ads
ޓެކްސީތަކެއް…
ތެލުގެ އަގު ބޮޑުވުމާއި އެކު ޓެކްސީ ތަކުން ނަގާ އަގު ބޮޑުކުރަން ނިންމައިފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން އުފުލުމާއި ގުޅިގެން ރާއްޖެއިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމުން، ޓެކްސީ ދުއްވާ ފަރާތްތަކުން ދަތުރަކަށް ނަގާ އަގު ބޮޑުކުރަން ނިންމައިފި އެވެ.
Advertisement

ޓެކްސީ ޑްރައިވަރުން މިކަމާއި ގުޅިގެން ބުނެފައިވަނީ، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ތިން ފަހަރު މަތިން ބޮޑުވެގެން ދިޔައިރުވެސް ޓެކްސީ ތަކުން ނަގާ އަގު ބޮޑުކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން އެއްބަސްވެފައި ނުވާކަމަށާއި، އެހެން ނަމަވެސް މާދަމާ އިން ފެށިގެން ޓެކްސީ ތަކުން ނަގާ އަގުތަކަށް ބަދަލުތައް ގެންނަން ނިންމާފައި ވާކަމަށެވެ. 

އެގޮތުން މާދަމާ އިން ފެށިގެން މާލެ އާއި ހުޅުމާލޭގެ އެތެރޭގެ ދަތުރަކަށް 40 ރުފިޔާ ނަގާނެ ކަމަށާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށްވެސް ކޮޅަކަށް 40 ރުފިޔާ ނެގުމަށް ނިންމާފައި ވާކަމަށެވެ. އަދި މާލެއިން ހުޅުމާލެ އަށް 85 ރުފިޔާ، މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް 95 ރުފިޔާ، މާލެއިން އެއާޕޯޓަށް 85 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓަށް 85 ރުފިޔާ، ހުޅުމާލޭ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 100 ރުފިޔާ، މާލެއިން ސީޕްލޭން ފަޅިއަށް 95 ރުފިޔާ، ހުޅުމާލެއިން ސީޕްލޭން ފަޅިއަށް 95 ރުފިޔާ، އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީޕްލޭބް ފަޅިއަށް 120 ރުފިޔާ ނެގުމަށް ނިންމާފައި ވާކަމަށެވެ. 

މީގެ އިތުރުން ޑްރައިވަރުން ބުނީ، ރޭގަނޑު 12:00 އާއި ހެނދުނު 06:00 އާއި ދެމެދު ކުރާ ކޮންމެ ދަތުރަކަށް ފަސް ރުފިޔާ އިތުރަށް ނަގާނެ ކަމަށެވެ. 

އަދި މިގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސް ނުވިނަމަވެސް، ހުރިހާ ޑްރައިވަރުން އެއްބައިވެ މި އަގުތަކުގައި ދަތުރުތައް ކުރާނަމަ، މިނިސްޓްރީއަށް މި އަގުތަކަށް އެއްބަސްވާން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން ޑްރައިވަރުން ބުނީ، ތެލުގެ ބާޒާރަށް ކިރިޔާވެސް ބަދަލެއް އަންނަ ނަމަ، ފްލައިޓް ތަކާއި، ކަނޑުދަތުރު ކުރާ އުޅަނދުފަހަރުން އަގުތައް ބޮޑު ކުރާ ކަމަށާއި، އެހެން ނަމަވެސް ޓެކްސީ ޑްރައިވަރުން އަގު ބޮޑު ކޮށްފިނަމަ މައްސަލަ ޖެހޭ ކަމަށެވެ. އަދި މިކަމަކީ އިންސާފުން އެއްކިބާވެ ތިބެ ބަޔަކު މީހުން ގަސްތުގައި ކުރާ ކަމެއް ކަމަށެވެ. 

ޓެކްސީ ތަކުން ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައި ވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ އުސޫލުގައި ވާ އަގުތަކާއި ހިލާފަށް އަގުތައް ނަގާނަމަ، އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފަ އެވެ. އަދި އަގު ބޮޑުކޮށް ދަތުރު ކުރާ ޓެކްސީ ދަތުރު ކުރާ ފަރާތްތަކުގެ ހުއްދަ ބާތިލް ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް