ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފުނަދޫ ސްކޫލުގައި މިއަދު ފާހަގަކުރާ ރަންޔޫބިލްގެ ހަގީގަތަކީ، ފުނަދޫ/އަލިވާގެ/ އަލްމަރުހޫމް އަބްދުﷲ އަބްދުލްކަރީމުގެ އަމިއްލަފުޅު އިސްނެންގެވުމަކުން ފުނަދޫ ދަރިންނަށް ކިޔަވައިދިނުމަށް ވަރަށް އާދައިގެ ގޮތަކަށް ފެއްޓެވި މަސައްކަތެއް ކަަމަށެވެ.
އެމަަސައްކަތުގައި ބަރަކާތްލައްވާ، އެ މަސައްކަތް މިއަދާ ހަމަޔަށް ތަރައްގީވެގެން އައުމަކީ ފުނަދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
މަކުތަބުލް މުނީރުގެ ނަމުގައި އުފަންވެގެންދިޔަ އެ ސްކޫލު އުފަންވި ގޮތާ ކިޔަވައިދިނުން ފެށިގެން އާގޮތް މިއަދު މިސާލަކަށް ބަލަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މީގެ 60 އަހަރުކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ފުނަދޫ އިޖާދީ ތަރައްގީގައި ކުރިއަރައިގެން އައިސްފައިވަނީ އެ ސްކޫލުގެ ތައުލީމީ ނިޒާމުގެ ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ.
މިއަދު ފުނަދޫ ސްކޫލަކީ ރާއްޖޭގެ ދިވެހި އަދި އިސްލާމު މާއްދާއިން އެންމެ މަތިން ފާސްވާ ދަރިވަރުން ތިބި އެއް ސްކޫލުކަން ރައީސް ފާހަގަކުރެއްވި އެވެ.
އަދި ފުނަދޫ ސްކޫލަށް 50 އަހަރު ފުރުނުއިރު، މުޖުތަމައުއަށް ވަރަށް ހަގުހުރި ހަދިޔާއެއް ކޮށްދީފަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެއީ އިންސާނީ ވަަސީލަތްތައް ގާއިމުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، ބޭންކުތަކާއި، ސްކޫލުތަކުގައިވެސް އެ ސްކޫލުގެ ހިޔާއިން ދަރިވަރުވި ދަރިވަރުން އެބަތިއްބެވި ކަމަށާއި، ރަށަށް ގެނެސްދިން ތަރައްގީގެ ފަހަތުގައިވެސް ތިބީ ހަމަ އެފަދަ ދަރިވަރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ފުނަދޫ ސްކޫލަށް 50 އަހަރު ފުރިފައިވަނީ މިދިޔަ މާޗު މަހުގެ 16ވަނަ ދުވަހު އެވެ. ނަމަވެސް އެ މުނާސަބާ ލަސްކުރީ ރައީސްއަށް އެދުވަހު އާދެވެން ނެތުމުން ނެވެ.
އެ މުނާސަބަތުގައި ބައިވެރިވުމަށް ރައީސް މިއަދު ހަވީރު ފުނަދޫއަށް ވަޑައިގެންނެވެމުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.