ads
ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވި މެންބަރު ހަސަން ލަތީފު ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީއާއެކު
ސްޕޯޓްސް ކޯޕަރޭޝަންގެ އިސްލާހް ބޭރުކޮށްލީ ކީއްވެ؟
ދަންޑު އެޅުން، ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރުމަށް، މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހް ވަނީ މަޖިލިހުގެ 35 މެމްބަރުންގެ މެޖޯރިޓީއަކުން ބޭރުކޮށްލާފައެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ކަށަވަރުކުރުމަށް ހުށަހެޅި އިސްލާހް ވެސް ވަނީ މިގޮތަށް ބޭރުކޮށްލާފަ އެވެ. ދަންޑު އެޅުމުގައި ކުރި ހޯދާފައިވާކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހުލޫފް ވަރަށް ގިނައިން ވިދާޅުވެއެވެ. އެހެންނަމަވެސް، އެންމެ ފަހުން، މިދިޔަ އަންގާރަ ދުވަހު، ރާގު ބަދަލުވެއްޖެ އެވެ. ޖޫން 28 ގައި މަޖިލިސްގައި ޖަވާބުދާރީވަމުން ވިދާޅުވީ އެއްވެސް ކޮންޓްރެކްޓެއް ގަޑިއަށް ނިމިފައި ނުވާކަމަށެވެ.

(ކޮންމެ މެމްބަރެއްވެސް އެމެމްބަރެއްގެ ދާއިރާގައި ދަނޑު އެޅުމަށް އެދެއެވެ. އެއީ ރަށުގެ ޒުވާނުންނާއި ކްލަބްތަކާއި ކައުންސިލުން ވެސް މިކަމަށް އެދޭތީ އެވެ.

ދަންޑު އަޅަނީ ކޮންބަޔެއް؟ 

ދަނޑު އަޅަން ހަމަޖައްސާފައިވަނީ އެކަމަށް ގާނޫނުން ހަވާލުކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަނަށެވެ. ކުޅިވަރު ގާނޫނުގެ 25 ވަނަ މާއްދާގައި ވަނީ އެގާނޫނު ތަސްދީގު ކުރާތާ އެއް އަހަރު ތެރޭ "....ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ ކުޅިވަރާގުޅޭ މުދަލުގެ ތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ބަދަލު ކުރަން ކަނަޑައެޅިފައިވާ މުދާ ކަނަޑައަޅައި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ކުޅިވަރާބެހޭ ވުޒާރާއިން ނަގުލުކޮށް ބަދަލު ކުރަންވާނެއެވެ." 24 ވަނަ މާއްދާގައި ވަނީ ސްޕޯޓްސް ކޯޕަރޭޝަންގެ މަގްސަދަކީ "ދިވެހި ރާއްޖޭގެ ކުޅިވަރު އިންފްރާސްރަކްޗަ ކުރިއެރުވުން" ކަމުގައެވެ.

އެހެން ނަމަވެސް، ސްޕޯޓް ކޯޕަރޭޝަނާ މިމަސައްކަތް ހަވާލު ނުކުރާން މިއުޅެނީ ކީއްވެތޯ އެވެ؟ ގާނޫނާ ހިލާފަށް ސްޕޯޓްސް މިނިސްޓްރީން ދަނޑު އަޅަނީ ކޮން މަގްސަދެއްގައި ތޯ އެވެ؟ ދަންޑު އަޅާ ރަށްތައް ކަނޑަ އަޅަނީ، ކާކު ކޮން އުސޫލަކުންތޯ އެވެ؟ މިގޮތަށް ދަނޑު އެޅުމުން ކްލަބްތަކަށް ލިބޭ މެޗްތަކުގެ އަދަދު އިތުރުވޭތޯ އެވެ؟ ދަނޑު އަޅާ ގޮތާއި، ދަނޑު އެޅުމުގެ މަގްސަދު މިވަނީ އޮޅުވާލާފަ އެވެ! ފެންނަ ފެނުމަށް މިކަން މިގޮތަށް ކުރަނީ އިޖްތިމާއީ ކޮމިޓީ އާއި، މަޖިލިސްގެ 35 މެމްބަރުންގެ ވަކި މެޖޯރިޓީއަކާ ގުޅިގެނެވެ. މިލިއަނުން ހަރަދުކޮށްގެން އަޅާ ދަނޑުތައް އޭގެ އެންމެ ފައިދާ ހުރިގޮތުގައި ބަލަހައްޓާ، ބޭނުން ކުރަންވާއިރު، މިކަމަށް ހުރަސް އަޅަނީ ކީއްވެބާވައެވެ؟ އިޖްތިމާއީ ކޮމިޓީން ދަންޑު އެޅުމާބެހޭ އިސްލާހަށް މަޝްވަރާ ކުރިކަމެއް، ކޮމިޓީ ރިޕޯޓަކު ނެތެވެ. ސްޕޯޓްސް ކޯޕަރޭޝަން ހާޒިރުކޮށްފައިވެސް ނެތެވެ! ވީމާ ހުށަހެޅި އިސްލާހަށް ކޮމިޓީން ރިއާއަތް ވެސް ކޮށްފައިނުވާކަން އެނގެ އެވެ. މިކަމަކީ ކޮވިޑް ޓެސްޓުން ނެގިކަމަށް ތުހުމަތުކުރެވޭ ނާޖާއިޒް ފައިދާ އާއި އެއްހަމައިގައި ހިނގާ ކަމެއް ކަމުގައި ބެލެވެއެވެ!

ދަނޑު އެޅިނަމަވެސް ކުޅެން ލިބޭ މެޗްގެ އަދަދު އިތުރެއްނުވޭ

ދަނޑު އަޅާ ބެލެހެއްޓޭނެ ގޮތެއް ނުހޯދުނުތާ، ދަނޑުތަކުގައި ގިނަ މެޗް ކުޅެވޭނެ އިންތިޒާމްތަކެއް ވެސްް ހޯދާދެވިފައެއް ނުވެއެވެ. ދަނޑު އަޅާ ބަލަހައްޓަން ގާނޫނުން އުފައްދާފައިވާ ފަރާތަކީ ސްޕޯޓްސް ކޯޕަރޭޝަނެވެ. މިނިސްޓްރީއެއް ނޫނެވެ. މިނިސްޓްރީ އާއި، އެސޯސިއޭޝަނުގެ މަސައްކަތައް ކުރަންވީ ކުޅުންތެރިންނަށް ގިނަ މެޗް ކުޅުމުގެ ފުރުސޮތު ފަހިކޮށްދިނުމެވެ. މިކަން ކުރަނީ އެސޯސިއޭޝަނަކުން އެކުލަވާލާ ނެޝަނަލް ކޮމްޕެޓިޝަންސް ސްޓަރަކްޗަރެއް މެދުވެރިކޮށެވެ. މުބާރާތްތައް ރާވާ އުސޫލުތައް ތަރައްގީކޮށްގެންނެވެ. ސްޕޯޓްސް ކޮމިޝަނަރަށާއި، ކުޅިވަރު ކައުންސިލުން އެފް.އޭ.އެމް ހަމައަކަށް އަޅުވާ، އަދި ގާނޫނީ ފިޔަވަޅު އެޅުމުގެ ޖާގަ، ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި 13 ވަނަ މާއްދާގެ (ށ) އިން ލިބިދެއެވެ.

އެހެންނަމަވެސް، އެފް.އޭ.އެމް އިން މިއަހަރު ތަންފީޒު ކުރަން ނިންމި "ޕްރެމިއަރ ލީގް ކޮލިފިކޭޝަން" އަކީ އެޖަމިއްޔާގެ ހިންގާ ގަވާއިދާ ވެސް ހިލާފަށް އެކުލަވާލައިފައިވާ މުބާރާތެކެވެ. ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބުނަނީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ވާގޮތުގެމަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، އަދި ގަވާއިދާއެއްގޮތަށް އަމަލު ނުކުރާނަމަ، އެކަން ހަމައަކަށް އެޅުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނީ ސްޕޯޓްސް ކޮމިޝަނަރު ކަމުގައެވެ. އެފް.އޭ.އެމް ގެ ހިންގާ ގަވާއިދުގައި 9 ޒޯން އޮންނަކަމަށް ބުނެފައިވީ ނަމަވެސް، އެފް.އޭ.އެމް އިން އަމަލުކޮށްފައިވަނީ ގަވާއިދާއެއްގޮތަކަށް ނޫނުވެ. މުބާރާތް ރާވާފައިވަނީ 4 ޒޯނަށް ބަހާލައިގެނެވެ.

your imageމަޖިލީހުގައި ކުޅިވަރު ގާނޫނުގެ އިސްލާހުތައް ދިރާސާކުރުމުގެ ތެރެއިން

ނަތީޖާއަކީ ޕްރެމިއަ ލީގްގެ ހަތަރުބައިކުޅަ ތިންބައި ޖާގަ މާލެއަށް ދިނުމެވެ. މުޅި ރާއްޖެތެރެއަށް ދިނީ ބާކީ އޮތް އެންމެ ތިން ޖާގަ އެވެ. އަމިއްލަ ގަވާއިދާ ހިލާފަށް އެކުލަވާލި ޕްރެމިއަ ލީގް ކޮލިފިކޭޝަންގައި، މާލެ ފިޔަވާ އެހެން ރަށްރަށުން ބައިވެރި ކުރެވޭނީ ރަށަކުން އެންމެ ޓީމެއްކަމުގައި ވެސް ހަމަޖައްސާފައިވެ އެވެ. އެތައް ކްލަބެއް އެންމެ ދެ މެޗަށް ފަހު މުބާރާތުން ބާކީކޮށްލީ އެވެ. އަށްޑިހަ މިލިއަން ރުފިޔާގެ ބަޖެޓެއްގައި ހިންގާ އެފް.އޭ.އެމް ގެ އަމަލުތައް މިހުރީ މޮޔައެއް އަތަށް ކަތިވަޅިއެއްދިނީމާ ހުންނާނެ ގޮތަށެވެ. ދެރަކޮށެވެ!

ކުޅިވަރު މެންޖްމަންޓެއް ނެތުން 

މަޖިލީހުގައި މިނިސްޓަރަށް އަމާޒުވަނީ ހަމައެކަނި ދަނޑު އެޅުމުގެ ސުވާލެވެ. ކުޅިވަރު މެންޖްމަންޓެއް ނެތިގެން ކުޅުންތެރިންނާއި ކުޅިވަރުގެ ފެންވަރު ދަށްކޮށް އޮންނާތީވެ، އެކަމާ ބެހޭގޮތުން ސުވާލު އުފައްދާ މެމްބަރުން ވަރަށް ވެސް މަދެވެ. ކުޅުންތެރިންނާއި ކްލަބްތަކަށް ކުޅިވަރުގައި ކުރިއެރުން ލިބޭ މިންވަރާގުޅޭ ސުވާލެއް ނުކުރެއެވެ. ފޯކަސް އޮތީ ކޮންކްރީޓް ތަރައްގީ އާއި، ކޮންޓްރެކްޓުން ލިބޭނެ ހިއްސާގެ މިންވަރަށެވެ!

ފުޓުބޯޅައިގެ ހިންގުން ދަށްވެ، ކްލަބްތަކާ އެސޯސިއޭޝަން ދަރަނިވެރިވެގެން އުޅޭތީ ކަންބޮޑުވެގެން ކުރައްވާ ސުވާލު މަދެވެ. މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ދެ އިސްލާހަކީ ވެސް ކުޅިވަރު ހިންގުމުގެ ފެންވަރު ދަށްވެ، އިންވެސްޓް ކުރާ ފައިސާއިން ހައްގު މިންވަރު ނުލިބޭތީ ހުށަހެޅުއްވި ދެ އިސްލާހެވެ. ދައުރު ނިމިގެންދާއިރު، ސްޕޯޓްސް ކޯޕަރޭޝަނަށް ދަނޑު އެޅުމުގެ މަސައްކަތް ހަވާލެއް ނުކުރި އެވެ. ސްޕޯޓްސް ކޯޕަރޭޝަނަށް ދޫ ކުރަންޖެހޭ ފައިސާ، ދޫ ކުރަނީ ސްޕޯޓްސް މިނިސްޓްރީއަށެވެ. ދަންޑުއަޅަން ގާނޫނުން ކުންފުންޏެއް އުފައްދާފައިވާއިރު، އެހެން ފަރާތަކަށް ދަނޑުއަޅާ ފައިސާ ދޫކުރަނީ ކީއްވެތޯ އެވެ؟

