ads
ހޯމް މިނިސްޓަރ އިމްރާން
މަރަން ހުކުމްކޮށްފައި ތިބި މީހުންގެ މަރު މި ސަރުކާރުން ތަންފީޒުކުރާނެތޯ ސާފުކުރުން މާދަމާ!
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކަށް އެ ހުކުމް މި ސަރުކާރުން ތަންފީޒުކުރާނެތޯ އަދި އެކަމުގައި ގެންގުޅޭ ވިސްނުން ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އެ ކަން ސާފުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރަން ހުށަހަޅާފައިވަނީ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އެވެ.

އޭނާ މިނިސްޓަރާއި ކުރާ ސުވާލަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެމަތިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟ އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒުކުރާނެތޯ؟ އެވެ. 

މިވަގުތު ރާއްޖޭގައި މަރުގެ ހުކުމް އިއްވާ، ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެމަތިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ތިން މީހުން އެބަތިއްބެވެ. އެއީ:

  1. ހ. ލޮބީ ހުސެއިން ހުމާމު(ޑރ. އަފްރާޝިމް އަލީގެ ގާތިލު)
  2. ގ. ރީފް މުހައްމަދު ނަބީލް( އަބްދުﷲ ފަރުހާދުގެ ގާތިލު)
  3. މ. މަސްރޫރާ، މުއްރަތު (ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލު)

ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން ނުވަތަ ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ގަވާއިދެއް އެކުލަވާލާ އެކަން ކުރުމަށް ބޭނުންވާ ކޮޓަރިވެސް ތައްޔާރުކުރިއެވެ. އަދި އެ ހުކުމް ތަންފީޒުކުރާނެ ކަމަށް އޭރު ބުންޏެވެ. 

އެކަމުގެ އިޖުރާއަތުތައް ކަނޑައަޅައި، އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ހުރިހާ އިޖުރާއަތުތަކާ އެއްގޮތަށް އަދި ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެފައިވާކަން އެނގޭ ލިޔުމެއް ޕްރޮސެކިއުޓާ ޖެނެރަލް، އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެއްގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އެކުލެވޭ ކޮމިޓީއަކުން ސޮއިކޮށް ރައީސްއަށް ފޮނުވުމުންނެވެ.

އަދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަ އޮފް ޕްރިޒަންސްއަށް ފޮނުވަން ޖެހެ އެވެ.

މަރުގެ އަދަބު ތަންފީޒުކުރެވޭނީ، އެ ލިޔުން ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ލިބޭތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޕްރިޒަންސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަނޑައަޅާ ޑޮކްޓަރަކު، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ ވަކީލަކު އަދި ކޮމިޝަނާ އޮފް ޕްރިޒަންސް ކަނޑައަޅާ އާންމުގެ ތެރެއިން ތިން މީހެއްގެ ހާޒިރުގަ އެވެ.

ނަމަވެސް މިހާތަނަށް އެ ގަވާއިދުގައިވާ ގޮތަށް އެއްވެސް ސިފައެއްގައި އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، 2020ވަނަ އަހަރުގެ ނޮވެމްބަރުތެރޭ، ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ބޭއްވި ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެއްވި އޯޕަނިން ސްޓޭޓްމަންޓްގައި ވަނީ މަރުގެ އަދަބު އުވާލަން ރާއްޖެއަށް އެކި ފަރާތްތަކުން ގޮވާލި ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެއިން ދަމަހައްޓާނެ ކަމަށް ވެސް ރިއްފަތު ވިދާޅުވެފައި ވެއެވެ. 

އޭގެ ފަހުން އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށް 29 ގައުމަކުން ގޮވާލާފައިވާ ކަމަށާއި، ނަމަވެސް ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން، މަރުގެ އަދަބު ދިނުން ހުއްޓާލުމަކީ މުސްތަހީއްލު ކަމެއްކަމަށް ބަޔާންކޮށްދީ އޭޖީ ސްޓޭޓްމަންޓެއް މުޅި ދުނިޔެއަށް ދެއްވާފައިވާ ކަމަށެވެ.  

އަދި ރާއްޖޭގެ ޤާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ޤާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ބުނެފައިވެއެވެ.

އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަންކަމަށް ދިވެހިރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް ނުވާތީ، ދިވެހިސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ގާނޫންއަސާސީ އާއި ގާނޫނުތަކުގައި ބިންވަޅު ނެގިފައިވާގޮތް ކަމަށް އެފަހަރު އޭޖީ އޮފީހުން ބުނެފައިވެއެވެ. 

އެހެންނަމަވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަށްވުރެ ކުރިން ދިވެހިރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ވެސް އެފަހަރު އޭޖީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް