ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
"އަމީރުގެ ވިޔަފާރި ސިއްރުތައް ލީކުކޮށްލި ކަމަށްބުނެ، މުވައްޒަފަށް ފިޔަވަޅު އެޅީ ގޯސްކޮށް"
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ވިޔަފާރި ސިއްރުތަކެއް ލީކުކޮށްލި ކަމަށް ތުހުމަތުކޮށް އޭސީސީގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރަކަށް އެ ކޮމިޝަނުން ފިޔަވަޅު އަޅާފަވަނީ ގޯސްކޮށް ކަމަށް ވަޒީފާ އާއި ބެހޭ ޓްރިިބިއުނަލްއިން ނިންމައިފި އެވެ.
Advertisement

ވަޒީފާއާއި ބެހޭ ޓްރިބިއުނަލުން މި ނިންމުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާގެ މައްޗަށް އަޅާފައިވާ ފިޔަވަޅު އުވާލާ ވަޒީފާ އިއާދަކޮށްދިނުމަށް އޭސީސީއަށް އެ ޓްރިބިއުނަލުން ވަނީ އަންގާފަ އެވެ. 

އަމީރުގެ ވިޔަފާރި ސިއްރުތަކެއް ލީކުކޮށްލި ކަމުގެ ތުހުތުމަތުގައި އޭސީސީން ފިޔަވަޅު އަޅާފައިވަނީ އެ ކޯޕަޜޭޝަނުގައި 2016 ވަނަ އަހަރުން ފެށިގެން އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރަމުންދިޔަ އިބްރާހިމް އަލީ ނަމަކަށް ކިޔާ މުވައްޒަަފަކަށެވެ. 

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، އޭނާ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރަމުންދަނިކޮށް، "އޮއްވަޅު" ކިޔާ ފޭސްބުކް ޕޭޖެއްގައި ލީކުކޮށްލާފައިވާ މިނިސްޓަރު އަމީރުގެ ވިޔަފާރީ ގުޅުން ދައްކުވާދޭ ޗާޓަކީ، އިބްރާހިމް އަލީ ތައްޔާރުކުރަމުންދިޔަ ޗާޓެއް ކަމަށެވެ. 

އޭސީސީއަށް އެ މައުލޫމާތު ލިބުމުން، އިބްރާހިމް އަލީ ގުޅޭގޮތުން އެ ކޮމިޝަނުގެ ބެލި ޑިސިޕްލިނަރީ މައްސަލަ ތަހުގީގުކޮށް ނިންމި ގޮތުގެ ރިޕޯޓަށް ރިއާޔަތްކޮށް އޭސީސީން 2020ވަނަ އަހަރުގެ ޖުލައި ފަސްވަނަ ދުވަހު ނިންމީ، އޭނާގެ އެ އަމަލަކީ އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ސާބިތުވާ ކަމަށެވެ. 

އޭސީސީން އަލީއާއިމެދު އެޅި ފިޔަވަޅުތައް

  1. އަލީ ވަޒީފާ އަދާކުރަމުންދިޔަ އިންޓެލިޖެންސް ޔުނިޓުން، އިންވެސްޓިގެންޝަން ޔުނިޓަށް ބަދަލުކުރި
  2. އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި، އެ ޔުނިޓުގެ ހެޑެއްގެ ހައިސިއްޔަތުން އަލީ އަށް ދީފައިވާ އެކްސެސް ކަނޑާލި

އެއަހަރުގެ ޖުލައި ފަސްވަނަ ދުވަހުން ފެށިގެން އޭސީސީން އަޅާފައިވާ އެ އިސްލާހީ ފިޔަވަޅަކީ ވަޒީފާ އާއި ބެހޭ ގާނޫނޫނާއި، އޭސީސީގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށާއި، އަދި އޭސީސީން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާދިނުމަށް އެދި އަލީގެ ފަރާތުން ވަޒީފާ އާއި ބެހޭ ޓްރިބިއުނަލަށް މައްސަލަ ހުށަހެޅީ 2020ވަނަ އަހަރުގެ ޑިސެމްބަރު ހަވަނަ ދުވަހު އެވެ. 

އެމައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ޓްރިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އަލީ އާއި މެދު އަޅާފައިވާ އިސްލާހީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއް ކަމަށް ބުރަނުވެވޭ ކަމަށެވެ. އެހެންކަމުން އެ ފިޔަވަޅަކީ ބާތިލު ފިޔަވަޅެއް ކަމަށް ކަނޑައަޅާ، އެ ފިޔަވަޅާއި ގުޅޭ ލިޔެކިއުންތައް އަލީގެ ޕާޝަނަލް ރިކޯޑުން އުނިކުރުމަށް ވަނީ އޭސީސީ އަށް އަންގާފަ އެވެ. 

އަދި އެކަން ހަތްދުވަހުގެ ތެރޭގައި ތަންފީޒުކޮށް، އެކަންކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި އެކަމާއި ގުޅޭ ލިޔެކިއުންތައް ޓިރިބިއުނަލަށް ހުށަހެޅުމަށްވެސް އޭސީސީއަށް ވަނީ އަންގާފަ އެވެ. 

ލީކުވި ޗާޓަކީ ހެދި ޑީލެއް، މުވައްޒަފު އަމަލުކުރީ އޭސީސީގެ މަންފާއަށް

ވަޒީފާއާއި ބެހޭ ޓްރިބިއުނަލް އިން މި ނިންމުން ނިންމާފަވަނީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން އެ ތިން މެމްބަރުންގެ ވެސް އިއްތިފާގުން ނެވެ. 

އެގޮތުން އެޖަލްސާގެ ރިޔާސަތު ބެއްލެވި މެމްބަރު ލީލާ އިބްރާހިމް މަނިކުގެ ރައުޔުގައި ފާހަގަކޮށްފައިވަނީ، ލީކުވެފައިވާ ޗާޓަކީ މިނިސްޓަރު އަމީރު އާއި، މެޑްޓެކް މޯލްޑިވްސް އާއި، ރާއްޖެ ކުރޫޒް ޕްރައިވެޓު ލިމިޓެޑާއި އޮތް ވިޔަފާރީ ގުޅުމެއް ދައްކުވާދޭ ޗާޓެއް ކަމަށެވެ. އޭގެ އިތުރު ހަތަރު ފަރާތެއްގެ މައުލޫމާތުވެސް ވާކަމަށެވެ. 

އަދި މި ޗާޓު ކުރުހާދިނީ އަލީ ކަމަށާއި، އެ ޗާޓު ކުރުހާދީފަވަނީ، އިންޓެލް މައުލޫމާތެއް ހޯދުމުގެ ގޮތުން އަލީ އާއި އިންފޯމެންޓް(ސިއްރު މައުލޫމާތު ދިން ފަރާތް) އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އަދި މި ޗާޓު ތައްޔާރުކުރުމަށް ބޮލި ޑޭޓާބޭސް އަށް އަލީ އެކްސެސްވެފަވާ ކަމަށް އޭސީސީން ބުނިނަމަވެސް އެކަން އެގޮތަށް ކުރުމަށް އެއަށް އެކްސެސްވެފަ ނުވާނެ ކަމަށް އަލީ ބުނާ ކަމަށެވެ.

އަދި އެ ޗާޓަކީ "އިންފޯމަންޓެއް" ގެ އަތުގައި ހުރި މައުލޫމާތެއް ހޯދުމަށް ހެދިފައިވާ ޑީލެއްގެ ދަށުން އަލީ ކުރަހާދިން ޗާޓެއް ކަމަށްވާއިރު، އެއީ އެ ޗާޓުކުރަަހާ ދިނުމުން އޭސީސީގެ އިންޓެލިޖެންސް ޓީމަށް ބޭނުންވާ ސިއްރު މައުލޫމާތެއް ލިބޭގޮތަށް ހެދިފައިވާ "ޑީލެއް" ކަން ފާހަގަކޮށްފަ ވެއެވެ. 

އަދި އެއީ އިންވެސްޓިގޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން އޭނާގެ ވަޒީފާގެ މައްސޫލިއްޔަތުގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާގެ ރައުޔުގައި ބުނެފަވެ އެވެ. އަދި އެއީ ސީދާ އިންފޯމަންޓުގެ އަތުގައި ހުރި މައުލޫމާތެއް ކަމުން އެއީ ސިއްރު މައުލޫމާތަކަށް ނުވާނެ ކަމަށް ވެސް އެ ރައުޔުގައި ބުނެފަވެ އެވެ.

މީގެ އިތުރުން އެ ރައުޔުގައި ބުނެފައިވަނީ، އަލީ އެކަން ކޮށްފަވަނީ އޭނާގެ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިން އޭސީސީގެ މަންފާއަށް ވިސްނާފަ ކަމަށާއި، އިންފޯމެންޓު އަލީ އަށް ދިން މައުލޫމާތުގެ އިތުރުން، އިންފޯމެންޓަށް، އަލީގެ ފަރާތުން އެއްވެސް މައުލޫމާތެއް ދީފަ ނުވާކަމަށެވެ.

86%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް