ads
ދިވެހިރާއްޖޭގެ ފުރުތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނު
އަމީންގެ ވެރިކަން ނިމުނުގޮތާއި، ކުރި އަނިޔާގެ ތަފްސީލު ހިއްސާކޮށްދޭން އެދިއްޖެ
ދިވެހިރާއްޖޭގެ ފުރުތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތާއި އެމަނިކުފާނުގެ ނިމުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އާންމުންނަށް ހުޅުވާލައިފި އެވެ.
Advertisement

އެމައުލޫމާތު އެ އޮފީހާއި ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާ، އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރައީސް އަމީންގެ ވެރިކަން ނިމުނުގޮތާއި، ކުރި ދައުވާތަކުގެ ސީގާ އާއި، އެ ޝަރީއަތުގެ ސައްހަ މައުލޫމާތު ސާފުނުވާ ކަމަށެވެ. 

އޮމްބަޑްސްޕާސަންގެ އޮފީހުން ސާފުކުރަން ބޭނުންވަނީ

  • އެމަނިކުފާނަށް ކުރެވުނު އަނިޔާތަކަކީ ކޮބައިކަން؟
  • އަނިޔާކުރި މީހުންނަކީ ކޮބައިކަން؟
  • އަނިޔާކުރި މީހުންގެ މައްޗަށް އެއްވެސް ޝަރީއަތެއް ހިންގިފަވޭތޯ؟

އަމީންގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ އަދި އަމީންއާއިމެދު ލާއިންސާނީ އަނިޔާތަކެއް ހިންގާފަވަނީ އޭރުގެ ދައުލަތުގެ މުވައްސަސާތަކާއި، އެތަންތަނުގެ އިސްވެރިން ނިޒާމީ ސިފައެއްގައި ރާވާގެން ކަމަށް ބުނެ، އެމައްސަލަ ބަލާ އިންސާފު ހޯދާދިނުމަށް އެ އޮފީހަށް ވަނީ، މައްސަލައެއް ހުށަހެޅިފަ އެވެ.

އެމައްސަލަ ބެލުމަށް އެ އޮފީހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެއީ 1953 ހިސާބުގައި ހިނގާފައިވާ ގިނަ ދުވަސްވީ މައްސަލައަކަށް ވުމުން މައުލޫމާތު އެނގޭ ފަރާތްތަކުން އެ އޮފީހާއި އެމައުލޫމާތު ހިއްސާކުރުމަށް މިމަހުގެ ފަހަކުން 21 ނަންނޯޓު ކުރުމަށް ވަނީ ހުޅުވާލާފަ އެވެ. 

އެމަނިކުފާނަކީ ދިވެހި ގައުމަށާއި، ދިވެހި ދައުލަތަށް އަގުހުރި އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނު ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވީ 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެެވެ. ވެރިކަމުން ދުރުވެވަޑައިގަތީ ހަމަ އެ އަހަރުގެ އޮގަސްޓުމަހުގެ 21 ވަނަ ދުވަހު އެވެ. އަވަހާރާވީ، 1954 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހު އެވެ.

މުހައްމަދު އަމީން އަކީ ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ އަވަހާރަކޮށްލި ރައީސެކެވެ. 

ބުނެވޭގޮތުގައި، އަމީން ދޫނިދޫގައި ބަންދުކުރެއްވީ އޭނާ ވެރިކަމުން ވަކިކުރުމަށް ރައްޔިތުން ގެނައި އިންގިލާބަކަށްފަހު ސްރީލަންކާގެ ކޮޅުބުގައި ހުންނަވާފައި މާލެ ވަޑައިގަތުމުން ނެވެ. އެބަންދުގައި ކ.ދޫނިދޫގައި ހުންނަވަނިކޮށް ރޭއްވުނު ސިއްރު ރޭވުން ތަކެއްގެ މަތިން 31 ޑިސެމްބަރު 1953 ވީ ބުރާސްފަތި ވިލޭރޭގެ މެންދަމު އަމީން މާލެ ވަޑައިގަތުމުން އޭނާ އަށް ބައެއް ފަރާތުން ހާނިއްކަ އާއި އަނިޔާ ލިބުނީ އެވެ.

ބުނެވޭގޮތުން، އެމަނިކުފާނު މިދުނިޔެ ދޫކުރެއްވީ މިޒަމާނަށް އައިސް ދިވެހިންނަށް ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަމުގެ ތެރޭގައި ސިޔާސީ މަސްރަހުގައި ތިބި އަމިއްލަ އެދުމުން ފުރިގެންވާ ބައެއްގެ ކެހިވެރި ރޭވުމެއްގައި ހިންގި ވަރަށް ނުރައްކާތެރި ނާމާން ހަރަކާތް ގަނޑެއްގެ ތެރޭގައި އެމަނިކުފާނުންގެ ހަށިކޮޅަށް ދެވުނު ވަރަށް ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.

ޝަރީއަތަށް ސާބިތުވި ގޮތުގައި ފާމުދޭރިގޭ އިބްރާހީމް ހިލްމީ ދީދީގެ ރޭއްވެވުމުގެ މަތިން މުހައްމަދު އަމީން މާލެ ގެންނަވައި ގުޅަކުޅޭ ފަސްގަނޑުގައި ހިނގި ހަމަ ނުޖެހުމުގައި (21 އޮގަސްޓް 1953 ގައި) މުހައްމަދު އަމީންގެ ހަށިކޮޅަށް ވަރަށް ބޮޑު އަނިޔާ އާއި ގެއްލުން ލިބުނެވެ. އަމީން އަވަހާރަވީ އެރޭ ހިނގި ކަންތައްތަކަށްފަހު ކ.ގާފަރަށް އަރުވާލައްވާފައި ހުންނަވަނިކޮށް، ހާލު ބޮޑުވެގެން ކ.ވިހަމަނާ ފުއްޓަށް ގެންނެވުމަށްފަހު އެވެ.

އަވަހާރަވީ ލިބުނު އަނިޔާއަށް އެކަށޭނަ އެއްވެސް ޝިފާއެއް ލިބިވަޑައި ނުގެން، އޮންނަވާން ޖެހިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ނެވެ. 

އަމީން ފަސްދާނު ލެވިފައިވަނީ ވިހަމަނާފުށީގަ އެވެ. އެއީ މިހާރުގެ ކުރުނބާ ވިލެޖް ޓޫރިސްޓް ރިސޯޓެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް