ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ކޮންމެ މަހަކު ވެސް އެއް ފަހަރު އާންމުންނަށް ދައްކާލުމަށް ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ އޯޕަންޑޭގެ ގޮތުގައި ހަމަޖައްސާ އެ ދުވަހަކީ އާންމުންނަށް ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރެވޭނެ ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މިއުސޫލުގެ ތެރެއިން ފުރަތަމަ އޯޕަންޑޭ ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ ފަސްވަނަ ދުވަހު އެވެ.
އޯޕަންޑޭ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މުޅި ދުވަސް ތިން ސެޝަނަކަށް ބަހަލާއިގެން ކޮންމެ ސެޝަނެއްގައި 10 މީހަކަށް ބައިވެރިވެވޭ ގޮތަށެވެ. ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ 9:00 އިން 10:00 އަށް، 10:00 އިން 11:00 އަށް އަދި 11:00 އިން 12:00 އަށެވެ.
ސުޕްރީމް ކޯޓުން ބުނީ ކޮންމެ ސެޝަނެއްވެސް ފެށޭ ގަޑިއަށް ހާޒިރުވާ ފުރަތަމަ 10 ބޭފުޅުންނަށް ކޮންމެ ސެޝަނަކުން ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
"ސެޝަންގައި ބައިވެރިވުމަށް ފެށޭ ގަޑީގެ ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް ކަނޑައެޅިފައިވާ ގަޑީގެ ސެޝަންގައި ބައިވެރިވުމުގެ ޖާގަ އޮތް ނަމަ ފުރުސަތު ދެވޭނެ ކަމަށާއި އަދި ދެވެން ނެތް ނަމަ ދެން އޮންނަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ،" ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރާ މީހުންނަށް ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް ކުރާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމާއި ޝަރީއަތުގެ މަޖިލިސް އަދި ކޯޓުގެ އިމާރާތް ދައްކާލާނެ ކަަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ކޮންމެ މީހަކުވެސް ކޯޓަށް ޒިޔާރަތްކުރުމުން އޯޕަންޑޭގެ ސެޝަންތައް ކުރިއަށްދާ ގަޑީގައި ކޯޓުގައި ޝަރީއަތެއް ކުރިއަށްދާނަމަ ޝަރީއަތަށް ވަނުމުގެ ފުރުސަތު ވެސް ދެވޭނެ ކަމަށެވެ.
ސުކޫލް، އިންސްޓިޓިއުޝަން ނުވަތަ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން އަދި އެހެންވެސް ފަރާތްތަކަކުން ހާއްސަ ޓުއާ އަކަށް އެދިއްޖެނަމަ އެކަމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިދޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;