ތާރިގް މިހެން ވިދާޅުވެފައި ވާއިރު، މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހު ވަނީ މާމިގިއްޔަށް ވަޑައިގެންފަ އެވެ. ރައީސް ސޯލިހު މާމިގިއްޔަށް ވަޑައިގަތުމުން ރަތް ދޫލައިގައި ގާސިމް ވަނީ ރައީސް އަށް މަރުހަބާ ދަންނަވާފަ އެވެ.
ރައީސް މިއަދު މާމިގިއްޔަށް ވަޑައިގަތުމާއި ގުޅިގެން ޓޮމް ވިދާޅުވީ، ގާސިމްގެ ދިގު އުއްމީދަކަށް ނިމުމެއް ގެންނަވާ ރައީސް ސޯލިހުގެ ރަނިން މޭޓަށް ވުމަށް ހުށަހަޅުއްވާފައި ވާކަމަށެވެ. އަދި ރައީސް ސޯލިހުގެ ރަނިން މޭޓު ކަމުގެ މަގާމަށް ރައީސް ނަޝީދު ހައްގު ނުވަނީތޯވެސް ޓޮމް ވަނީ ސުވާލު އުފައްދަވާފަ އެވެ.
މީގެ އިތުރުން ޓޮމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ގާސިމް އައްޔަން ކުރެއްވުމަށް މަޖިލީހަށް ގާސިމްގެ ނަން ހުށަހެޅުއްވި ކަމަށާއި، އެހެން ނަމަވެސް ރައީސް ސޯލިހުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގާސިމް އަށް އެ ފުރުސަތު ނުދެއްވި ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިހާބުގައި ވާދަ ކުރައްވާނީ ކޯލިޝަނަކާއި އެކު ކަމަށްވެސް އެދުވަހު ރައީސް ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އަށް ރަނިން މޭޓުކަން ހުށަހަޅާފައި ވާކަމަށްބުނެ އަޑުފެތުރެމުން އަންނަ އިރު، މިއަދުގެ ވަގުތެއްގައި އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު "ސީއެންއެމް" އަށް ވިދާޅުވީ، 2023ގައި އެ ޕާޓީން ވާދަކުރާނެ ކަމަށެވެ. ނަމަވެސް ވާދަކުރާނީ ގިނަކަންޏާ ނުވަތަ ކޯލިޝަނުގައި އޮވެގެން ކަމާއިމެދު ގޮތެއް ނުނިންމާ ކަމަށް ވިދާޅުވިއެވެ.