ޕީޖީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ލުތުފީ ފިލައިގެން ލަންކާގައި އުޅެނިކޮށް ރާއްޖެ ގެނައުމަށްފަހު އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން އެދުމުން އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އެމައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ މައްސަލައާއި ގުޅޭ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި 19 ދިވެހި ޝަހީދުކޮށްލުމާއި ގުޅިގެންނާއި ގާނޫނާ ހިލާފަށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ލުތުފީ އަކީ މެރުމަށް ހުކުމް ކުރި މީހެކެވެ. ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމަށް ލުއިދެއްވާ، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވާފަ އެވެ. އެހެންކަމުން އުމުރު ދުވަހަށް ލުތުފީ ޖަލަށްލާފައި ހުއްޓާ ސިއްހީ ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލީ 2010 ވަނަ އަހަރު އެވެ.
ލުތުފީ ލަންކާގައި ފިލައިގެން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ލަންކާގައި ބޮންތަކެއް ގޮއްވާލާ، އެތައް ބަޔަކު މަރާލި ހާދިސާއާއި ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ހާއްސަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެން ލުތުފީ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލަ ހަވާލުވެފަ އެވެ.
އެމްބަސީގައި ލުތުފީ ހުންނަތާ ދުވަސްތަކެއް ފަހުން އެ މައްސަލަ ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އޭގެފަހުން ސަރުކާރަށް ބައެއް ފަރާތްތަކުން ފިއްތުއްތައް ކުރިމަތިކުރަން ފެށުމުން ލުތުފީ ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ.
ލުތުފީ އަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ކަމަށާއި އޭނާއަށް މައާފުނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.