ހަސަން ލަތީފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަށް ފައިސާ ނުދީ، މިނިސްޓްރީން ދަނޑު އަޅަނީ، އެކަމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ނިޔަތުގައި ކަމަށެވެ. އިޖްތިމާއީ ކޮމިޓީ އާއި 35 މެމްބަރުން ދުށީ، މިފަދަ ނާޖާއިޒް ފައިދާ ނެގުމަކީ، "ޒީރޯ ޓޮލަރެންސް" ގެ ނިޔު ނޯމަލްގައި، ހަމަ އެންމެ ރަނގަޅުކަމެއް ކަމުގައެވެ. އެހެން ވީމާ 35 މެމްބަރުން ވެސް ތާއީދު ކުރެއްވީ ސްޕޯޓްސް ކޯޕަރޭޝަނަށް ފައިސާ ދޫނުކުރި ނަމަވެސް އެންމެ ރަނގަޅު ކަމަށެވެ. ހުއްޖަތަކީ، "އެއީވެސް ސަރުކާރު، މިއީވެސް ސަރުކާރު" ކަމެވެ. މޮޅަށް އެނގިވަޑައިގަންނަވާނެ ފައިނޭންސް މިނިސްޓަރު އަމީރުގެ ތާއީދާއި ވެސް އެކުގައެވެ!

އިސްވެ ދެންނެވުނު ބީދައިން ކުޅިވަރުގެ ކަންކަން ހިނގާ ހިނގުމަކީ ކަނޑައެޅިގެން އޭގައި ކަރަޕްޝަންގެ އަމަލުތައް އެކުލެވޭކަމެއްކަމުގައި މަޖިލިހުގެ ބަހުސްގައި ވެސް މިހާރު އެ ވަނީ ޔައުމިއްޔާ ކުރެވިފައެވެ. ކުޅިވަރު ގާނޫނުގެ ދެ ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ ކުޅިވަރު ދާއިރާގައި ކޮރަޕްޝަންގެ އަމަލުތަކާއި، ކޮރަޕްޝަނަށް މަގުފަހިވާނެ ހާލަތްތައް ހުއްޓުވަންވާނެ ކަމަށެވެ.   

ބޮޑު މަންޒަރަށް ބަލާއިރު، މިނިސްޓްރީ އާއި ކުޅިވަރު ޖަމިއްޔާތަކުގައި، ކުޅިވަރުގެ އިލްމު އުނގެނި، ތަމްރީން ހޯދުމުގެ ޝައުގުވެރިކަމެއް ހުރި ބަޔަކު އުފެއްދުމުގެ ވިސްނުމެއް ނެތެވެ. ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ގަވާއިދު ކިޔާ ވެސް އުޅޭ ވެރިއަކު ނެތެވެ. އަދި މިކަމަށް ބޭރުގެ އެހީ ލިބެމުންދާއިރު، އެކަން ބަލައިގަނެ، ކުދިން ކިޔަވަން ފޮނުވާފައެއް ވެސް ނެތެވެ. މިސާލަކަށް، ސްޕޯޓްސް ސައިންސާއި، މެނެޖްމަންޓްގެ ފަންނުން އަމިއްލެއަށް ކިޔަވާ ކުދިން މަދުމަދުން އުޅުނު ނަމަވެސް، އެކުދިންގެ ވެސް ޝަކުވާއަކީ ކުޅިވަރުގެ ދާއިރާއިން ވަޒީފާއެއް ނުލިބުމެވެ. ކުޅިވަރު ހިންގުމަކީ ފަންނީކަމެއްކަމުގައެއް ނުދެކެއެވެ. އެހެން ނޫން ނަމަ، މިވަރުގެ ވިޔާނުދާ، ދެރަވަރުގޮތަކަށް އަހަރަކު 400 އެއްހާ މިލިއަން ރުފިޔާ ހަރަދުކުރަން ކަންމަތީ ގްރޫޕަކާ ހަވާލެއް ނުކުރީ ހެވެ.

ދަންޑު އެޅުން

މިއަދު މިފެންނަނީ ދަނޑުއެޅުމެއް ނޫނެވެ. ދަނޑަކީ ވިނަ ދަނޑެވެ. ޓާފް ދަނޑެއްނޫނެވެ. "ލެގޯ" ދަނޑެއް ވެސް ނޫނެވެ. ޓާފް ދަނޑަކީ ޔޫރަޮޕްގެ ފިނިމޫސުމުގައި ތަމްރީން ކުރިއަށްގެންދިޔުމަށް އީޖާދު ކުރި މަސްނޫއީ ވިނަ އެވެ. މިއީ ރާއްޖެ ފަދަ، ޓްރޮޕިކަލް ގައުމަކަށް މަޖުބޫރީ ހާލަތްތަކުގައި ނޫނީ ބޭނުންތެރި ކަމެއްވެސް ނޫނެވެ. މިކަމުގެ މާހިރުން ދެކޭގޮތުގައި ޓާފްދަނޑު ބޭނުންވަނީ ގިނަ މީހުން ދިރިއުޅޭ ކުދި ރަށްތަށެވެ. އެއީ އެފަދަ ރަށްތަކުގައި ދެ ވަނަ ދަނޑެއްގޮތުގައި ވިނަ ދަނޑެއް އަޅާނެ ޖާގަނެތީމައެވެ. އަދި އާބާދީ ބޯވުމުން ދަނޑު ބޭނުން ކުރަންޖެހޭ މިންވަރު ބޮޑުވާނެތީވެ އެވެ.

ކުޅުުންތެރިން ގިނަ ކުޑަ ރަށެއްގައި މައި ދަނޑު ޓާފް ދަންޑަކަށް ހަދަން މަޖުބޫރު ހާލަތްތަކުގައި އެދަނޑު ވާންވާނީ ފީފާ އެޕްރޫވްޑް ދަނޑަކަށެވެ. ފީފާ އެޕްރޫވްޑް ޓާފް ދަނޑަކީ އަގުހެޔޮ އެއްޗެއްނޫނެވެ. މިފަދަ ދަންޑެއްގެ ޓާފްއަށް އެކަނި 5.3 މިލިއަން ރުފިޔާ ހަރަދުވާއިރު، ފީފާ ލައިސެންޑް ކުންފުނިތަކުން ދަނޑު ބެލެހެއްޓުމަށް ކަނަޑައަޅާފައިވާ ޕްރޮޓޮކޯލްތައް ދަމަހައްޓާކަމުގެ ސެޓްފިކެޓެއް ލިބިގެން ނޫނީ އިންޓަނޭޝަނަލް މެޗް ކުޅެން ހުއްދައެއް ނުކުރެ އެވެ. ދަނޑު އެޅުމުގެ ނަމުގައި ފީފާ އެޕްރޫވްޑް ދަނޑުގެ ބަދަލުގައި، ފީފާ އެޕްރޫވަލް ނެތް ކުންފުނިތަކުން ގަންނަ އަގުހެޔޮ ޓާފްގައި އިންޓަނޭޝަނަލް މެޗް ކުޅުން ހުއްދަ ނުކުރާއިރު، އެފަދަ ޓާފްގެ ފެންވަރު ވެސް ދަށެވެ. އަވަހަށް ހަލާކު ވެސް ވެއެވެ. މިސާލަކަށް ހައްދުންމަތީގައި އަޅާފައި އޮތް މައި ސްޓޭޑިއަމްގައި އޮތީ ފީފާ އެޕްރޫވްޑް ޓާފެއް ނޫންކަން އެނގެއެވެ. ވީމާ އެދަނޑުގައި ބައިނަލް އަގުވާމީ މެޗް ކުޅުމުގެ ހުއްދައެއް ނުލިބޭނެ އެވެ. އެހެން ނަމަވެސް، ހައްދުންމަތީގައި އިންޓަނޭޝަނަލް މެޗްތައްް ހޯސްޓް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

