
މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މީހުން ހޯދައި އެމީހުން ފޮނުވާލުމަށް ސަރުކާރުން ހާއްސަ މަސައްކަތަކެއް ކުރިއަށްގެންދަވާ ކަމަށާއި، އެގޮތުން އެކަމަށްޓަކައި ފެށި އެންމެ ފުރަތަމަ ޕްރޮގްރާމުގައި ހުއްދަނެތި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން ވޮލެންޓިއާ ކޮށްގެން ގާތްގަނޑަކަށް 24،000 ހާހެއްހާ މީހުން މިހާތަަނަށް އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފުރުވާލުމުގެ ކުރިން އެމީހުން ބައިތިއްބަންޖެހޭ ތަނެއް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް މިވަގުތު ކުރައްވަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްވެސް މުޅިން ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަލުން ގަވައިދާ އެއްގޮތަށް ތިބުމަށް ސަރުކާރުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް މިހާރުވެސް ކުރިއަށް ގެންދަވާ ކަމަށާއި، މިހާތަނަށް 13،000 އެއްހާ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދިއްޖެ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ބިދޭސީ މަސައްކަތް ތެރެއިން އެންމެ ގިނަ އަދަދަކަށް ރާއްޖޭގައި އުޅެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.