ރާއްޖޭގައި ދަނޑު އެޅުމުގެ ޓެކްނޮލޮޖީ އޮތީ ވަރަށް ވެސް އަސާސީ ފެންވަރެއްގަ އެވެ. ފުޓުބޯޅައިގެ ޝަގާފަތް ދަންނަ ގިނަ ކްލަބްތަކުން ބޭނުން ވަނީ ވިނަ ދަނޑެވެ. ރާއްޖޭގައި މިހާތަނަށް ވިނަ ދަނޑު ތަރައްގީ ކުރެވިފައިވާ މިންވަރު ފެންނަން އޮތީ އެންމެ ދެތިން ދަނޑެއްގެ މިސާލުންނެވެ. އެއީ މާލޭގެ ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުންނެވެ. އަދި އުތުރާއި ދެކުނުގައި އަޅާފައިވާ ދެތިން ދަނޑުން ނެވެ. ފެންވަރު ރަނގަޅު ވިނަ ދަނޑު އުފެއްދިފައި ނެތީ، ފެންވަރުދަށް ޓާފް ދަނޑު އެޅުމަށް ކުރާ ހަރަދު ބޮޑުވެގެން ނެވެ. އަދި ސިވިލް ސާވިސް މެދުވެރިކޮށް ދަނޑު އަޅަން އުޅުމުންނެވެ. އެކަމަށް ހާއްސަ ކުންފުންޏެއް ގާނޫނުން އުފެއްދި ނަމަވެސް، ގާނޫނާއި އެއްގޮތަށް އަމަލު ނުކޮށްގެނެވެ. ބައެއް ރަށްރަށުގައި ސައިޒަކަށް ނުވާ ސައިޒަށް ވެސް ދަންޑު އަޅައެވެ. ޓާފްގެ ގޮތުގައި ލެގޯ ބްލޮކުން ވެސް ދަނޑު ނާޅާކަމެއް ނޭންގެ އެވެ! ޓާފް ދަނޑުގެ ވިޔަފާރިއަކީ، ފުޓުބޯޅަ ތަރައްގީއާ ގުޅުމެއް ނެތްް "ސްކޭމް" އެކެވެ! ޔަގީން ވާނީ އޯޑިޓްކުރީމައެވެ.

ކަންހިނގާގޮތް

ކަން ހިނގާގޮތަކީ، ރާއްޖޭގައި ދަނޑު އެޅުމަށް ކުޅިވަރު ގާނޫނުން އުފެއްދި ސްޕޯޓްސް ކޯޕަރޭޝަން ގެމަފްހޫމާ ވެސް ސްޕޯޓސް މިނިސްޓްރީން ދެކޮޅު ހެއްދެވުމެވެ. ހުދު މިނިސްޓަރު، ދައުލަތުގެ ސިޔާސަތަށް ދެކޮޅު ހައްދަވަނީ އެވެ! އަދި ހާމަކަން ބޮޑުކޮށް އެ ގެންދަވަނީ މިކަމަށް ހުރަސް އެޅުުއްވުމަށް ލޮބީ ކުރައްވަމުންނެވެ. މިނިސްޓަރުގެ ވިސްނުންފުޅު ހުރިގޮތް ކަމަށް ފެންނަނީ، މެމްބަރުންގެ ދާއިރާތަކުގައި ދަނޑު އަޅައިދިނުމުން މަގާމުގައި ހުރެވޭނެކަމަށެވެ. އަދި މިކަން ކުރެވޭނީ، ސްޕޯޓްސް ކޯޕަރޭޝަނަށް މިމަސައްކަތް ހަވާލުނުކޮށް، މިނިސްޓްރީގެ ދަށުގައި ދަނޑު އެޅުން ދަމަހައްޓައިގެން ކަމަށެވެ. ތަފްސީލް އެނގޭނީ ދަނޑު އެޅުމަށް މިނިސްޓްރީން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންގެ ލިސްޓަކާއި، ޓާމްސްތަކާއި، އަގުތަކުގެ އޮޑިޓެއް ހެދީމައެވެ. ދަނޑު އެޅުން، ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލު ކުރަން މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހް ބޭރުކޮށްލި ސަބަބު ސާފެވެ.

ނަތީޖާއަކީ، މިއަދު، ސްޕޯޓްސް ކޯޕަރޭޝަނަކީ ފައިގަތަޅާ މުބާރާތް ހިންގާ ކުންފުންޏަކަށް ވުމެވެ. ނިމިގެން ދިޔަ އަހަރުގެ ސާފު ފައިދާ ހުރީ އެންމެ 2،000 ރުފިޔާގައިކަމަށް ރިޕޯޓްކޮށްފައިވެއެވެ. ދަނޑު އެޅުމަށް މިނިސްޓްރީން ހަވާލުކޮށްފައިވާ އެއްވެސް ކޮންޓްރެކްޓެއް ވަގުތަށް ނިންމާފައި ނުވާކަމަށް އެންމެ ފަހުން ވަޒީރު ވިދާޅުވީ ޖޫން 28 ވީ ބުދަ ދުވަހުއެވެ. އެއީ ވެސް ރައްޔިތުންގެ މަޖިހަށް ހާޒިރު ކުރުމުންނެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް